މީރާ

ދައުލަތައް ލިބުނު އާމްދަނީ 15 ޕަސެންޓް މައްޗަށް

Nov 16, 2015

މި އަހަރުގެ މިހާތަނަށް ދައުލަތައް ލިބުނު އާމްދަނީ 15 ޕަސެންޓް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާ އިން ނެރެފައިވާ މިދިޔަ މަހުގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ދައުލަތައް 11.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ 10 މަސް ދުވަހު ލިބުނު އަދަދަށް ވުރެ 15.5 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާ އިން ބުނީ މިދިޔަ މަހުގެ އާމްދަނީ އިތުރުވި އެއް ސަބަބަކީ ޖީއެސްޓީ އާއި ބީޕީޓީ އިން ލިބުނު އާމްދަނީ އިތުރުވުމެވެ.

"މި އޮކްޓޫބަރު މަހު ބަލައިގަނެފައިވާ އާމްދަނީ އިތުރުވެފައިވާ މައިގަނޑު ސަބަބަކީ ޖެނެރަލް ޖީއެސްޓީ ގެ ގޮތުގައި ބަލައިގަނެފައިވާ ފައިސާގެ އަދަދު 23.5 ޕަސެންޓް އިތުރުވުމާއި ޓީޖީއެސްޓީ ގެ ގޮތުގައި ބަލައިގަނެފައިވާ ފައިސާގެ އަދަދު 27.4 ޕަސެންޓް އިތުރުވުމެވެ،" މީރާ އިން ބުނެފައިވެ އެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުން އޮކްޓޫބަރު މަހު 717.7 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ބަލައިގެންފައިވެ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 6.1 ޕަސެންޓުގެ އިތުރުުވުމެކެވެ. އަދި މިއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށް ވުރެ 19.5 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާ އިން ބުނީ މިދިޔަ މަހު ޖީއެސްޓީގެ ގޮތުގައި 462 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ރިސޯޓް ކުއްޔަށް ދޭ މުއްދަތު އިތުރުކޮށްގެން 65 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން ބީޕީޓީގެ ގޮތުގައި 40 މިލިއަން ރުފިޔާ އަދި އެއާޕޯޓް ސާވިސް ޗާޖުން 38.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓޫރިޒަމް ކުލީގެ ގޮތުގައި 35.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާއިން ބުނެފައިވެ އެވެ.

މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީ 28 މިލިއަން ޑޮލަރު

މީރާގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޑޮލަރުން އާމްދަނީގެ ގޮތުގައި 28 މިލިއަން ޑޮލަރު ބަލައިގެންފައިވެ އެވެ.