ދުނިޔެ

"އަސްކަރީ މަރުކަޒުތަކަށް ޖާގަ ދިނަސް ހަނގުރާމަ ނުހުއްޓޭނެ"

އިސްލާމްއާބާދުން، ވޮޝިންޓަނަށް އަސްކަރީ މަރުކަޒުތަކަށް ޖާގަ ދިން ނަމަވެސް، އެމެރިކާއަށް އަފްޣާން ހަނގުރާމަ ކާމިޔާބު ނުކުރެވޭނެ ކަމަށް ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެ އެވެ. ހާން ވިދާޅުވީ އެމެރިކާއަށް ޖާގަ ދީފި ނަމަ ޓެރަރިސްޓުންގެ ބަދަލު ހިފުމުގެ ހަމަލާތައް މުޅި ޕާކިސްތާނަށް އަމާޒު ކުރާނެ ކަމަށެވެ.

އެމެރިކާއިން ޓެރަރިޒަމާ ދެކޮޅަށް ކަމަށް ބުނެ އަފްޣާނިސްތާންގައި ފެށި ހަރަކާތްތަކަށް ޕާކިސްތާނުން އެއްބާރުލުން ދިނުމުން ޕާކިސްތާން ބަދަލުވެގެން ދިޔައީ ޓެރަރިސްޓުންގެ ހާއްޔަކަށް ކަމަށް އިމްރާން ވިދާޅުވި އެވެ. ތާލިބާނުންނާއި ކުދި ބޮޑެތި ހަނގުރާމަވެރި ގުރޫޕްތަކުން ޕާކިސްތާންގެ އަވަށްތަކުގައި ޖާނުން ގޮއްވާލައިގެން ދިން ހަމަލާތަކުގެ އަގު ދައްކަން ޖެހިފައިވާ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

އިމްރާން ވޮޝިންގްޓަން ޕޯސްޓްގައި ލިޔުއްވި ކޮލަމެއްގައި ވިދާޅުވެފައި ވަނީ ޑްރޯން ފަދަ ޒަމާނީ ހަތިޔާރު ބޭނުން ކޮށްގެން ޓެރަރިސްޓުން ނައްތާލަން އެމެރިކާއިން ކުރި މަސައްކަތްތަކުން އިތުރުވީ ދުޝަމަނުން ކަމަށާއި ތާލިބާނުން ގަބޫލުކުރާ ގޮތުގައި އެމެރިކާއާ ޕާކިސްތާނުންގެ ބައެއް މީހުންނަކީ އެމީހުންގެ ޖާނީ ދުޝްމަނުން ކަމަށެވެ.

އެމެރިކާއިން ދުނިޔޭގައި ނެއްހާ މޮޅު ހަތިޔާރާއި އަސްކަރީ ބާރުވެރިކަން ބޭނުން ކޮށްގެން އަދި އަފްޣާނިސްތާންގައި ތިބެގެން 20 އަހަރު ކުރި މަސައްކަތްތަކުން ނުލިބުނު ކާމިޔާބެއް އެހެން ގައުމެއްގައި ތިބެގެން ހޯދާނެ ގޮތެއް ވިސްނި ވަޑައިނުގަންނަވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާން ދޫކޮށް ފައިބައިގެން ދާއިރު ވިސްނަނީ އެ ސަރަހައްދުގެ ކޮންމެވެސް އެހެން ގައުމެއްގައި އަސްކަރީ މަރުކަޒުތަކެއް ބިނާ ކުރުމަށެވެ. އިސްލާމްއާބާދުން ވަރަށް ސާފުކޮށް އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހުއްދަ ނުދޭނެ ކަމަށް އޮތީ ބުނެފަ އެވެ.

އަފްޣާނިސްތާނުްގައި ސުލްހަ ގާއިމުކުރަން އެމެރިކާއަށް އެއްބާރުލުން ޕާކިސްތާނުން ދޭނެ ކަމަށް އިމްރާން ވިދާޅުވި އެވެ. އެހެން ނަމަވެސް އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބައިގެންދާ ދަނޑިވަޅެއްގައި ޕާކިސްތާނަށް ނުރައްކާ ކޮށްފާނެ އެންމެހާ ކަމަކުން ދުރުހެލިވާނެ ކަމަށް ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އަފްޣާނިސްތާން މިހާރު އޮތް ހާލަތުން މުހިންމީ ސިޔާސީ ހައްލެއް ކަމަށާއި ހަނގުރާމަ ކޮށްގެން ސުލްހަ ގާއިމު ނުކުރެވޭނެ ކަމަށެވެ. އެމަނިކުފާން ވިދާޅުވީ ހަނގުރާމަ ކުރެވިއްޖެ ކަމަށާއި މަޝްވަރާ މޭޒުދޮށަށް ގޮވާލަން ޖެހިފައިވާ ކަމަށެވެ.