އިންޑިއަން އައިޑޮލް

ފޭނުން ބުނަނީ މިފަހަރުގެ "އިންޑިއަން އައިޑަލް"އަކީ ޕަވަންދީޕް ކަމަށް

ސޮނީ ޓީވީގެ އިންޑިއަން އައިޑަލް 12 ގެ އެންމެ ފަހުން ދެއްކި އެޕިސޯޑުގައި ޝޯގެ އެންމެ މަގްބޫލު އެއް ލަވަކިޔުންތެރިޔާ ޕަވަންދީޕް ރާޖަން ކިޔައިދިން "ރިމް ޖިމް ގިރެ ސާވަން" ކިޔާލިލެއް ރީތިކަމުން އޭނާއަކީ މިފަހަރުގެ އިންޑިއަން އައިޑަލް ކާމިޔާބު ކުރާނެ ލަވަ ކިޔުންތެރިޔާ ކަމަށް ފޭނުން ނިންމައިފި އެވެ.

ޕަވަންދީޕްގެ އަސަރުގަދަ އަޑުން އެ ލަވަ ވިރުވާ އަޅާލިލެއް ފުރިހަމަ ކަމުން ވަރަށް ގިނަ ބައެއްގެ ހިތްތަކާ ވަނީ ކުޅެލާފަ އެވެ.
ސޯޝަލް މީޑިއާގައި ޕަވަންދީޕުގެ ފޭނުން ބުނަމުން ދަނީ އޭނާގެ އެ ލަވަ ހާ ރީތިކޮށް މިހާތަނަށް އެއްވެސް ލަވަކިޔުންތެރިއަކަށް ލަވަ ކިއިފައި ނުވާ ކަމަށެވެ. އަދި ޕަވަންދީޕް އަށް ވޯޓު ދިނުމަށް ގިނަ ބަޔަކު ދަނީ އިލްތިމާސް ކުރަމުންނެވެ.

ޕަވަންދީޕްގެ "ރިމް ޖިމް ގިރެ ސާވަން"

ޕަވަންދީޕް ފިޔަވައި ދެން މިފަހަރުގެ އިންޑިއަން އައިޑަލްގައި އެންމެ މަޝްހޫރުވެފައިވަނީ އަރުނީތާ ކާންޖީލާލް އެވެ. ޕަވަންދީޕް އާ އެއްވަރަށް އަރުނީތާ ގެ ވެސް ފޭނުން ތިބިކަން ސޯޝަލް މީޑީއާގައި މީހުން ޝެއާކުރަމުންދާ ޕޯސްޓުތަކުން ހާމަ ވެއެވެ.

އަރުނީތާއަށް ސަޕޯޓްކުރާ މީހުން ބުނަނީ އިންޑިއަން އައިޑަލްގެ މަދު ސީޒަނެއް ނޫނީ އަންހެން ލަވަކިޔުންތެރިއަކަށް ކާމިޔާބު ކުރެވިފައި ނުވާތީ މިފަހަރު އަންހެން ލަވަކިޔުންތެރިއަކަށް ވޯޓު ލައިގެން ހޮވައިދިނުމަށެވެ.

ޝޯގެ ބައިވެރިންތައް ވަކި ކުރަމުން ގޮސް މިހާރު އިންޑިއަން އައިޑަލްގައި ތިބީ އެންމެ ހަ ލަވަކިޔުންތެރިންނެވެ. މި ޝޯގެ ގްރޭންޑް ފިނާލޭ ވެސް ވަރަށް އަވަހަށް ބާއްވަން ދަނީ ތައްޔާރު ވަމުންނެވެ.