ވިޔަފާރީގެ ދާއިރާގައި މަސައްކަތް ކުރާ ދިވެހި އަންހެނުންނަށް "ވުމެން އޮން ބޯޑުސް" އިން އެވޯޑެއް ދޭން ނިންމައި، އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ވުމެން އޮން ބޯޑުސްގެ ރާއްޖޭގެ ގޮފީގެ ސީނިއަ މާކެޓިން އެގްޒެކެޓިވް އައިމިނަތު މައިހާ އަހުމަދު ވިދާޅުވީ މިއީ ވިމެން އޮން ބޯޑުން ރާއްޖޭގައި ހިންގާ މިފަދަ ފުރަތަމަ ހަރަކާތްކަމަށެވެ.
"މި އެވޯޑު ދެނީ ސަރުކާރު ކުންފުނިތަކާއި ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ އަންހެނުން. މި އެވޯޑަށް އެ ފަރާތްތައް ނޫނީ ކުންފުނިތަކުން އަމިއްލައަށް ކުރިމަތިލާން ޖެހެނީ،" މައިހާ ވިދާޅުވި އެވެ.
މި އެވޯޑަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި އެވޯޑު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ތެރޭގަ އެވެ. މި އެވޯޑުދޭ ދާއިރާތަކުގެ ތެރޭގައި ސަރުކާރާއި އަމިއްލަ ކުންފުނިތަކުގައި މަސައްކަތްކުރާ "ކޮމްޕެނީ ސެކްރެޓަރީ" އިންނާއި "ބެސްޓް ވުމެން މެނޭޖަރު" ގެ އިތުރުން ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ "ބެސްޓް ވުމެން ސީއީއޯ" އަދި ސަރުކާރާއި ޕްރައިވެޓް ސެކްޓާގެ ކުންފުނިތަކުގައި މަސައްކަތް ކުރާ "ބެސްޓް ވުމެން ޗެއާޕާސަން" ފަދަ ދާއިރާތައް ހިމެނެ އެވެ.
މައިހާ ވިދާޅުވީ މި އެވޯޑު ލިބޭ ފަރާތްތަކަށް ރަނގަޅު އިނާމު ތަކެއް ލިބޭނެ ކަމަށެވެ. އަދި އެވޯޑަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް "ވުމެން އޮން ބޯޑްސް މޯލްޑިވްސް" ވެބްސައިޓުން ފޯމު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަންނަ އަހަރު އެވޯޑު ބާއްވަނީ. އެވޯޑު ދޭ މީހުން ހޮވާނީ ވަރުގަދަ ޖަޖިން ޕެނަލްއަކުން. މި ޕެނަލްގައި ރާއްޖޭގެ ފުންނާބުއުސް ބޭފުޅުން ހިމެނޭނެ. މިކަމުގައި ރާއްޖޭގެ ވަރުގަދަ މީހުން ތިބޭނެ،" މައިހާ ވިދާޅުވި އެވެ.