މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

"ޖެންޑާއިން ނޫސްތަކަށް ފިޔަވަޅު ވަނީ ގޯހުން"

ރަހީނުކޮށް މަރާލައިފައިވާ 13 އަހަރުގެ ކުއްޖާގެ މައްސަލައިގެ ހަބަރު ފެތުރި ގޮތުން ޖެންޑާ މިނިސްޓްރީން އަވަސް އޮންލައިން ޖޫރިމަނާކޮށް، ބައެއް އެހެން މީޑިއާ ހައުސްތަކަށް އިންޒާރު ދިނުމުގައި އަމަލު ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ން ބުނެފި އެވެ.

އެ މައްސަލާގައި އެމްއެމްސީގެ މެމްބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހާޒިރުކޮށް މެމްބަރުނާ މިއަދު ވަނީ ސުވާލުކޮށްފަ އެވެ.

އެމްއެމްސީގެ ރައީސް ޝަހުބާން ފަހުމީ މިއަދު ކޮމެޓީގައި ވިދާޅުވީ މީޑިއާ ހައުސްތައް ޖޫރިމަނާ ކުރުމަކީ އެމްއެމްސީން ގަބޫލު ކުރާ ކަމެއް ނޫން ކަމަށެވެ. އަދި ތަރައްގީ ވެފައިވާ ގައުމުތަކާއި ނޫސްވެރިކަމުގެ މިނިވަންކަން އޮތް ގައުމުތަކުގައި ވެސް މީޑިއާތައް ޖޫރިމަނާ ކުރުމަކީ ތަރުހީބު ދޭ ކަމެއް ވެސް ނޫން ކަމަށެވެ.

ޝަހުބާން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އައުމަށް ފަހުގައި އެންމެ ފުރަތަމަ ވެސް ނިންމީ ނޫސްވެރިން ޖޫރިމަނާ ކުރަން ކުރީގެ ސަރުކާރުން ހެދި ގާނޫނެއް އުވާލަން ކަމަށެވެ. ނަމަވެސް މިހާރު ނޫސްވެރިން ޖޫރިމަނާ ކުރަން ފެށުން އެމްއެމްސީއަށް ބަލައިގަންނަން ދަތިވާ ކަމަށެވެ.

"ގާނޫނު ބުނާގޮތުން ޖެންޑާ މިނިސްޓަރަށް މީޑިއާތަކަށް ފިޔަވަޅު އެޅޭނީ ތަހުގީގު ކުރުމަށް ފަހުގައި. ޖޫރިމަނާ ކުރުމާ އެމްއެމްސީން ދެކޮޅު ހެދި މައިގަނޑު ސަބަބަކީ ތަހުގީގު ކުރުމެއްނެތި އަދި ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީ ޖޫރިމަނާ ކުރުމުން،" ޝަހުބާން ވިދާޅުވި އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދު ބުނާ ގޮތުން މީޑިއާތަކުން ހަބަރު ގެނައުމުގެ އުސޫލާ ހިލާފު ވެއްޖެނަމަ އެކަން ރެގިއުލޭޓްރީ ބޮޑީއަކަށް ޖެންޑާ މިނިސްޓްރީން ހުށަހަޅަން ޖެހޭނެ އެވެ. ނަމަވެސް، ޖެންޑާ މިނިސްޓްރީން އެގޮތަށް އަމަލު ނުކުރާ ކަމަށް ޝަހުބާން ވިދާޅުވި އެވެ.

"މީޑިއާއެއް ޖޫރިމަނާ ކުރާނަމަ އެކަން ކުރީ ކޮން ހަބަރަކާ ގުޅިގެންކަން ބުނެ ދޭން ޖެހޭ. ނަމަވެސް ޖެންޑާ މިނިސްޓްރީން އެގޮތަށް އަމަލު ކޮށްފައެއް ނުވޭ. ޖޫރިމަނާ ކުރިގޮތުގެ ތަފުސީލު ހޯދަން ޖެންޑާގައި އެދިފައި ވެސް ވާނެ. ނަމަވެސް މިހާތަނަށް ޖަވާބެއް ނުލިބޭ،" ޝަހުބާން ވިދާޅުވި އެވެ.

ޝަހުބާން ވިދާޅުވީ ކުޑަކުއްޖާގެ ހަބަރު މީޑިއާގައި ގެނެސްދިންއިރު ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރާ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ކުޑަކުދިންގެ ހަބަރުތައް ގެނެސްދޭއިރު އަމަލު ކުރަން ޖެހޭ އުސޫލުތަކާ ހިލާފަށް ބައެއް ނޫސްތަކުން މައުލޫމާތު ފަތުރާފައިވާ ކަމަށެވެ. އެކަން ކުށްވެރިކޮށް މިދިޔަ މަހު 22 ގައި ނޫސްބަޔާނެއް ވެސް ނެރެފައިވާނެ ކަމަށެވެ.

ހަބަރުތައް ފަތުރާފައިވާ ގޮތް އެ ކައުންސިލުން ބެލިއިރު 44 އާޓިކަލްއެއްގައި ގާނޫނުތަކާއި ގަވައިދާ ހިލާފަށް ކުއްޖާގެ ވާހަކަ ލިޔެފައިވާކަން ފާހަގަ ކުރެވުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.