ކޮވިޑް-19 އިގެ ބަލިމަޑުކަމުގައި ދިވެހިން އެންމެ ފަހުން ތަޖުރިބާކުރި ހަތަރުވަނަ ރާޅުގެ ނުރައްކަލުން އަދިވެސް މުޅީން އަރައިގަނެވި ރައްކާތެރިކަމުގެ މަންޒިލަކަށް ދިއުމަށް ކުރަން ޖެހޭ ދަތުރު އޮތީ ކުރިއަށެވެ. މޭމަހު ބައްދަލުކުރި ނުރައްކާތެރި ރާޅުގައި ކޮންމެ ދުވަހަކު ހާހުން މަތިން މީހުނަށް ބަލި ޖެހި އެތައް ބަޔަކު މަރުވަމުން ވެސް ދިޔަ އެވެ. ސައުވީސް ގަޑިއިރުތެރޭ ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ދެހާހުން މައްޗަށް ދިޔަ ދުވަސްތައް ބައްދަލު ކުރިއިރު އެއް ދުވަހާއި 13 މީހުން މަރުވި ދުވަހެއް ވެސް ތަޖުރިބާ ކުރިއެވެ. މަސް ދުވަސް ފާއިތުވެ ދިޔައިރު މީހަކު މަރުނުވެ ދިޔައީ އެންމެ 24 ގަޑިއިރެވެ. އެ ނޫން ކޮންމެ ދުވަހަކު ދެތިން ހަތަރު މީހުން ނޫނީ އަށެއްކަ މީހުން މަރުވަމުން ދިޔަ އެވެ. މިއީ ރާއްޖެ ފަދަ އާބާދީ ކުޑަ ގައުމަކަށް ވަރަށް މަތީ ނަންބަރުތަކެކެވެ. އެ ނަންބަރުން ބުނެދެނީ ކޮވިޑްގެ ނުރައްކާ އޮތް މިންވަރެވެ. ރާއްޖޭގެ ކޮވިޑްގެ ހާލަތެވެ.
ހާލަތު ގޯސްކޮށް އޮތީ މާލެ ނުވަތަ މާލެ ސަރަހައްދަކު އެކަންޏެއް ނޫނެވެ. އަތޮޅުތަކުން 80 އާ ގާތްކުރާ އަދަދެއްގެ ރަށްރަށުގައި ކޮވިޑްގެ ބަލި މީހުން ފެނި އެ ރަށަށް އޮތީ ބަަންދު ކޮށްފަ އެވެ. ބަންދު ނުކުރި ނަމަވެސް ކޮވިޑްގެ ބަލި މީހަކު ނެތް ރަށެއް ވަރަށް މަދެވެ. މެއި މަހުގެ ތެރޭގައި ރަށްރަށުން ވެސް ބައެއް މީހުން އެ ބަލީގައި މަރުވެފައި ވެއެވެ. ޖުމްލަ 88 މީހަކު މަރުވިއިރު 35،500 ވުރެ ގިނަ މީހުންނަށް ބަލި ޖެހުނެވެ.
ހާލަތު ގޯސްވުމުން ކޮވިޑް ކޮންޓްރޯލް ކުރަން ހަރުކަށި އެތައް ފިޔަވަޅެއް އަޅަން ޖެހުނެވެ. ކޮންމެ ދުވަހަކު 16 ގަޑިއިރު ކާފިއު ހިންގާ މަގުތަކަށް ނުކުމެ އުޅުން މަނާކުރި އެވެ. ބާކީ އޮތް އަށް ގަޑިއިރު ބޭރަށް ނުކުމެ އުޅެވެނީ ހާއްސަ ހުއްދައެއްގެ ދަށުން ޒަރޫރީ ބޭނުންތަކަށް ކަމަށް ކަނޑައެޅި އެވެ. އެއީވެސް ގެބީސީއަކުން ދެ މީހުނަށެވެ. ހުރިހާ ވިޔަފާރިތައް ބަންދުކޮށް އެންމެން ގެއަށް ވަންނަން މަޖުބޫރުކުރީ ކޮންމެ ދުވަހަކު ބަލިވެގެން އެނދުމައްޗަށް ވެއްޓޭ މީހުންގެ ނިސްބަތް އިތުރުވުމާއި މަރުވާ މީހުންގެ އަދަދު މައްޗަށް ދާން ފެށުމުންނެވެ.
