އިންޑިއަން އައިޑޮލް

ޕަވަންދީޕް "ވޮއިސް އޮފް އިންޑިއާ" ކާމިޔާބުކުރި

މިހާރު ސޮނީ ޓީވީން ދައްކާ "އިންޑިއަން އައިޑަލް" ގެ 12 ވަނަ ސީޒަންގެ ބައިވެރިންގެ ތެރެއިން އެންމެ ގިނަ ބަޔެއްގެ ތާއީދު ލިބެމުންދާ އެއް ލަވަކިޔުންތެރިއަކީ ޕަވަންދީޕް ރާޖަން އެވެ. ޕަވަންދީޕްގެ އަޑު ރީތި ކަމާއި އޭނާގެ ލަވަކިޔުމުގެ ކުޅަދާނަ ކަމުގެ ސަބަބުން ޝޯ ފެށުމާއެކު އޭނާގެ މަގްބޫލުކަން އިންތިހާއަށް އިތުރުވެފައި ވެއެވެ.

ނަމަވެސް ޕަވަންދީޕް އަކީ މިއުޒިކް ރިއަލިޓީ ޝޯތަކަށް އާ މޫނެއް ނޫނެވެ. ސަބަބަކީ "އިންޑިއަން އައިޑަލް" އަކީ އޭނާ ބައިވެރިވި ފުރަތަމަ މިއުޒިކް ރިއަލިޓީ ޝޯ އަށް ނުވުމެވެ.

މީގެ ކުރިން ޕަވަންދީޕް ވަނީ އެންޑްޓީވީގެ "ދަ ވޮއިސް އޮފް އިންޑިއާ" ގެ ފުރަތަމަ ސީޒަންގައި ބައިވެރިވެ އަދި އެ ޝޯ ކާމިޔާބު ވެސް ކޮށްފަ އެވެ. އެ ޝޯގައި ޕަވަންދީޕް ހިމެނުނީ ލަވަކިޔުންތެރިޔާ ޝާންގެ ޓީމުގަ އެވެ. އަދި 2015 ގައި އޭނާ ޝޯގެ އެއްވަނަ ހޯދައި ޓްރޮފީ ހާސިލު ކޮށްފައި ވެއެވެ.

އެ ޝޯގައި ޕަވަންދީޕް ބައިވެރިވިއިރު ހުންނަނީ މުޅިން އެހެން ސިފައެއްގަ އެވެ. އެހެންވެ ގިނަ ބަޔަކަށް އޭނާ އެ ޝޯގައި ބައިވެރިވި ކަން ނޭނގެ އެވެ. އޭރު އޭނާ ހުންނަނީ ވަރަށް ޒަމާނީ ސްޓައިލަކަށް ޕޮޕް ލަވަކިޔުންތެރިންގެ ސިފަ ޖެހިގެނެވެ. ނަމަވެސް "އިންޑިއަން އައިޑަލް" ގައި އޭނާ ހުންނަނީ ވަރަށް ރަށްފުށު މީހެއްގެ ސިފަ ޖެހިގެންނެވެ.

"އިންޑިއަން އައިޑަލް 12" އިގެ ގްރޭންޑް ފިނާލޭ ކައިރިވަމުން އަންނައިރު މިފަހަރުގެ ސީޒަން ކާމިޔާބު ކުރުމާ އެންމެ ގާތީ ޕަވަންދީޕް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ނަމަވެސް އިންޑިއަން އައިޑަލްގެ މަދު ސީޒަނެއް ނޫނީ އަންހެން ލަވަކިޔުންތެރިޔަކަށް ކާމިޔާބު ކުރެވިފައި ނުވާތީ އަރުނީތާ އަށް ތާއީދުކޮށް އޭނާއަށް އެއްވަނަ ހޯދައިދޭން ބޭނުންވާ މީހުން ވެސް މިފަހަރު ވަރަށް ގިނަ އެވެ.