ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާއަށް ފަންޑްކުރި މީހުން ހޯދުމަށް ފުލުހުން ތަހުގީގުކުރީ ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކަމަށާއި ތަހުގީގުގެ ތެރެއިން ފަންޑް ކުރި މީހުން ހޯދިފައި ނުވާތީ ކަންބޮޑުވާ ކަމަށް ހަމަލާގެ ކަންކަން ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އައްޔަންކުރައްވާފައިވާ ހާއްސަ މަންދޫބު އައްބާސް ފާއިޒް ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދަށް މިދިޔަ އަހަރުގެ މެއި ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާއަށް އެއް އަހަރު ފުރުމާ ގުޅިގެން އައްބާސް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފަންޑް ކުރި މީހުން ހޯދުމަށް ފުލުހުން ތަހުގީގު ހިންގި ކަމަށެވެ. ފަންޑުކުރި މީހުން ހޯދުން މުހިއްމު ކަމަށްވާތީ ތަހުގީގު ފުޅާކުރަންޖެހޭ ކަމަށް އައްބާސް ވެސް ގަބޫލުކުރައްވަ އެވެ.
"ތަހުގީގުގެ މިހާތަނަށް ތުހުމަތުކުރެވޭ މީހުން ބޭރުން ފައިސާ އާއި ހަމަލާއަށް ހިތްވަރު ނުހޯދާ މިފަދަ ހަމަލާއެއް ރާވައި ހިންގުމަކީ ނުކުރެވޭނެ ކަމެއް ކަމުގެ ސައްހަ ކަންބޮޑުވުންތައް އެބަހުރ،" މަންދޫބް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށް ފުލުހުންގެ ތަހުގީގުގައި އެކަށީގެންވާ ހެކި ހޯދާފައިވާ ކަމަށެވެ.
އައްބާސް ވިދާޅުވި ގޮތުގައި ހަމަލާގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދިޔައީ ދެ ބަޔަކަށެވެ. އެއީ ހަމަލާ ތަހުގީގު ކުރުމާއި ހަމަލާއަށް ފަންޑު ކުރި މީހުންނާއި ހަމަލާގައި ބައިވެރިވި މީހުން ހޯދައި ތަހުގީގުކުރުން ކަމަށެވެ. ފަންޑު ކުރި މީހން ހޯދަންޖެހެނީ އެފަދަ ހަމަލާއެއް ތަކުރާރު ނުވާނެކަން ޔަގީންކޮށް، ސިޔާސީ މީހުންނާއި އާއްމުންނަށް ރައްކާތެރިކަން ހޯދައިދޭން ކަމަށްވެސް ބުނެފައިވެ އެވެ.
ޕްރޮސެކިއުޓާ ޖެނަރަލް ވެސް ފުލުހުންގެ ތަހުގީގު ހިނގާ ގޮތް ބަލައި ކުށް ސާތިކުރެވޭ ވަރަށް ހެކި ހުރިތޯ ޔަގީންކުރަމުން ދިޔަ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ރައީސް ނަޝީދާއި އެމަނިިކުކުފާނުގެ އާއިލާއާއި އަދި ތާއީދުކުރާ ފަރާތްތަކުން އެންމެ ބޮޑަށް ކަންބޮޑުވަނީ ޝަރީއަތްތައް ލަސްކަމުންނެވެ. އައްބާސްގެ ބަޔާނުގައިވެސް އެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެގޮތަށް މެދުވެރިވުމުން ޖިނާއީ އަދުލުގެ ނިޒާމަށް ކުރާ އިތުބާރާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު އޮންނާނެތީވެ ޝަރީއަތް އަވަސްކުރުމުގެ މުހިއްމު ކަން ޖޭއެސްސީއާއި އުއްތަމަ ފަނޑިޔާރުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ރައީސް ނަޝީދަށް ހަމަލާދީފައިވާ އެމަނިކުފާނުގެ ގެކޮޅު -- ގ. ކެނެރީގެ އިން ހަށިފާރަވެރިންނާ އެކު ނިކުމެވަޑައިގެން މަޖިދީ މަގުގައި އޮތް ކާރުކޮޅަށް އަރުއްވަނިކޮށް ރޭޒަރު ފުއް އަޅައިގެން ހަދާފައިވާ ބޮމެއް ގޮއްވާލައިގެންނެވެ. ހަމަލާ އާއި ގުޅިގެން 11 ރޭޒަރު ފުއް ނަޝީދު ހަށިކޮޅުން ޑޮކްޓަރުން ނަގާފައިވެ އެވެ.
ރައީސް ނަޝީދަށް ހަމަލާދިނުމާ ގުޅިގެން ނުވަ މީހަކަށް ދައުވާކުރި ނަމަވެސް މިހާތަނަށް ދަށު މަރުހަލާގައި ނިމިފައިވަނީ ހަމައެކަނި އެންމެ މީހެއްގެ ޝަރީއަތެވެ.