ދުނިޔެ

ފްލޮއިޑް މަރާލި ފުލުހުގެ ކަފާލާތަށް 1.25 މިލިއަން ޑޮލަރު

Jun 9, 2020

މިނިއާޕޮލިސް (ޖޫން 9) - އެމެރިކާގެ މިނިއާޕޮލިސް ސިޓީގައި ފުލުހުންގެ ބެލުމުގެ ދަށަށް ކަޅު ނަސްލުގެ މީހަކު ގެންދަން އުޅުމުގެ ތެރޭގައި އޭނާ މަރުވި މައްސަލައާ ގުޅިގެން މަރުގެ ދައުވާކޮށްފައިވާ ކުރީގެ ފުލުސް މީހާގެ ކަފާލާތެއްގެ ގޮތުގައި 1.25 މިލިއަން ޑޮލަރު ކޯޓުން ކަނޑައަޅައިފި އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އުމުރުން 46 އަހަރުގެ ޖޯޖް ފްލޮއިޑް މަރުވެފައި ވަނީ ދޮން ނަސްލުގެ ފުލުހަކު އޭނާގެ ކަރަށް ކަކުލުން އަރައިގެން ހުރުމުގެ ސަބަބުން ނޭވާ ހާސް ވެގެނެވެ. އޭރު އޭނާ ދިޔައީ ނޭވާ ނުލެވޭ ކަމަށާއި މަރާ ނުލަން އެދި ގޮވަމުންނެވެ.

ފްލޮއިޑް މަރުވި މައްސަލާގައި، މިހާރު ވަޒިފާއިން ވަކިކޮށްފައިވާ ހަތަރު ފުލުހަކަށް ވަނީ ދައުވާ ކޮށްފަ އެވެ.

ފްލޮއިޑްގެ ކަރަށް ކަކުލުން އަރައިގެން ހުރި ޑެރެކް ޗައުވިން ނަމަކަށް ކިޔާ ފުލުސް މީހާގެ މައްޗަށް އުފުލާފައިވާ މަރުގެ ދައުވާ ވެސް މިހާރު އެއް ދަރަޖަ މަތިކޮށްފައިވާއިރު، އެތަނުގައި ތިބި އަނެއް ތިން ފުލުހުންގެ މައްޗަށް ވަނީ މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އުފުލައިފަ އެވެ.

ޓެލެކޮންފަރެންސް މެދުވެރިކޮށް ބޭއްވި 15 މިނިޓުގެ އަޑު އެހުމުގައި ޕްރޮސެކިއުޓަރުން ބުނެފައި ވަނީ ޗައުވިންގެ ކަފާލާތު ބޮޑު ކުރަން އެދުނީ އެ މައްސަލައިގެ ބާވަތުން ރައްޔިތުންގެ ރުޅިވެރިކަން މިހާރު ހުރި މިންވަރަށް ބަލައިފައި ކަމަށެވެ.

އެ އަޑުއެހުމުގައި، ދައުވާ އާ ގުޅޭގޮތުންވެސް ޗައުވިން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ. އެގޮތުން، ޗައުވިންގެ ކަފާލާތަށް 1.25 މިލިއަން ޑޮލަރު ކޯޓުން ކަނޑައެޅުމުން، ދިފާއީ ވަކީލު އެކަމާ ދެކޮޅު ހަދައިފައެއް ނުވެ އެވެ.

އެ މައްސަލާގައި އެމެރިކާގެ ގިނަ ސިޓީތަކުގައި އާއްމުން ނުކުމެ ކުރަމުންދާ މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުންތައް ވަނީ ހިނގާފަ އެވެ. ހަމަނުޖެހުންތަކުގެ ތެރޭ އިމާރާތްތަކުގައި ހުޅުޖަހައި، އާއްމުންގެ މުދާ ލޫޓުވައި، ބޮޑެތި ގެއްލުންތައް ވަނީ ދީފަ އެވެ.

ނަމަވެސް، ފާއިތުވި ދުވަސްތަކުގައި، މުޒާހަރާތަކުގެ ތެރެއިން ކާފިއުއާ ހިލާފަށް މަގުތަކަށް ނުކުތުމާއި ހަމަނުޖެހުން ހިންގުން ވަނީ މަދުވެފަ އެވެ. އެއާއެކު ގިނަ ސިޓީތަކުގައި އަޅާފައިވާ ސަލަމާތީ ފިޔަވަޅުތައް މިހާރު ވަނީ ލުއި ކުރަން ފަށައިފަ އެވެ.