ދުނިޔެ

ކަޅު ނަސްލުގެ މީހެއްގެ މަރާއެކު އެޓްލަންޓާގެ ފުލުހުންގެ ވެރިޔާ އިސްތިއުފާ ދެއްވައިފި

Jun 14, 2020

އެޓްލާންޓާ (ޖޫން 14) - އެމެރިކާގެ އެޓްލާންޓާ ސިޓީގައި، ފުލުހަކު ބަޑި ޖެހުމުގެ ސަބަބުން ކަޅު ނަސްލުގެ މީހަކު މަރުވުމާ ގުޅިގެން އެ ސިޓީގެ ފުލުހުންގެ އެންމެ އިސް ވެރިޔާ އިސްތިއުފާ ދެއްވައިފި އެވެ.

ރޭޝާޑު ބްރުކްސް، 27، މަރުވެފައި ވަނީ މިދިއަ ހުކުރު ދުވަހު ފުލުހުންނާ ހިނގި ކުރިމަތިލުމެއްގަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން، ފުލުހުންނާއެކު ކުރިމަތިލުމަކަށް ގޮސްފައި ވަނީ ޑްރައިވް ތުރޫ ރެސްޓޯރަންޓެއްގައި ކާރުގައި އިންދާ ބްރުކްސްއަށް ނިދުމާ ގުޅިގެންނެވެ. ރެސްޓޯރަންޓުގެ ފަރާތުން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ އެހެން ކާރުތަކަށް ނުދެވި، މަގު ބަންދުވެގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، މަސްތުގެ ހާލަތުގައި ހުރިތޯ ބެލުމަށް ހެދި ޓެސްޓު ފެއިލްވުމުން، ބްރުކްސް ހައްޔަރު ކުރަން އުޅުމުން، އޭނާ ވަނީ އެކަމާ ދެކޮޅު ހަދައި، ގަދަ ދައްކައިފަ އެވެ.

މަންޒަރު ދުށް މީހަކު ނަގާފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެތަނުގައި ތިބި ފުލުހުންނަށް ގަދަ ދެއްކުމަށް ފަހު، ބްރުކްސް ވަނީ އެއް ފުލުހެއްގެ ޓޭޒާ އަތުލައިގެން ފިލަން ދުއްވައިގެންފަ އެވެ. ނަމަވެސް، އަނެއް ފުލުސް މީހާގެ ޓޭޒާ ބޭނުންކޮށް ބްރުކްސް ފަހަތުން ދުއްވައި ގަންނަ މަންޒަރު ފެނެ އެވެ.

ތިން މީހުން ވެސް ވީޑިއޯއަށް ނާރާ ހިސާބަށްދާތާ އިރުކޮޅެއްގެ ތެރޭގައި، ބަޑިޖަހާ އަޑު އިވެ އެވެ. ދެން ފެންނަނީ ބްރުކްސް ބިން މައްޗަށް ވެއްޓިފައި އޮންނަ މަންޒަރެވެ.

ބްރުކްސް މަރުވެފައި ވަނީ ހޮސްޕިޓަލަށް ގެންދިއަ ފަހުންނެވެ. އަދި އެ ހާދިސާގައި އެތަނުން އެއް ފުލުހަކަށް ލިބުނު ޒަހަމްތަކަށް ވަނީ ހޮސްޕިޓަލުގައި ފަރުވާދީފަ އެވެ.

އެ މައްސަލާގައި، އާއްމުން ވަނީ މަގުތަކަށް ނުކުމެ މުޒާހަރާ ކޮށްފަ އެވެ. އަދި އެ ހާދިސާ ހިނގި ރެސްޓޯރަންޓުގައި ވެސް ވަނީ ހުޅުޖަހައިފަ އެވެ.

އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައި ވާއިރު، އެޓްލާންޓާގެ ފުލުހުންގެ އެންމެ އިސް ވެރިޔާ އެރިކާ ޝީލްޑްސް އިއްޔެ އިސްތިއުފާ ދެއްވިކަން އެ ސިޓީގެ މޭޔަރު ވަނީ ކަށަވަރު ކޮށްދެއްވައިފަ އެވެ.

އެ ހަދިސާއާ ގުޅިގެން އެއް ފުލުހަކު ވަޒީފާ އިން ވަކިކޮށްފައިވާއިރު، އަނެއް ފުލުސް މީހާއަށް ވަނީ ގޭގައި މަޑުކުރަން އަންގައިފަ އެވެ. މަންޒަރު ދުށް މީހުން ނަގާފައިވާ ވީޑިއޯތަކާއި އެ ހާދިސާ ހިނގި ރެސްޓޯރަންޓުގެ ސީސީޓީވީ ފުޓޭޖުތަކުގައި އަލީ އެ ހާދިސާ ދަނީ ތަހުގީގު ކުރަމުންނެވެ.

ނަމަވެސް، ބްރުކްސްގެ އާއިލާ އިން ބުނި ގޮތުގައި، ބްރުކްސްގެ އަތުގައި ބަޑިއެއް ނެތް އިރު، ފިލަން އުޅުނު ކަމުގައި ވިޔަސް، ފުލުހުންނަށް ބަޑި ޖެހުމުގެ ހައްގެއް ނޯންނާނެ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ، ޖޯޖު ފްލޮއިޑްގެ މަރާ ގުޅިގެން އެޓްލާންޓާގައި މުޒާހަރާތައް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އުމުރުން 46 އަހަރުގެ ޖޯޖް ފްލޮއިޑް މަރުވެފައި ވަނީ ދޮން ނަސްލުގެ ފުލުހަކު އޭނާގެ ކަރަށް ކަކުލުން އަރައިގެން ހުރުމުގެ ސަބަބުން ނޭވާ ހާސް ވެގެނެވެ. އޭރު އޭނާ ދިޔައީ ނޭވާ ނުލެވޭ ކަމަށާއި މަރާ ނުލަން އެދި ގޮވަމުންނެވެ.

ފްލޮއިޑް މަރުވި މައްސަލާގައި، މިހާރު ވަޒިފާއިން ވަކި ކޮށްފައިވާ ހަތަރު ފުލުހަކަށް ވަނީ ދައުވާ ކޮށްފަ އެވެ.

އެ މައްސަލާގައި އެމެރިކާގެ ގިނަ ސިޓީތަކުގައި އާއްމުން ނުކުމެ ކުރަމުންދާ މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުންތައް ވަނީ ހިނގާފަ އެވެ. ހަމަނުޖެހުންތަކުގެ ތެރޭ އިމާރާތްތަކުގައި ހުޅުޖަހައި، އާއްމުންގެ މުދާ ލޫޓުވައި، ބޮޑެތި ގެއްލުންތައް ވަނީ ދީފަ އެވެ.