އެ ފިޔަވަޅުތަކަށް ހަތަރު ހަފުތާ ވެގެންދިޔައިރު ބަލި ޖެހޭ މީހުންގެ ނިސްބަތް ވަރަށް ބޮޑަށް ދަށްވެ، މަރުވާ މީހުންގެ އަދަދުވެސް ބޮޑުތަނުން މަދުވެފައި ވެއެވެ. ނަމަވެސް އަދިވެސް ނަންބަރު ހުރީ 200 އިން މަތީގަ އެވެ. ހާއްސަކޮށް އަތޮޅުތަކަށް އޮތް ނުރައްކާ އަދި ކުޑައެއް ނޫނެވެ. މި ފަހުން ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ ތެރެއިން 60 ޕަސެންޓް މީހުނަކީ ރަށްރަށުން ޕޮޒިޓިވްވާ މީހުނެވެ. މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މާލެއިން ޕޮޒިޓިވްވި މީހުންނަށްވުރެ ކޮންމެ ދުވަހަކު ވެސް އަތޮޅުތަކުން ބަލި މީހުން ފެންނަ ނިސްބަތް ގިނައެވެ.
މޭ މަހު އަދި ކޮވިޑްގެ ކޮންމެ ރާޅެއްގައި ބަލީގެ ހާލަތު އެންމެ ގޯސްވީ މީހުން ތޮއްޖެހިފައި އޮތް މާލެ ސަރައްދުގައި ނަމަވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި ރަށްރަށަށް ބަލި ފެތުރި އަތޮޅުތަކަށް ނުރައްކާ ވެފައި ވެއެވެ. އެެހެން ވާން ދިމާވާ އެންމެ ބޮޑު ސަބަބަކީ އެކި ބޭނުންތަކުގައި މާލެ ސަރަހައްދުން ރަށްރަށަށް ކުރާ ދަތުރުތައް ގިނަވުމެވެ. އެތައް ބަޔަކު ކޮންމެ ދުވަހަކު ފުރަފުރައިގެން އަތޮޅުތަކަށް ދާތީ އެވެ.
ރަށްރަށަށް ބަލި ފެތުރުން ހުއްޓުވުމަށް މާލެއިން ރަށްރަށް ދާން ހުއްދަދޭ އުސޫލު އެޗްޕީއޭއިން ހަރުކަށި ކުރީ މި މަހުގެ ފަސްވަނަ ދުވަހު އެވެ. ޒަރޫރީ އެކި ބޭނުންތަކަށް ކުރީން ދަތުރުކޮށް އުޅުމަށް ހުއްދަ ދިން ނަމަވެސް އެޗްޕީއޭއިން ކަނޑައެޅި ދެތިން ހަތަރު ޝަރުތަކަށް ނުފެތޭ އެއްވެސް ބަޔަކަށް މާލެއިން ރަށްރަށަށް ދާން ހުއްދަ ނުދޭން ނިންމި އެވެ.
މާލެ ސަރަހައްދުން ރަށްރަަަށަށް ދަތުރު ކުރުމަށް ހުއްދަ ދޭނީ ސިއްހީ ފަރުވާ ހޯދުމަށް މާލެ އައިސް އެނބުރި ދާންޖެހޭ މީހުންނާއި އެފަދަ މީހަކާއެކު ކޮންމެހެން ދާންޖެހޭ މީހުންނަށާއި މާލޭގައި ވަޒީފާ އަދާ ކުރަމުންދާ ވަޒީފާ ހުއްޓާލަން ޖެހުން ފަދަ ކަންކަން ދިމާވެގެން މާލޭގައި ތިބުން ދަތިވެފައިވާ މީހުންނާއި މާލޭގައި ދިރިއުޅެން ނެތިގެން ރަށަށް ދިރިއުޅުން ބަދަލުކުރާ މީހުންނާއި ތައުލީމު ހާސިލު ކުރުމަށް މާލެ އައިސް ކިޔަވާ ނިމިފައިވާ ދަރިވަރުންނަށް ކަމަށް ކަނޑައެޅިއެވެ. އަދި ކިޔެވުން ވަގުތީ ގޮތުން މެދުކެނޑިފައިވާ ދަރިވަރުންނާއި އެ މީހުންގެ އާއިލާތަކަށް ޗުއްޓީއަށް ރަށްރަށަށް ދާން ހުއްދަ ނުދޭނެ ކަމަށް ލިޔުނެވެ.
