ދުނިޔެ

ދުރުރާސްތާ ޑްރޯން އެބަހުރި: އީރާން

އީރާންގައި ދުރުރާސްތާން ޑްރޯން އެބަހުރި ކަމަށާއި 7،000 ކިލޯމީޓަރަށް ދަތުރުކޮށް އެނބުރި އައުމުގެ ކުޅަދާނަކަށް އެ ޑްރޯންތަކަށް ލިބިފައިވާ ކަމަށް ރިވޮލޫޝަނަރީ ގާޑުންގެ ކޮމާންޑަރު، ހުސެން ސަލާމީ ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ އީރާނުން ބާރުގަދަ ޑްރޯން އުފައްދަނީ ސަރަހައްދުގައި ފިތުނަ އުފައްދަން ކަމަށް އެމެރިކާ ބުނާނެ ކަމަށެވެ.

"ދުވެލި ބޭރު ޑްރޯން އެބަހުރި،" ހުސެން ސަލާމީ ވިދާޅުވި އެވެ. "އެ ޑްރޯންތައް ބޭނުން ތަނަކަށް ދަތުރުކޮށް އަދި ބޭނުން ތަނެއްގައި ބަނދަރުކޮށް އެނބުރި ގައުމަށް އަންނާނެ" އޭނާ ވިދާޅުވީ ބޭނުން ޖެހިއްޖެ ނަމަ ޑްރޯންތަކުން ޔޫރަޕަށް ވެސް ހަމަލާ ދެވޭނެ ކަމަށެވެ.

އީރާނުން މި މޭރުމުން ވާކަ ދައިކާފައި މިވަނީ ދުނިޔޭގެ ގަދަ ހަ ބާރަކުން އީރާނާއެކު ނިއުކްލިއާ ޑީލެއް ހެދޭތޯ މަޝްވަރާ ކުރަނިކޮށެވެ. ދުނިޔޭގެ ބާރުތަކުން އެދެނީ އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދޭވަރު ނުވުމެވެ. ގަދަބާރުތަކުން އެދޭ ގޮތަށް އީރާން ދީއްލާނެ ކަމަށް ބުނަނީ އެމެރިކާއާ ބައިވެރިން އެ ގައުމާ ދެކޮޅަށް އަޅާފައި އޮތް އިގުތިސޯދީ ދަތިކުރުމުގެ ފިޔަވަޅުތައް މުޅިން ނައްތާލުމުންނެވެ.

ހުޅަނގުގެ އަސްކަރީ ތަޖުރިބާކާރުން ބުނާ ގޮޮތުން އީރާނަކީ ނެތް ބާރުވެރި ކަމެއްގެ ވާހަކައިން މޮޅު ހޯދަން މަސައްކަތްކުރާ ގައުމެކެވެ. އެކަމަކު ޑްރޯން އަކީ އީރާނުން އާންމުކޮށް ވެސް ބޭނުންކުރާ އުޅަނދެއް ކަމަށް އެމީހުން ވެސް ބުނެ އެވެ.

ޔަމަނުގައި ހޫތީން ސައުދީއަށް ހަމަލާ ދޭން ބޭނުންކުރާ ޑްރޯނަކީ ވެސް އީރާންގެ އުފެއްދުންތަކެއް ކަމަށް އަސްކަރީ ތަޖުރިބާކާރުން ބުނެ އެވެ.