އެމްއެންޑީއެފް

ސިފައިންގެ ފްލެޓްތަކުގައި ތަމްރީނުތަކެއް

Jun 26, 2021

ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ހޯދައި ދޭން ހުޅުމާލޭގައި އިމާރާތްކުރަމުންދާ "ސިފްކޯ ހިޔާ" ފްލެޓްތަކުގައި ތަމްރީންތަކެއް އެމްއެންޑީއެފްއިން ކުރިއަށް ގެންގޮސްފި އެވެ.

މިއަދު މެންދުރު އެ ފްލެޓްތަކުގައި ކުރިއަށް ގެންދިޔައީ އަލިފާނުގެ ހާދިސާތަކާ ގުޅިގެން ހިންގާ "ރެސްކިއު އޮޕަރޭޝަން" ގެ ފަރިތަކުރުން ތަކެކެވެ. އެ ފަރިތަކުރުންތަކުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް ބޭނުންކުރާ (ޓާނިން ޓޭބަލް ލެޑާ) ވެހިކަލް ބޭނުންކޮށްފައި ވެއެވެ.

ދެހާސް ތޭރަ ވަނަ އަހަރު ފެށި ސިފްކޯ ހިޔާގެ ފްލެޓްތަކުގެ މަސައްކަތް އަދިވެސް ނުނިމެ އެވެ. އެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުވީ ނޫމަޑި ރިސޯޓް އެންޑް ރެޒިޑެންޓްސްއެވެ. ނަމަވެސް މަސައްކަތް ކުރިއަށް ނުގޮސް ހުއްޓުމުން މަސައްކަތް ފަހުން ދިނީ އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑަށެވެ

ސިފްކޯހިޔާގައި ހިމެނެނީ، ސޯޝަލް ހައުސިން ޔުނިޓްތަކަށްވުރެ ލަގްޒަރީ ފެންވަރުގެ ތިން ކޮޓަރީގެ އެޕާޓްމަންޓެވެ. ތިން ޓަވަރު ހިމެނޭ ގޮތަށް އިމާރާތްކުރާ މި ފްލެޓްތަކުގެ ކޮންމެ އެޕާޓްމެންޓެއްގައި ވެސް 900 އަކަފޫޓު ހުރެއެވެ. ސިފްކޯ ހިޔާ ގައި ހިމެނެނީ 330 ފްލެޓެވެ.