އަދި މައިންބަފައިން ބަލިވުން ނުވަތަ އަނބިމީހާ ވިހެއުންފަދަ ކަންކަމުގައި ރަށަށް ދާން އެދޭ މީހުންނަށް ފިޔަވައި އެހެން ބޭނުމެއްގައި ވެސް ރަށަށް ނުދެވޭނެ ކަމަށް ނިންމާ އުސޫލުގައި ހިމެނެއެވެ.
ނަމަވެސް އެ އުސޫލަށް މިހާރު އަމަލު ކުރަނީ ކިހާ ވަރަކަށްތޯ ސުވާލު އުފެދެ އެވެ. އަވަސްއާ ވާހަކަ ދެއްކި ވަރަށް ގިނަ ރަށްރަށުގެ ކައުންސިލްތަކުން ބުނި ގޮތުގައި ސުކޫލުތައް ބަންދުވެ ބޮޑު ޗުއްޓީ ފެށުމާއެކު އެތައް ބަޔަކު މާލެއިން ރަށްރަށަށް ދަތުރުކުރަމުން ދެއެވެ. އޭގެ ތެރެއިން 90 ޕަސެންޓް މީހުންނަކީ އެޗްޕީއޭގެ މިހާރުގެ އުސޫލަށް ނުފެތޭ މީހުންނެވެ. އެ މީހުން ރަށަށް އެ ދަނީ ޗުއްޓީ ހޭދަ ކޮށްލުމުގެ ބޭނުމުގަ އެވެ.
ކޮވިޑްގެ ސަބަބުން މާލޭގަައި ދިރިއުޅޭ ކުލީ ކޮޓަރީގައި އާއިލާތައް ބަންދުވެފައި ތިބޭތާ އެތައް ދުވަހެއް ވެފައިވާތީ އެ އެންމެވެސް ތިބީ ބޮޑު ޗުއްޓީއަށް ރަށަށް ދާން ކޮންމެހެން ވެސް ބޭނުން ވެފައެވެ. ނަމަވެސް މިފަދަ ހާލަތެއްގައި އެކަން ކުރުން ސަރުކާރުން މަނާ ކޮށްފައި އެވަނީ އެންމެންގެ ރައްކާތެރި ކަމަށެވެ.
ސަރުކާރުގެ އެ އުސޫލު މިހާރު އޮތީ ނަމެއްގަ އެވެ. ކޮންމެވެސް ގޮތަކުން ހުއްދަ ހޯދައިގެން ރަށްރަށަށް ދަތުރު ކުރުން އޮތީ މެކުހަށް ޖަހާފަ އެވެ. އާންމު އުސޫލުން ބޮޑު ޗުއްޓީއަށް ރަށްރަށަށް މީހުން އަރާ އުސޫލުން މީހުން އެބަ އަރައެވެ. ހަމައެކަނި ތަފާތަކީ 14 ދުވަހުގެ ކަރަންޓީއެއް އޮތް ކަމެވެ.
މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމި ބޮޑު ޗުއްޓީ ފެށީ މި މަހުގެ 24 ވަނަ ދުވަހު އެވެ. އެ ދުވަހު ރިޕޯޓް ފޮތް ހަވާލުކޮށް ސުކޫލުތައް ބަންދު ކުރިއިރު 2021 ގެ ކިޔެވުން ފަށާނީ އޮގަސްޓް މަހުގެ ކުރީ ހަފުތާގަ އެވެ.
