މާލެ އާއި ވިލިމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ގާއިމު ކުރަން ޗައިނާ ކުންފުންޏަކާ ސަރުކާރުން ހަވާލުކޮށްފި އެވެ.
މި މަޝްރޫއު ހަވާލު ކޮށްފައި ވަނީ ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން ލިމިޓެޑް (ސީއެސްސީއީސީ) އާއެވެ. މި ސްޓޭޝަން ގާއިމު ކުރަން ސަރުކާރުން ސޮއިކުރީ އެންވަޔަރްމަންޓް މިނިސްޓަރު އައިޝަތު ޝައުނާ އެވެ. މި ކޮންޓްރެކްޓްގައި ސޮއިކުރީ އިއްޔެ އެވެ.
މާލެ އާއި ވިލިމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ޑިޒައިން ކުރުމާއި ގާއިމް ކުރުމުގެ އިތުރުން ބޭނުންވާ ސާމާނު ސަޕްލަައި ކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރާނެ އެވެ.
މި އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ މާލެ އާއި ވިލިމާލޭގައި ވޭސްޓް ޓްރާންސަފާ ސްޓޭޝަނެއް ގާއިމު ކުރުމާއެކު މާލެ އަދި ވިލިމާލޭން ތިލަފުއްޓަށް ކުނި އުފުލުމުގެ ކުރިން ކޮއިންޓެއިނާތަކުގައި ބަހައްޓާނެ ކަމަށާއި އޭގެ ސަބަބުން މޫދަށާއި ކަނޑަށް ކުނި އެޅޭ މައްސަލަ ހައްލުވާނެ ކަމަށާއި ކޮންޓެއިނަރުތަކުގައި ތިލަފުއްޓަށް ކުނި ގެންދާއިރު ނުބައި ވަސް ދުވުމުގެ މައްސަލައަށް ވެސް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގަކީ 11.7 މިިލިއަން ޑޮލަރެވެ. މި މަސައްކަތް އެއް އަހަރާއި ފަސް މަހުން ނިންމަ އެވެ.