ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން އިތުރު ޕާޓީއެއް ނުހަދާނެ

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިތުރު ސިޔާސީ ޕާޓީއެއް ހައްދަވައިގެން މަސައްކަތްޕުޅު ކުރެއްވުމުގެ އެއްވެސް ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފި އެވެ.

އެ ޕާޓީން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީން ސިޔާސީ މަަސައްކަތްޕުޅު ކުރައްވާނީ ޕީޕީއެމް އާއި ޕީއެންސީއާ އެކުގައި ކަމަށެވެ. އަދި އެހެން އެއްވެސް ޕާޓީއަކާއި އަދި ސިޔާސީ ވަކިވަކި ބޭފުޅުންނާއެކު ސިޔާސީ މަސައްކަތެއް ނުކުރައްވާނެ ކަމަށެވެ.

"އަދި އިތުރު ސިޔާސީ ޕާޓީއެއް ހައްދަވައިގެން މަސައްކަތްޕުޅު ކުރެއްވުމުގެ ވިސްނުންފުޅު އެމަނިކުފާނު ނުގެންގުޅުއްވާ ވާހަކަ ދެންނެވިން،"

އެ ބަޔާނުގައި ބުނެފައި ވަނީ ރައީސް ޔާމީންގެ ނަންފުޅު ބޭނުން ކޮށްގެން އިތުރު ސިޔާސީ ޕާޓީއެއް ހެދުމަށް ނުވަތަ ސިޔާސީ މަންފާ ހޯދަން އެއްވެސް މަސައްކަތެއްގައި ޕީޕީއެމް އާއި ޕީއެންސީގެ ސަޕޯޓަރުންނާއި މެންބަރުން ބައިވެރި ނުވުމަށް އެދޭ ކަމަށެވެ.

ޕީޕީއެމުން މިފަދަ ބަޔާނެއް ނެރެފައިވަނީ ސިޔާސީ ބޭފުޅުންކޮޅެއް އެކުވެގެން ޕާޓީން ހަދަން މަަސައްކަތް ކުރާ ކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށެވެ.