މޯލްޑިވްސް ޕޮލިސް ސާވިސް

ޑުރަގާއެކު ހަ މީހަކު ހައްޔަރު ކޮށްފި

Jun 23, 2021

އަތޮޅުތަކުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ހަ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަން ތަކުގައި ހަތަރު މީހަކު ހައްޔަރުކުރީ މިމަހުގެ 21 ވަނަ ދުވަހު އެވެ. އަނެއް ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކުރީ މިމަހުގެ 20 ވަނަ ދުވަހު އެވެ. އަނެއް މީހާ ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގަ އެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ހދ. ކުޅުދުއްފުއްޓާއި، ރ. ދުވާފަރާއި، މ. މުލަކާއި، ލ. މާވަށުގެ އިތުރުން ގދ. ގައްދޫގަ އެވެ. ހައްޔަރުކުރި އެންމެންނަކީ ވެސް ދިވެހިންނެވެ.

ކުޅުދުއްފުށިން ހައްޔަރުކުރީ 25 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނިފައިވެ އެވެ.

ދުވާފަރުން ހައްޔަރުކުރީ 29 އަހަރުގެ އަންހެނަކާއި 32 އަހަރުގެ ފިރިހެނެކެވެ. އަންހެން މީހާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވެ އެވެ. މައްސަލަ އާއި ގުޅުންހުރި ކަމަށް ބެލެވިގެން ފިރިހެން މީހާ މި މަހު 22 ވަނަ ދުވަހު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މުލަކުން ހައްޔަރުކުރީ 19 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ދިރުވާލާފައިވާ ކަމަށް ބެލެވިގެން ހޮސްޕިޓަލަށް ގެންގޮސް އެތަކެތި އޭނާގެ ހަށިގަނޑުން ނަގާފައިވާ ކަމަށެވެ. އެގޮތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 14 ސެލޯފިންކޮޅު ނަގާފައިވެ އެވެ.

މާވަށުން 45 އަހަރުގެ މީހަކު ހައްޔަރުކުރީ އެރަށު އަތިރިމަތިންނެވެ. އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެ އެވެ. އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ދީފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

މީގެއިތުރުން ގައްދޫ އިން ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތް ސެލޯފިންކޮޅު ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.