ދުނިޔެ

ފްލޮއިޑްގެ މަރު: ޑެރެކް ޝޯވިން 22 އަަހަރަށް ޖަލަށް

އެމެރިކާގައި ޖޯޖް ފްލޮއިޑް މަރާލި ފުލުސް އޮފިސަރު، ޑެރެކް ޝޯވިން 22 އަހަރާ ހަމަަހަށް ޖަލަށްލާން ހުކުމް ކޮށްފި އެވެ. ފްލޮއިޑް 46، މަރާލީ މެއި 25، 2020 ގައެވެ. ހުކުމް ކޮށްފައި މިވަނީ އަހަރަކަށް ވުރެ ގިނަ ދުވަސް ފާއިތުވި ފަހުން އިއްޔެ އެވެ.

ފްލޮއިޑް މަރުވެފައި ވަނީ ފަހަތަށް ބިޑިއަޅުވައި ބިންމައްޗަށް ވައްޓާލައި އޭނާގެ ކަރަށް ޝޯވިންގެ ކަކުލުން އޮބައި ނުވަ މިނެޓް ވަންދެން ހިފެހެއްޓުމުން ނޭވާހާސް ވެގެންނެވެ.

ޝޯވިންއަށް ހުކުމް ކުރަމުން ފަނޑިޔާރު ޕީޓާ ކޭހެލް ވިދާޅުވި ގޮތުގައި ޑެރެކް ވަނީ އަދުލުވެރި މަގާމެއްގެ ބާރުވެރިކަން ނަހަމަ ގޮތުގައި ހިފާފަ އެވެ. އަދި ތަންފީޒީ އިދާރާއެއްގެ އަގުވައްޓާލާފަ އެވެ.

ޝޯވިންއަށް އިއްވާފައި ވަނީ 270 މަހުގެ ޖަލު ހުކުމެކެވެ. އަދި އޭނާ މިހާތަށް ބަންދުގައި ހޭދަކުރި 199 ދުވަސް އެ މުއްދަތުން ވަނީ އުނި ކޮށްފަ އެވެ.

ޖޯޖް ފްލޮއިޑް މަރާލި މައްސަލާގައި ޝޯވިން ވަޒީފާއިން ވަކިކޮށް ހައްޔަރުކުރި ނަމަވެސް ކަފާލާތުގެ ދަށުން 1.25 މިލިއަން ޑޮލަރު ދެއްކުމުން ފުރަތަމަ ބުރުގައި ދޫކޮށްލި ނަމަވެސް ކުށް ސާބިތުވުމާ ގުޅިގެން އަލުން ހައްޔަރުކުރީ އެވެ.

ޝޯވިންގެ މައްޗަށް އުފުލި ތިން ދައުވާ ވެސް ވަނީ ސާބިތުވެފަ އެވެ. އެއީ ކުރިއާލައި ރޭވުމެއް ނެތި އެކަމަކު ގަސްދުގައި މީހަކު މެރުމާއި މީހަކު މަރާލުމުގެ ވިސްނުމެއް ނެތި މާބޮޑަށް ބާރުގެ ބޭނުން ކުރުމުގެ ސަބަބުން މީހަކު މަރުވުން އަދި މީހަކު މަރަން ގަސްދު ނުކޮށް އަދި ކުރިއާލައި ރާވާފައި ނެތް ހާލަތެއްގައި މީހަކު މަރުވުމެވެ.

ޑެރެކް ޝޯވިންގެ މައްޗަށް ކުށް ސާބިތުވުމުން އޭނާ އެކަން އިންކާރު ކޮށްފައެއް ނުވެ އެވެ. އޭނާގެ މައްޗަށް އުފުލި ތިން ދައުވާއަށް ބަލާއިރު 40 އަހަރުގެ ޖަލު ހުކުމަކާއި 25 އަހަރު އަދި 10 އަހަރު، ޖުމުލަ 75 އަހަރު ޖަލު ހުކުމެއް އިއްވުމަކީ ވެސް އޮތް ފުރުސަތެކެވެ. އެހެން ނަަމަވެސް ފަނޑިޔާރު ވިދާޅުވީ ތަކުރާރުކޮށް ކުށްކުރާ މީހަކަށް ނުވާތީ އެންމެ ބޮޑު އަދަބު ޝޯވިންއަށް ނުއިއްވީ ކަމަށެވެ.

ޝޯވިން ކޯޓް ތެރޭގައި ބުނީ ފްލޮއިޑް މަރުވުމުން ހިތާމަކުރާ ކަމަށެވެ. އެކަމަކު މާފަކަށް ނޭދެ އެވެ.

ފްލޮއިޑް އާއިލާއިން ބުނީ ދޮން ނަސްލުގެ މީހެއްގެ މައްޗަށް ކަޅު ނަސްލުގެ މީހަކަށް ކޯޓުން ހައްގު ހޯދައިދީފި ކަމަށެވެ.