މަރާލުމަށް ފަހު ހުޅުމާލޭގެ ސަރަހައްދެއްގެ މޫދަށް އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ މުހައްމަދު ރާއިފް އަންވަރަށް ދައުލަތުން ފޯރު ކޮށްދޭން ޖެހޭ އިޖުތިމާއީ ރައްކާތެރިކަން ފޯރު ކޮށްދިނުމުގައި ގާނޫނުތައް ރަނގަޅަށް ތަންފީޒު ނުކުރާތީ މަޖިލީހުގެ މެމްބަަރުން ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
ރާއިފް ފެނުނީ އަންގާރަ ދުވަހުގެ މެންދަމު 2:30 އެހާކަންހާއިރު ދެވަނަ ފިޔަވަހީގެ ސަރަހައްދަކުންނެވެ. ގދ. މަޑަވެއްޔަށް ނިސްބާތްވާ ރާއިފް މަރާލާފައި އޮއްވާ ފެނުމުގެ ކުރިން އޭނާ ރަހީނު ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް މިދިޔަ އާދީއްތަ ދުވަހު ފުލުހަށް ވެސް އޮތީ ހުށަހަޅައިފަ އެވެ. ފުލުހުން އައީ އެ މައްސަލަ ބަލަމުންނެވެ.
ރާއިފް އަންވަރަށް އިންސާފު ހޯދައި ދިނުމަށް އެދި މަޑަވެލީ ދާއިރާގެ މެމްބަރު މުހައްމަދު ފިރުޝާން މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ކުރި ބަހުސްގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ވިދާޅުވީ ރާއިފްއަށް އެ ހާލަތު ދިމާވީ އޭނާގެ ހާލަތު ކުރިން ވެސް ދައުލަތުގެ ސަމާލުކަމަށް އައިސްފައިވަނިކޮށް ކަމަށެވެ. އަދި އެފަދަ ހާދިސާތައް ހުއްޓުވަން ގާނޫނުތައް ރަނގަޅަށް ނުހިނގާ ކަމަށް ވިދާޅުވި އެެވެ.
"ރާއްޖޭގައި މިފަދަ އަނިޔާތައް މިހާރު ކުޑަކުދިންނަށް މިހާރު ކުރިމަތިވަމުން ދަނީ ކޮން ގާނޫނެއް ކޮން ގަވައިދެއް އޮފީހެއް ނެތިގެންތޯ. އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލެއް. އަޅުގަނޑުމެން އިތުރަށް ބައިވެރިވާން އޮތީ ކޮން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކޮން މުއާހަދާއެއްތޯ ކޮން ޕްރޮޓޮކޯލެއްތޯ ހިތައް އަރާ. މި ދެންނެވި މުއާަހަދާތަކާ ގާނޫނެއް ނެތިގެނެއް ނޫން މިކަންކަން ހިނގަމުން ދަނީ." ސަލީމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ޝަރީއަތްތަކާއި ތަހުގީގުތައް އަވަސްކުރަން ޖެހޭ ކަމަށާއި އަދި އެކަންކަން މިހާރު ހިނގަނީ އެދޭ ސްޕީޑްގައި ނޫން ކަމަށެވެ.
މައްޗަށް ގޯޅި ދެެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމްވެސް މިއަދު ވިދާޅުވީ ރާއިފްއަށް ދިމާވި ހާދިސާތައް ހުއްޓުވަން މިހާރުވެސް ގާނޫނުތައް އެބަހުރި ކަމަށާއި ނަމަވެސް ތަންފީޒުކުރުމުގައި މައްސަލަތައް އެބަހުރި ކަމަށެވެ.
އެގޮތުން ކުޑަކުދިންނާ ބެހޭ އެތައް ގާނޫނުތަކެއް މިހާރު ހުރި ނަމަވެސް އެ ގާނޫނުތައް ތަންފީޒުކުރުމުގައި ހުރި މައްސަލަތައް ބަލަން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.
"މިކަން ހިނގައިގެން ދިޔައިމަ އަޅުގަނޑުމެންނަށް އިވެމުން ދިޔަ ވާހަހަތަކަކީ މިއީ ހައިރާންވާން ޖެހޭކަމެއް ނޫނޭ. އަޅުގަނޑު ދެކޭގޮތުގައި މިއީ ހައިރާން ވާން ޖެހޭ ކަމެއް. ކުޑަކުއްޖަކު މަރާލައިފިޔޭ ކިޑްނެޕްކޮށްފިޔާ އަނިޔާކޮށްފިޔޭ މިއީ ކޮންމެ ދުވަހަކު އިވޭ އަޑެއް ނޫން. މިއީކީ އާންމުކަކަމަކަށް ހަދައިގެން އަޅުގަނޑުމެން ދޫކޮށްލާކަށް ނުޖެހޭ." ހައިތަމް ވިދާޅުވި އެވެ.
އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު މިއަދު ވިދާޅުވީ ރާއްޖެ ފަދަ ކުޑަކުޑަ ތަނެއްގައި އެފަދަ ކަމެއް ހިނގައިގެންދާ އިރު އެއަށްވުރެ ކަންކަން ރަނގަޅުކުރަން ޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ޜާއްޖޭގެ ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ފޯރުކޮށްދިނުމަށް މިއަށްވުރެ ބޮޑަށް ރަނގަޅުވާން ޖެހޭނެ ކަމަށެވެ.
ބަހުސްގައި ބައިވެރިވެލެއްވި އިދިކޮޅު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ ޖެންޑާ މިނިސްޓްރީގެ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދެމުން ދަނިކޮށް ރާއިފްއަށް އެފަދަ ހާދިސާއެއް ދިމާވުމުން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި ހާއްސަކޮށް ބެލެހެއްޓުމުގެ ނިޒާމުގެ ތެރެއަށް ކޮންމެނެސް ވަދެފައި އޮންނަ ކުއްޖަކަށް މި ބާވަތުގެ މައްސަލަތައް ކުރިމަތިވެގެންދިއުމަކީ އިތުރަށް ވިސްނަން ޖެހޭ ކަމެއް ކަމަށާއި މިފަދަ މައްސަލަ ދިމާނުވާނެގޮތަށް ކަންތައްތަ ތަރުތީބު ނުކުރެވޭނެމަ މިކަންކަން މަދުނުކުރެވޭނެ ކަމަށެވެ.
" ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން މިކަހަލަ މައްސަލަތަކުގެ ތެރެއަށް ވަންނަން ކިތަންމެ ވަރަކަށްވެސް މަސައްކަތް ކުރެވިދާނެ. ސުޕަ މެޖޯރިޓީއެއް އޮތީމަ އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަޖިލީހުގެ ދިގު އަތް ވަކި ހިސާބަކަށް ދިޔައިމަ ދެނެއް އޮފީސްތަކާ ހިސާބަށް ދިޔައިމަ ނުފޯރާ. ތަޅު އެޅުވެނީ އެއީ އަމިއްލައަށް ތިމާމެންގެ ސަރުކާރެއްގެ ބަދުނާމް ވާހަކަތައް ދައްކަން ޖެހޭތީ. އެ ވާހަކަތައް ނުދެއްކިގެންކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. މި ދައުލަތަކީ ފެއިލްވެފައި އޮތް ސަރުކާރެއް. މި ސަރުކާރުން މިހެން ދިމާވާ އެއްވެސް ކަމެއްގައި އިންސާފެއް ހޯދައިދެވިފައެއް އަދި މިހާތަނަކަށް ނެތް." ޝަރީފް ވިދާޅުވި އެވެ.