އަބަދުވެސް ދެމިއޮންނާނީ ޕާޓީ ބިނާވެގެންވާ އަސްލުތައް ނަގަހައްޓައި ކުރިއެރުވުމަށާއި ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދިނުމަށް ކަމުގައި އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން މިހެން ބުނީ މިއަދު ފާހަގަކުރާ އެ ޕާޓީގެ 16 ވަނަ އަހަރީ ދުވަހާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.
އެމްޑީޕީގެ ބަޔާނުގައި ވަނީ ޕާޓީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ޖެހިފައި މިވަނީ ޕާޓީގެ އެންމެހައި މެމްބަރުންނަށާއި ޕާޓީއަށް ތާއީދުކުރާ މީހުންނަށް ނުހަނަ ބޮޑު ސިހުމަކާއި ހިތާމައެއް ލިބިފައިވާ ވަގުތެއްގައި ކަން ފާހަގަކޮށްފަ އެވެ.
"މި ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި، އެމަނިކުފާނުގެ ފުރާނަފުޅު ކިރިޔާ ސަލާމަތްވެ، ޒަހަމްކޮށްލާފައިވާ ވަގުތެއްގަ އެވެ."
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަކީ އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ހަމަލާއެއްގެ އިތުރަށް ޕާޓީގެ ފިކުރާއި ޕާޓީ ބިނާވެފައިވާ އަސްލުތަކަށާއި ޕާޓީގެ ނުގުޑާ އަޒުމަށާއި ހިތްވަރަށް ދިން ހަމަލާއެއްގެ ގޮތުގައިވެސް ބަޔާނުގައި ސިފަކޮށްފައިވެ އެވެ.
ރައީސް މުހައްމަދު ނަޝީދާ ހަވާލާދީ އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ އެމްޑީޕީގެ ފިކުރަކީ ގައުމުން ފޮހެލެވޭނޭ ފިކުރެއް ނޫން ކަމަށެވެ. އެމްޑީޕީ އަކީ ދިވެހިންނަށް ސިޔާސީ، އިޖުތިމާއީ، އިގްތިސޯދީ އަދި ފަރުދީ މިނިވަންކަމާއި، އިންސާނީ ހައްގުތަކާއި، އިންސާފު ހޯދައިދިނުމުގެ މައްޗަށް ބިނާވެގެން ވަކާލާތުކުރާ ފިކުރެއް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
"އަދި މިއީ ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރެސީގެ ހަޔާތް ދިވެހިރާއްޖޭގައި ފެށުމުގެ އަސްލެވެ. މި ޕާޓީން ދިވެހިންނަށް ހޯދައިދީފައިވާ ކާމިޔާބީއާއި ކުރިއެރުންތަކުގެ ސަބަބުން ރައްޔިތުންގެ އުއްމީދާ އެންމެ ބޮޑަށް ގުޅިފައިވަނީ މި ޕާޓީ ކަމާމެދު ޝައްކެއް ނެތެވެ." ބަޔާނުގައިވެ އެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައީސް ނަޝީދަށް ދިން ހަމަލާ އަކީ އެމްޑީޕީގެ އަޒުމާ، ހިތްވަރާއި، ސާބިތުކަމަށް ގުޑުން ގެނައުމަށްޓަކައި ދިން ހަމަލާއެއް ކަމަށެވެ. ނަމަވެސް ހަމަލާއަށް ފަހު ވެސް އެމަނިކުފާނާއި ޕާޓީ އަބަދުވެސް ދެމި އޮންނާނީ ޕާޓީ ބިނާވެގެންވާ އަސްލުތައް ނަގަހައްޓައި ކުރިއެރުވުމަށާއި ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދިނުމަށް ކަމަށްވެސް ވަނީ ބުނެފަ އެވެ.
އެމްޑީޕީގެ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ ޖޫން 26، 2005 ގައެވެ.