ޖޭއެސްސީ

މަރަދޫފޭދޫ ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މައްސަލަ ބަލަނީ

Jun 24, 2021

ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާހިމް ނަފީސް ހުސައިންގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ބަންދުން ދޫކޮށްލުމަށް ސ. މަރަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމުމުން، އެ މައްސަލަ އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހަޅައި، އެކޯޓުން ކަނޑައެޅި ގޮތަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބަންދު މުރާޖައާ ކޮށްދިނުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުގައި އެދުނު ކަމަށެވެ. ނަމަވެސް އެ ހުށަހެޅުން ބަލައިނުގަނެ އެކި ފަހަރު މަތިން އެދުމުންވެސް އެ ހުށަހެޅުމާ މެދު ގޮތެއް ނިންމާފައި ނުވާ ކަމަށް ބުނެ ނަފީސްގެ މައްސަލަ އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެކަމުގައި އިސްމެޖިސްޓްރޭޓް ނަފީސް އަމަލުކުރައްވާފައިވާ ގޮތާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގު ކުރުމަށް ނިންމީ ކޮމިޝަނުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ކަމަށްވެސް ޖޭއެސްސީން ބުނެ އެވެ. އަދި މި މައްސަލަ ތަހުގީގު ކުރުމަށް މިހާރު ވަނީ ކޮމިޓީއެއް އެކުލަވާލާފަ އެވެ.

ނަފީސްގެ މައްސަލަ ކޮމިޝަނަށް ހުށަހެޅި ފަރާތެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.