ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އަނެއްކާވެސް އެދިއްޖެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ ފުލުހުން މެދުވެރިކޮށް އަލީގެ ފާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެދިފައިވާ ކަމަށެވެ. އަދި ފުލުހުން މިހާރު އެ އަމުރު ހޯދުމަށް ކޯޓުގައި އެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުރަތަމަ އަލީގެ ޕާސްޕޯޓު ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލްކުރުމާ ގުޅިގެން އޭނާ ރާއްޖެއިން ބޭރަށް ވަޑައިގެންފައި ވަނީ ފެބްރުއަރީ ނުވަ ވަނަ ދުވަހު އެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ކޯޓުން ވަނީ އޭނާ އުޅޭ އެޑްރެސް ހޯދުމަށް ދައުލަތަށް މުއްދަތެއް ދީފަ އެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ދައުލަތަށް އޭނާ އުޅޭ އެޑްރެސް ހޯދިފައިނުވުމުން ހައިކޯޓުން ވަނީ މައްސަލަ ބޭރުކޮށްލައިފަ އެވެ.
އިމިގްރޭޝަނުން އޭރު ބުނެފައި ވަނީ އަލީ ފުރައިގެން ދިޔައީ ތުރުކީވިލާތަށް ކަމަށެވެ. ހޯމަ ދުވަހު އޮތް އަލީގެ ޝަރީއަތުގެ އަޑުއެހުމަށް އޭނާ ހާޒިރުވީ އިނގިރޭސިވިލާތުގައި ހުރެގެން ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް ޕީޖީ އޮފީހުން ބުނީ އޭނާ އެދުވަހު ޝަރީއަތަށް ވަޑައިގަތީ ކޮންތަނަކު ހުރެގެންކަން ނޭންގޭ ކަމަށެވެ. އަދި ރާއްޖޭގެ ބާރު ނުހިނގާ ތަނެއްގައި ހުރެ ޝަރީއަތް ނުހިންގޭނެ ކަމަށާއި ކޯޓުން އެނިންމުން ނިންމި ގޮތް ހައިކޯޓުގައި އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމަށެވެ.
އަލީގެ ޕާސްޕޯޓް ހިފަހައްޓަން ކުރި އަމުރު ބާތިލުކުރީ ގާޒީ ހަސަން ސައީދެވެ. އެ މައްސަލަ ޖޭއެސްސީން މިހާރު ބަލަމުން އަންނައިރު އެ ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ގަޒިއްޔާތަކެއްގައި ދައުވާ ލިބޭ މީހާ ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރެއް ބާތިލު ކުރުމަށް ގާޒީ ހަސަން ސައީދު އަމުރު ނެރުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ގާނޫނު އަސާސީއާ ގާނޫނުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތްތަކާއި ހިލާފަށް އަމަލުކޮށްފައިވާ ކަމަށެވެެ. އަދި އެ އަމުރު ނެރުމުގައި ދައުވާ ލިބޭ ފަރާތުގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސް އެޅޭ ގޮތަށް އަދި ޖިނާއީ ދައުވާ ލިބޭ އެހެން ފަރާތްތަކާ މެދު އަމަލު ކުރާ ގޮތާއި ތަފާތު ގޮތަކަށް ކަން ކޮށްފައިވާ ކަމަށެވެ.