އިނގިރޭސި ހެލްތު މިނިސްޓަރު، މެޓް ހެންކޮކް އިސްތިއުފާ ދެއްވައިފި އެވެ. މިނިސްޓަރު އިސްތިއުފާ ދެއްވާފައި މިވަނީ އަންހެން އެހީތެރިއަކާއެކު މިނިސްޓަރުގެ އޮފީހުގައި ކައިވެނިން ބޭރު ގުޅުމެއް ހިންގައި ފަލީހަތްވުމާ ގުޅިގެނެވެ.
އިނގިރޭސިވިލާތުގައި ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރި މަސައްކަތްތަކުގައި ބުރަ މަސައްކަތްތަކެއް މެޓް ހެންކޮކް ކުރެއްވި ނަމަވެސް ނޫސްތަކުން ލީކުކޮށްލި މަންޒަރުތަކުން ފެންނަނީ ގައިދުރުކަމެއް ނެތި މިނިސްޓަރު އުޅުއްވާ މަންޒަރެވެ.
ހެންކޮކް އަދި އޭނާގެ އެހީތެރިޔާއަކީ ވެސް ކައިވެނި ކޮށްގެން އުޅޭ ދެމީހުންނެވެ. އަނެއްކޮޅުން ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނަވައި މިފަދަ ދަނޑިވަޅެއްގައި ހެންކޮކް އަމަލުތައް ބަހައްޓަވާފައި ވަނީ އަދަބު ކުޑަ، ލަދުކުޑަ ދަރަޖާގަ އެވެ. މި މައްސަލާގައި އޭނާގެ ސިޔާސީ ވަދަވެރިންނާއި އާންމުންގެ ފަރާތުން ޕްރެޝަރާ ކުރިމަތިވެ ވަޑައިގެންނެވި ނަމަވެސް ފުރަތަމަ ނިންމެވީ މަގާމުގައި ދެމިހުންނެވުމަށެވެ.
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ ހެންކޮކްގެ ހިމާޔަތުގަ އެވެ. ހޭންކޮކް ވެސް ބޮޑަށް މަސައްކަތްކުރެއްވީ މީހެއްގެ އަންބެއްގެ ގައިގައި ބީހުމަށް ވުރެ ބޮޑު ކުށަކީ ކޮވިޑްގެ ހާލަތުގައި ގައިދުރުކަަން ބެހެއްޓެވުމަށް ހަނދުމަފުޅު ނެތުންކަން ދެއްކެވުމަށެވެ. އެެހެން ނަމަވެސް ޕްރެޝަރުގައި ޖެހިވަޑައިގެން އިސްތިއުފާ ދެއްވައި ބޮޑުވަޒީރަށް ސިޓީ ފޮނުއްވީ އެވެ.
ބޮޑުވަޒީރު ވިދާޅުވީ ދެރަވެ ވަޑައިގެންފި ކަމަށާއި ހެންކޮކް ކޮށްދެއްވި މަސައްކަތްތައް އަބަދު ވެސް ޝުކުރުވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.