އިނގިރޭސިވިލާތުގައި ކޮވިޑުން ރައްކާތެރިވާން ސަރުކާރުން ދަމަހައްޓަމުން ގެންދާ ފިޔަވަޅުތައް ދޫކޮށްލަން ޖެހިފައިވާ ކަމަށް ހެލްތު ސެކްރެޓަރީކަމާ އަލަށް ހަވާލުވެ ވަޑައިގެންނެވި ސާޖިދު ޖާވިދު ވިދާޅު ވެއްޖެ އެވެ.
އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ސާޖިދު ވިދާޅުވީ ޖުލައި 19 އަށް ވުރެ މުއްދަތު ދެން އިތުރު ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.
ސާޖިދު ވިދާޅުވީ ވައިރަސް ނައްތާލުމަކީ އިނގިރޭސި ސަރުކާރަށް ވެސް ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ކޮވިޑް ވައިރަހާއެކު އާންމުން އުޅެން ދަސް ކުރަންވީ ކަމަށެވެ.
އާންމުން ބަންދު ކޮށްގެން ގެންގުޅެވޭނީ ވަކި މުއްދަތަކަށް ކަމަށް ވިދާޅުވެ ޖާވިދު ވިދާޅުވީ މިހާރު ދެން އާންމު ދިރިއުޅުމަށް ބަދަލު ވާންވީ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން ސަރުކާރުން އާންމުންގެ ދުޅަހެޔޮ ކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅި ނަމަވެސް ލޮކްޑައުންގެ ބިރުވެރިކަން ދޫކޮށްލަން ފެނިވަޑައިގަންނަވާ ކަމަށެވެ.
އިނގިރޭސިވިލާތް ނޫނަސް ދުނިޔޭގެ ގައުމުތަކުން މިހާރު ވިސްނަނީ ކޮވިޑް ވައިރަހާއެކު އުޅޭނެ ގޮތް އާންމުންނަށް ދަސްކޮށް ދިނުމަށެވެ. ސިންގަޕޫރުން ވެސް ބުނަނީ ހަމަ އިނގިރޭސިން ބުނިހެން ކޮވީޑަކީ އާންމު ރޯގާއެއް ގޮތުގައި ބަލައި އާދައިގެ ހާލަތަށް ރުޖޫއަވުމަށެވެ.
ގައުމުތަކުން އާ އާދައިގެ ހާލަތަށް ރުޖޫއަ ވާއިރު ވަކި އުސޫލުތަކަކަށް އަމަލުކުރި ނަމަވެސް ހަރުކަށި އުސޫލުތަކެއް ނުގެންގުޅޭނެ ކަމަށް ބުނެ އެވެ. ސާޖިދު ވިދާޅުވީ އިނގިރޭސިން ވެސް ވަކި އުސޫލުތަކެއް ދަމަހައްޓާނެ ކަމަށެވެ.