މިސްކިތް

މިސްކިތްތަކުގެ ހުރުމަތް ކަނޑާ މައްސަލަ މަޖިލީހަށް

މިސްކިތްތަކުގެ ހުރުމަތް ކަނޑާތީ އެކަން ހުއްޓުވައި މިސްކިތްތައް ބެލެހެއްޓުން އިތުރުކުރުމަށް މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް 31 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަކަމަށް ދެ މެމްބަރަކު ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ވެސް ދެ މެމްބަރަކު ތިއްބެވި އެވެ.

އާދަމް ޝަރީފް މައްސަލަ ހުށަހަޅުއްވާފައި މިވަނީ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރާ މައްސަލަ ވަރަށް ބޮޑަށް އިތުރުވެފައިވާ ވަގުތެއްގަ އެވެ. އަދި ހުޅުމާލޭގެ މިސްކިތެއްގެ ތެރޭގައި އަވަގުރާނަ ގޮވައި، މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަމުން ދަނިކޮށެވެ.

މިސްކިތްތަކުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން އާދަމް ޝަރީފް މިއަދު ވިދާޅުވީ ކޮވިޑާ ގުޅިގެން މިސްކިތްތައް ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި ބައެއް މީހުން މިސްކިތްތަކުގެ ގަދަރާއި ހުރުމަތް ކެނޑޭފަދަ ވިޔާނުދާ، ދީނާ ހިލާފު އަމަލުތައް ހިންގަމުންދާ ކަމަށެވެ. ހަމަ އެހެންމެ މިސްކިތަތްތަކުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި އެތަނުގައި ނިދާ ކާބޮއި ހަދަމުން ދިއުމަކީ ކަންބޮޑުވާ ކަމެއްގައި ވެސް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ މިސްކިތްތަކުގައި ހިނގަމުން އެދަނީ އިސްލާމީ މުޖުތަމައެއްގައި އެއްގޮތަކަށްވެސް ހިނގައިގެން ނުވާނެ ކަންތައްތަކެއް ކަމަށެވެ. އަދި އެއީ އިސްލާމީ ރިވެތި އުސޫލުތައް ވެސް ނެތިކޮށްލާ ފަދަ ނުބައި އަމަލުތަކެއް ކަމުގައިވެސް ވިދާޅުވި އެވެ.

އެހެންކަމުން މިސްކިތްތަކުގެ ހުރުމަތް ދަމަހައްޓައި، އެތަންތަނުގެ ރައްކާތެރިކަން ކަށަވަރުކޮށް، މިސްކިތްތައް ބެލެހެއްޓުން މިހާރަށް ވުރެ ހަރުދަނާކޮށް، މިސްކިތްތަކުގައި ހިންގާ ހަޑިމުޑުދާރު އަމަލުތައް ވަގުތުން ހުއްޓުވުމަށް އާދަމް ޝަރީފް ގޮވާލެއްވި އެވެ. މިސްކިތުގެ ގަދަރު ކުޑަވާފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ނަސޭހަތްދީ ގާނޫނީ ފިޔަވަޅު އެޅުމަށްވެސް އާދަމް ޝަރީފް ވަނީ ގޮވާލައްވާފަ އެވެ.