ދުނިޔެ

ބްރުކްސްގެ މަރު: ވަކި ކުރި ފުލުހަކަށް މަރުގެ ދައުވާ

Jun 18, 2020

އެޓްލާންޓާ (ޖޫން 18) - އެމެރިކާގެ އެޓްލާންޓާ ސިޓީގައި، ބަޑި ޖަހައި، ކަޅު ނަސްލުގެ މީހަކު މަރާލުމާ ގުޅިގެން، މިހާރު ވަޒިފާއިން ވަކިކޮށްފައިވާ ފުލުސް މީހާގެ މައްޗަށް މަރުގެ ދައުވާކޮށްފި އެވެ.

ރޭޝާޑު ބްރުކްސް، 27، މަރުވެފައި ވަނީ މިދިއަ ހުކުރު ދުވަހު ފުލުހުންނާ ހިނގި ކުރިމަތިލުމެއްގަ އެވެ. ފުލުހުންނާއެކު ކުރިމަތިލުމަކަށް ގޮސްފައި ވަނީ ޑްރައިވް ތުރޫ ރެސްޓޯރަންޓެއްގައި ކާރުގައި އިންދާ ބްރުކްސްއަށް ނިދުމާ ގުޅިގެންނެވެ. ރެސްޓޯރަންޓުގެ ފަރާތުން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ އެހެން ކާރުތަކަށް ނުދެވި، މަގު ބަންދުވެގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، މަސްތުގެ ހާލަތުގައި ހުރިތޯ ބެލުމަށް ހެދި ޓެސްޓު ފެއިލްވުމުން، ބްރުކްސް ހައްޔަރު ކުރަން އުޅުމުން، އޭނާ ވަނީ އެކަމާ ދެކޮޅު ހަދައި، ގަދަ ދައްކައިފަ އެވެ.

ނަމަވެސް، ފުލްޓަން ކައުންޓީގެ ޑިސްޓްރިކްޓް އެޓާނީ ޕޯލް ހޮވަޑް ޖޫނިއާ ވިދާޅުވީ، ބްރުކްސް ހައްޔަރުކުރާކަމެއް އޭނާ ގާތު ބުނެފައިނުވާ ކަމަށާއި، އެ ހާދިސާ ހިނގި 40 އަކަށް މިނެއްޓުގެ ތެރޭގައި އެއްވެސް މިންވަރަކަށް ފުލުހުންނަށް އިންޒާރުދީ، ނުރައްކަލެއް ކުރިމަތިކޮށްފާނެކަމުގެ އަމަލެއް ބްރުކްސް ހިންގާފައި ނުވާ ކަމަށެވެ.

އެ ހާދިސާ އާ ގުޅިގެން، ބްރުކްސް ގަޔަށް ބަޑިޖެހި ގެރެޓް ރޮލްފްގެ މައްޗަށް މަރުގެ ދައުވާއާއެކު ތަފާތު 11 ދައުވާއެއް ކޮށްފައިވާއިރު، އެ ދައުވާތައް ސާބިތުވެއްޖެނަމަ، އޭނާ އުމުރަށް ޖަލަށް ނޫނީ މަރުގެ ހުކުމެއް އަންނާނެކަމަށް ހޮވަޑް ވަނީ ވިދާޅުވެފަ އެވެ.

"ބަޑި ޖެހުމަށްފަހުވެސް، ގާތްގަނޑަކަށް ދެ މިނެއްޓާއި 12 ސިކުންތު ވަންދެން ސިއްހީ ފަރުވާވެސް ދީފައެއް ނުވޭ،" ހޮވަޑް ވިދާޅުވި އެވެ.

އަދި ބަޑިޖެހުމުން ބްރުކްސް ބިންމައްޗަށް ވެއްޓި، މަރަށް ތެޅެމުން ދިޔައިރު، ރޮލްފް ވަނީ ކޮޅުފައިންވެސް ތަޅާފައިކަމަށް ހޮވަޑް އިތުރަށް ވިދާޅުވި އެވެ.

ރޮލްފް އާ އެއްކޮށް އެތަނުގައި ހުރި އޮފިސަރު ޑެވިން ބްރޮސްނަން ވަނީ ރޮލްފް އާ ދެކޮޅަށް ހެކިބަސް ދޭން އެއްބަސްވެފައިކަމަށް ހޮވަޑް ވިދާޅުވި އެވެ.

ބްރޮސްނަންގެ މައްޗަށް ވެސް ތިން ދައުވާއެއް ކޮށްފައިވާއިރު، ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލުމަށް ދައުލަތުން ތާއީދުކުރާނެކަމަށް ހޮވަޑް ވިދާޅުވެފައިވެ އެވެ.

އެ މައްސަލާގައި، އާއްމުން ވަނީ މަގުތަކަށް ނުކުމެ މުޒާހަރާ ކޮށްފަ އެވެ. އަދި އެ ހާދިސާ ހިނގި ރެސްޓޯރަންޓުގައި ވެސް ވަނީ ހުޅުޖަހައިފަ އެވެ.

އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައި ވާއިރު، އެޓްލާންޓާގެ ފުލުހުންގެ އެންމެ އިސް ވެރިޔާ އެރިކާ ޝީލްޑްސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

މި ހާދިސާ ހިނގާފައިވަނީ، ޖޯޖު ފްލޮއިޑްގެ މަރާ ގުޅިގެން އެޓްލާންޓާގައި މުޒާހަރާތައް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އުމުރުން 46 އަހަރުގެ ޖޯޖް ފްލޮއިޑް މަރުވެފައި ވަނީ ދޮން ނަސްލުގެ ފުލުހަކު އޭނާގެ ކަރަށް ކަކުލުން އަރައިގެން ހުރުމުގެ ސަބަބުން ނޭވާ ހާސް ވެގެނެވެ. އޭރު އޭނާ ދިޔައީ ނޭވާ ނުލެވޭ ކަމަށާއި މަރާ ނުލަން އެދި ގޮވަމުންނެވެ.

ފްލޮއިޑް މަރުވި މައްސަލާގައި، މިހާރު ވަޒިފާއިން ވަކި ކޮށްފައިވާ ހަތަރު ފުލުހަކަށް ވަނީ ދައުވާ ކޮށްފަ އެވެ.

އެ މައްސަލާގައި އެމެރިކާގެ ގިނަ ސިޓީތަކުގައި އާއްމުން ނުކުމެ ކުރަމުންދާ މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުންތައް ވަނީ ހިނގާފަ އެވެ. ހަމަނުޖެހުންތަކުގެ ތެރޭ އިމާރާތްތަކުގައި ހުޅުޖަހައި، އާއްމުންގެ މުދާ ލޫޓުވައި، ބޮޑެތި ގެއްލުންތައް ވަނީ ދީފަ އެވެ.