ޗުއްޓީއަށް ރަށްރަށަށް ނުދެވޭ ގޮތަށް އުސޫލެއް ހަދާފައި އޮތް ނަމަވެސް އެތައް ބަޔަކު "ހުއްދަ ހޯދައިގެން" ރަށްރަށަށް ދަތުރު ކުރަނީ ކިހިނެތްތޯ އެއީ އުފެދޭ ސުވާލެކެވެ. ބައެއް ކައުންސިލުތަކުން ބުނި ގޮތުގައި އެތައް ބަޔަކު އެ ހުއްދަ ހޯދަނީ ސައްހަ ނޫން މައުލޫމާތު ދީގެނެވެ. އަނެއް ބަޔަކު އެ ހުއްދަ ހޯދަނީ ނުފޫޒުގަދަ ކޮންމެވެސް މީހެއްގެ އެހީގަ އެވެ.
"މިހާރުވެސް މި ރަށް މި އޮތީ ފުރިފައި. އެޗްޕީއޭގެ އުސޫލަށް ފެތޭނެ ދިހަ ވަރަކަށް މީހުންވެސް ނެތް. އެކަމު އެންމެން ވެސް އެ އައީ ހުއްދަ ހޯދައިގެން. އެއް ބަޔަކު ބުނީ މާލެ ދޫކޮށްލަނީއޭ ބުނެ ހުއްދަ ހޯދައިގެން އައީ ކަމަށް. އަނެއް ބަޔަކު ބުނީ މެންބަރަށޭ ގުޅީ. މެންބަރަށް ގުޅިތާ ފަސް މިނެޓްތެރޭ ކުރީން ރިޖެކްޓްކުރި ހުށައެޅުން އެޕްރޫވްކޮށް ހުއްދަ ދީފިއޭ،" މެދު އަތޮޅެއްގެ ރަށެއްގެ ރަށު ކައުންސިލުގެ ރައީސަކު ވިދާޅުވި އެވެ.
ހުއްދަ ދިނުމުގައި ކައުންސިލްތަކުގެ ދައުރެއް ކުރީން އޮތް ނަމަވެސް މިހާރު އެ ދައުރު މާ ހަރުދަނާއެއް ނޫނެވެ. ރަށަކަށް ދަތުރުކުރާ މީހުންގެ މައުލޫމާތާއި އެ މީހުންްގެ ހާލަތު ކައުންްސިލުތަކަށް ރަނގަޅަށް އެނގޭއިރު ސައްހަ ނޫން މައުލޫމާތުދޭ މީހުން އެޗްޕީއޭއަށް ދެނެގަނެވޭނެ އެންމެ ރަނގަޅު ގޮތަކީ ކައުންސިލުތަކުގެ ފުރިހަމަ ބައިވެރިވުމާއެކު ހުއްދަ ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުން ކަމަށް ބައެއް ކައުންސިލަރުން ގަބޫލު ކުރައްވަ އެވެ.
މަޖިލީސް މެންބަރު އަންގައިގެން ހުއްދަ ދިނުން ކުރިއަށް ގެންދާނަމަ އުސޫލު ހެދުމުގެ ބޭނުމެއް އޮތްތޯވެސް ބައެއް ކައުންސިލަރުން ސުވާލު އުފައްދައެވެ.
"މިސާލަކަށް ހުއްދަ ހޯދައިގެން އެބަ އާދޭ ރަށަށް ނިސްބަތް ނުވާ މީހުންވެސް. އެ މީހުން މި އަންނަނީ މިވެނި އެވެނި މީހެއްގެ ފިރިމީހާގެ ކޮއްކޯ ނުވަތަ އެހެން ކޮންމެވެސް މީހެކޭ ބުނެ. އެކި މީހުން އެކި ރަށު މީހުންނާއި ކައިވެނިކޮށްގެން އުޅޭއިރު އާއިލާތައް މި އޮންނަނީ ގުޅިފައި. ނަމަވެސް ކައުންސިލަށް އެނގޭނެ ދެއްތޯ މިރަށަށް އަންނަ ޖެހޭފަދަ ހާލަތެއްގައި ހުރި މީހެއް. އަދި އެ މީހަކީ އެޗްޕީއޭގެ އެ އޮތް އުސޫލަށް ފެތޭ މީހެއްތޯ ނުވަތަ ނޫންތޯވެސް. އެކަމު ނުފޫޒުގެ ތެރެއިން ހުއްދަ ދޭތީ ދެން ކުރާނެ ކަމެއް ނޯންނާނެތާ،" އުތުރުގެ އާބާދީ ކުޑަ ރަށެއްގެ ކައުންސިލުގެ ރައީސަކު ވިދާޅުވިއެވެ.
