މޯލްޑިވްސް މީޑިއާ ކައުންސިލް

ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ޖޫރިމަނާކުރުން މީޑިއާ ކައުންސިލްއިން ކުށްވެރިކޮށްފި

މަރާލުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުޑަ ކުއްޖާގެ މައްސަލާގައި ހަބަރުތައް ފެތުރި ގޮތުން ހިތްހަމަ ނުޖެހޭކަން ހާމަކޮށް ޖެންޑާ މިނިސްޓްރީން "އަވަސް" ޖޫރިމަނާކުރި ކުރުން މޯލްޑިވްސް މީީޑިއާ ކައުންސިލްއިން ކުށްވެރިކޮށްފި އެވެ.

އަވަސް ޖޫރިމަނާ ކޮށްފައި ވަނީ 2000 ރ. އިންނެވެ. އެއީ މިނިސްޓްރީގެ ދަށުގައި އޮންނަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ ފަރާތުންނެވެ. ޖެންޑާއިން ބުނެފައިވާ ގޮތުގައި ކުއްޖާގެ މަރު މައްސަލައިގައި އަވަސް އިން ހަބަރު ފަތުރާފައި ވަނީ ކުޑަކުދިންގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށެވެ. އަވަސްގެ އިތުރުން އެހެން ތިން މީޑިއާއަކަށް ނެސޭހަތް ވެސް ވަނީ ދީފަ އެވެ.

ޖޫރިމަނާކުރި މައްސަލައާ ގުޅިގެން މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަރާލި ކުއްޖާގެ މައްސަލަތައް ކަވަރުކުރުމުގައި މީޑިއާތަކާއި މުއައްސަސާތަކުގެ މައުލޫމާތުތަކުގެ ވެސް މައްސަލަތަކެއް އެބަހުރި ކަމަށެވެ.

"މިސާލަކަށް އެބަ ބުނޭ ޒާތީ މައުލޫމާތުތައް ހާމަކުރަނިއްޔޭ. އެކަމަކު މަރާލި ކުއްޖާގެ މައުލޫމާތު މީޑިއާތަކަށް ދިނީ އެ ކުއްޖާގެ ބައްޕަަ. ކޮބައިތޯ މައްސަލައަކީ. ދެން ކުއްޖާގެ ފޮޓޯ ޖެހުން. އެކަމަކު މީގެ ކުރިން އިބްތިހާލުގެ ފޮޓޯވެސް މިޝްކާގެ ފޮޓޯ ވެސް ހަަމަ ޖެހީ. ދެން ބައެއް މީޑިއާތަކުން އެބަހުރި ކުއްޖާގެ ކަރާމާތައް އުނިކަން އަންނާނެ ގޮތަށް ލިޔެފައިވެސް" ޝަހުބާން ވިދާޅުވި އެވެ.

ޝަހުބާން ވިދާޅުވީ އަވަސް ޖޫރިމަނާ ކުރި އިރު އެ މައްސަލައާ ގުޅޭގޮތުން މީޑިއާ ކައުންސިލްއާ މަޝްވަރާވެސް ނުކުރާ ކަމަށެވެ. އަދި އެ މައްސަލައިގައި އަމަލުކުރާނެ ގޮތެއް ވަރަށް އަވަަހަށް ނިންމާނެ ކަމަށް ޝަހުބާން ވިދާޅުވި އެވެ.

މީޑިއާ ކައުންސިލުން ވަނީ ޖެންޑާ މިނިސްޓްރީ އިން ބައެއް މީޑިއާތައް ޖޫރިމަނާކޮށް އިންޒާރުގެ ލިޔުން ފޮނުވަމުންދާ މައްސަލަ ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.

"މިފަދަ މައްސަލަތަކުގެ ހައްލަކީ ޖޫރިމަނާކޮށް އަދަބު ދިނުންކަމުގައިވެސް މި ކައުންސިލުން ނުދެކެމެވެ. އަދި މި ބީދައިން މީޑިއާތައް ޖޫރިމަނާކޮށް އަދަބުދިނުމަކީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެއިން ފަހަކަށް އައިސް ކުރިއެރުންތައް ހާސިލްކުރަމުން ދަނިކޮށް ނޫސްވެރިކަމުގެ މިނިވަންކަމުގައި އެތައް ދަރަޖައެއް ފަހަތަށް ހިނގައިދާނެ ކަމެކެވެ." ޖޫރިމަނާއާ ގުޅުވައިގެން މީޑިއާ ކައުންސިލްއިން މިއަދު ނެރުނު ބަޔާނުގައި ވެއެވެ.

ކުޑަކުއްޖާގެ ހަބަރުތައް ގެނެސްދިން ގޮތާ ގުޅޭ މައްސަލަ މަޖިލީހުގެ މިނިވަން މުވައްސަސާތަަކުގެ ކޮމެޓީން ވެސް މިހާރު ބަލަމުންދާ އިރު މީޑިއާ ކައުންސިލްއިން ދަނީ ހަބަރުތައް ގެނެސްދިން ގޮތާ ގުޅޭ އެސެސްމަންޓްތައް ވެސް ހަދަމުން ނެވެ. އެ އެސެސްމަންޓްތައް ނުނިމެނީސް އެކި މީޑިއާތަކަށް ފިޔަވަޅު އަޅައި އިންޒާރުގެ ލިޔުން ފޮނުވައި އަދި ބިރުދެއްކުމުގެ އަމަލުތައް ނުހިންގަން މީޑިއާ ކައުންސިލް ވަނީ ގޮވާލައިފަ އެވެ.

ރާއިފްގެ ހަބަރުތައް ގެނެސްދިން ގޮތާ ގުޅޭ މައްސަލަ މަޖިލީހުގެ މިނިވަން މުވައްސަސާތަަކުގެ ކޮމެޓީން ވެސް މިހާރު ދަނީ ބަލަމުން ނެވެ. އަދި އެފަދަ މައްސަލަތައް ހައްލުކުރުމުގެ ގޮތުން މީޑިއާތައް ރެގިއުލޭޓްކުރުމާ ގުޅޭ ބިލު އެޓާނީ ޖެެނެރަލް އޮފީހުން އަވަހަށް މަޖިލީހަށް ފޮނުވަން އަންގަން ވެސް އިއްޔެ ކޮމެޓީން ފާސްކުރި އެވެ.