އެޗްއާރްސީއެމް

މައުލޫމާތަށް އެދުމުން ޑިފެންސުގެ ސިޓީއެއް އެޗްއާރުސީއެމަށް

Jun 24, 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން އެޗްއާރްސީއެމްގެ ތަހުގީގަށް މައުލޫމާތަށް އެދުމުން ޑިފެންސް މިނިސްޓްރީން ސިޓީއެއް ފޮނުވައިފި އެވެ.

ޑިފެންސް މިނިސްޓްރީން މައުލޫމާތު ހިއްސާކޮށްފައި މިވަނީ ހަމަލާއާ ގުޅިގެން އެޗްއާރްސީއެމުން އޮޅުން ފިލުވަން ބޭނުންވި މައުލޫމާތު އެ ކޮމިޝަނާ ހިއްސާ ނުކުރަނީ ޑިފެންސް މިނިސްޓްރީން ކަމަށް ވިދާޅުވެ އެޗްއާރްސީއެމްގެ މެންބަރު މުއުމިނާ ވަހީދު މީޑިއާގައި ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެެވެ.

ޑިފެންސް މިނިސްޓްރީން އެޗްއާރްސީއެމަށް މައުލޫމާތު ހިއްސާކޮށްފައި މިވަނީ އެ މައުލޫމާތު މި ހަފްތާގެ ނިޔަލަށް ހިއްސާ ނުކޮށްފިނަމަ އެޗްއާރްސީއެމްގެ ގާނޫނުގެ ތެރެއިން މައުލޫމާތު ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މުއުމިނާ ވިދާޅުވެފައި ވަނިކޮށެވެ.

ޑިފެންސް މިނިސްޓްރީން މައުލޫމާތު ހިއްސާކުރިތޯ އަވަސް އިން މިއަދު ސުވާލުކުރެއްވުމުން އެޗްއާރްސީއެމްގެ މެންބަރު ޑރ. އަހްމަދު އަދުހަމް އަބްދުﷲ ވިދާޅުވީ ޑިފެންސް މިނިސްޓްރީގެ ފަރާތުން ސިޓީއެއް ލިބުނު ކަމަށެވެ. އެ ސިޓީއާއި ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށާއި ނަމަވެސް ސިޓީގައި ހުރި މައުލޫމާތު މިވަގުތު ހިއްސާކުރެވެން ނެތް ކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީ އަށް ވަކިވަކި ސިފައިން ހާޒިރުކުރުމާ ދެކޮޅަށް ވެސް ޑިފެންސް މިނިސްޓްރީން މީގެ ކުރިން ވާހަކަދައްކާފައިވެ އެވެ. އަދި ސިފައިންގެ ގާނޫނާ ހަވާލާދީ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ޑިފެންސް މިނިސްޓްރީން މަޖިލީހަށް ވެސް އެންގި އެވެ. އެހެންނަމަވެސް ވަކިވަކި ސިފައިން މިހާރު ދަނީ މަޖިލީހުގެ އެންގުމަށް މަޖިލީހަށް ހާޒިރުވެ އިންކުއަރީ އަށް އެއްބާރުލުން ދެމުންނެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވެސް މި ހަފްތާ ވަނީ މަޖިލީހުގެ އިންކުއަރީ އަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންކުއަރީ މިމަހުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާއިރު އެޗްއާރްސީއެމްގެ ތަހުގީގު ނިންމާލެވޭނެ ވަކި ދުވަހެއް ކޮމިޝަނުން އަދި ހާމަކޮށްފައެއް ނުވެ އެވެ.