އެހެން ބައެއް ކަައުންސިލަަރުން ވިދާޅުވި ގޮތުގައި ހުއްދަ ދިނުމުގެ ކުރީން އެކަން ކައުންސިލުތަކަށް އެންގި ނަމަވެސް ބައެއް ފަހަރު އޮންނަ ގުޅުންތަކުގެ ސަބަބުން ހުއްދަ ދޭ ބަޔަކު އެ ދަނީ ޗުއްޓީއަށް ކަމަށް ރިޕޯޓް ކުރަން ކައުންސިލަރުން ފަހަތަށް ޖެހެއެވެ.
"އެހެން ހަދައިފިނަމަ އެ ގެއްލުނީ ގުޅުން. ނޫނީ އޮތް ތާއީދު ގެއްލުނީ. އެހެންވީމަ އެ ބަޔަކު އަންނަނީ ޗުއްޓީއަށޭ ބުނަން ވެސް ނުކުރޭ ބައެއް ކައުންސިލްތަކަށް. މިހާރު އެ އޮތް އުސޫލު ތަންފީޒު ކުރެވޭނީ ހުރިހާ އެންމެންގެ އެހީތެރިކަން ލިބިގެން. އަޅުގަނޑުމެން ކަންބޮޑުވޭ މި ރަށްރަށުގައި ބަލި ފެތުރިދާނެތީ،"
އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މާލެއިން ރަށްރަށަށް ދާން ހުއްދަ ދޭނީ އުސޫލުގެ ތެރެއިންނެވެ. އަދި ހަގީގީ މައުލޫމާތު ހިއްސާ ކުރުމަށް އެދެ އެވެ. އޮޅުވާލައިގެން ދޭ މައުލޫމާތާއެކު ދެވޭ ހުއްދައިގެ ދަށުން ރަށްރަށަށް ދަތުރުކުރާ މީހުން އެ ކުރަނީ އުސޫލާ ހިލާފު ކަމެކެވެ.
"އަޅުގަނޑުމެންގެ އިލްތިމާސްއަކީ މިއީ ޗުއްޓީއަށް ދަތުރުކުރަން ހާލަތު ތަންދޭ ދުވަސްވަރަކަށް ނުވާތީ އެކަން ނުކުރައްވާށޭ. ހަގީގަތުގައި ޗުއްޓީއަށް ދާ މީހުންނަށް އަދި ހުއްދައެއް ނުވެސް ލިބޭނެ. ނަމަވެސް އެކި ގޮތްގޮތުން މައުލޫމާތު ދީގެން ދާ ކަމަށްވާނަމަ އެ މީހަކު އެ ކުރާ ކަމަކުން މުޅި ރަށަށްވެސް ބަލި ފެތުރިދާނެ. ރަށްރަށަށް ދަތުރުކުރުން މުޅީން ހުއްޓާނުލެވެނީ ވަރަށް ޒަރޫރީ ބޭނުންތަކަށް ދާންޖެހޭ މީހުން ތިބޭނެތީ. ނަމަވެސް އޭގެ ނާޖައިޒު ފައިދާ ނަގައިގެން ނުވާނެ،" އޮފިޝަލް ވިދާޅުވިއެވެ.
އަތޮޅުތަކުގެ 50 ރަށެއް އަދިވެސް އޮތީ ބަންދުކޮށްފައެވެ. ކޮންމެ ދުވަހަކު 100 އިން މަތީގައި ރަށްރަށުގެ ޕޮޒިޓިވް ނަންބަރު ހުރުމުން އެއީ ނުރައްކާ ފިލާ ނުދާ ކަމުގެ ހެއްކެކެވެ. އެހެންވީމަ އުސޫލެއް ހެދުމުން އެކަނި އަދި ނުނިމެއެވެ. އެ އުސޫލު ތަންފީޒު ކުރެވި އުސޫލުގެ ތެރެއިން ހުއްދަ ދެވެނީ ހަގީގަތުގައިވެސް އުސޫލަށް އެންމެ ރަނގަޅަށް ފެތޭ މީހުންތޯ ވެސް ބަލަން ޖެހެއެވެ.