ޕާކިސްތާން

ޕާކިސްތާންގެ ވިސްނުމަކީ އެމެރިކާއާ ގުޅުން ބަދަހިކުރުން: ބިލާވަލް ބުއްޓޫ

ޕާކިސްތާން އާއި އެމެރިކާ އަކީ މިހާރަށް ވުރެ ގުޅުން ގާތް ދެގައުމަށް ވާންޖެހޭ ކަމަށް ފޮރިން މިނިސްޓަރު ބިލާވަލް ބުއްޓޫ ޒަރުދާރީ ވިދާޅުވެއްޖެ އެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންއާ މަޝްވަރާ ކުރެއްވުމަށް ފަހު ބިލާވަލް ވިދާޅުވި ގޮތުގައި ދެގައުމުގެ ގުޅުން މާބޮޑަށް ވެސް ބަދަހިވާން ޖެހެ އެވެ.

"އަޅުގަނޑުމެ ދެގައުމުގެ ގުޅުން އޮންނަން ވާނީ އެއްދިމާއަކަށް ނަގިލިލެވިފައެއް ނޫން،" ބިލާވަލް ވިދާޅުވި އެވެ.

"ދެގައުމުގެ ވިސްނުމަށް ވާންޖެހޭނީ ގުޅުމުގެ ދާއިރާ ފުޅާކުރުމާއި ދެމެހެއްޓިނިވި ގޮތެއްގައި އެއްބާރުލުމުގައި ދެމިތިބުން،" ކަމަށް ވަޒީރު ވިދާޅުވި އެވެ.

ޕާކިސްތާން ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން މިއީ ބިލާވަލު އެމެރިކާއަށް ކުރައްވާ ފުރަތަމަ ދަތުރެވެ. މިއީ ދެގައުމުގެ ދެމެދުގައި ވީރާނާވެފައި އޮތް ގުޅުން ރަނގަޅު ކުރެވޭތޯ ވަޒީރު ކުރައްވާ ދަތުރެކެވެ.

ފޮރިން މިނިސްޓަރު ކަމަށް ބިލާވަލް އައްޔަން ކުރެއްވީ ޕާކިސްތާންގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް އެވެ. ބޮޑުވަޒީރުގެ މަގާމުގައި ކުރިން ހުންނެވި އިމްރާން ޚާންއަށް އިތުބާރު ނެތް ކަމަށް ގާނޫންހަދާ މަޖިލީހުން ފާސްކުރުމާއެކު އޭނާގެ ވެރިކަން ވަނީ ވެއްޓިފަ އެވެ.

އިމްރާން ޚާންއަށް ބޮޑުވަޒީރުގެ މަގާމުގައި ހުންނެވުން ބޮޑުކަމަކަށްވެ ވަޑައިގަތީ ރައްޔިތުން އުންމީދުކުރި ވަރަށް އިގުތިސޯދު ރަނގަޅު ނުވުމާއި އާންމުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ނުވުމެވެ.

އަފްޣާނިސްތާންގެ ވެރިކަން ތާލިބާނުން ޖަހައިގަތުން ދިފާއުކުރެއްވުމަކީ ވެސް އިމްރާންއަށް ކުރިވެމަތިވެ ވަޑައިގެންނެވި މައްސަލައެކެވެ.

އިމްރާން ގެންގުޅުއްވީ ދުނިޔޭގައި ނުފޫޒުގަދަ ގައުމުތަކާ ތަންކޮޅެއް ބީރައްޓެހި ވިސްނުމެވެ. އެހެންކަމުން އެމެރިކާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކުން ޕާކިސްތާން އޮތީ ބާކީކޮށްފަ އެވެ.

ސިޔާސީ ތަޖުރިބާކާރުން ދެކޭ ގޮތުން ބިލާވަލް އެމެރިކާއަށް ވަޑައިގެން ކިތަންމެ މަސައްކަތެއް ކުރެއްވި ނަމަވެސް، އެމެރިކާއިން ޕާކިސްތާންގެ އާސަރުކާރާއެކު އާގުޅުންތަކެއް ގާއިމުނުކުރާނެ އެވެ. އޭގެ ބަދަލުގައި ދެގައުމުގެ ދެމެދުގައި ކޮށިނާރާ ވަރަށް ހަމަހިމޭން ގުޅުމެއްގައި މުއާމަލާތްކުރާނެ އެވެ.