ދުނިޔެ

އެމެރިކާގެ މަތިންދާބޯޓު އުފުލާ އިތުރު މަނަވަރެއް މެދުއިރުމައްޗަށް

އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރެއް އަނެއްކާވެސް މެދުއިރުމައްޗަށް ފޮނުވައިފި އެވެ.

އެ ސަރަހައްދުގައި އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރެއް މިހާރުވެސް އެބައޮތެވެ.

އެމެރިކާގެ އަސްކަރީ ބާރުވެރިކަން މެދުއިރުމައްޗަށް ޖަމާކުރުމުގެ ބޭނުމަކީ، އީރާނުން އިޒުރޭލަށް ދީފާނެ ހަމަލާއަކުން އިޒުރޭލު ހިމާޔަތް ކުރުމެވެ.

އަސްކަރީ ތަޖުރިބާކާރުން ދެކޭ ގޮތުގައި އެމެރިކާގެ މި އަމަލުތަކަކީ ހަމަ ހަގީގަތުގައިވެސް އީރާނުން އިޒުރޭލަށް ހަމަލާދޭން ރާވާކަމުގެ އަލާމާތެކެވެ.

އެމެރިކާއިން އަސްކަރީ ގޮތުން މިފަދައިން ހަރަކާތްތެރިވާނީ، ޖާސޫސީ ގޮތުން ނަމަވެސް އީރާންއާ ބެހޭ މައުލޫމާތުތަކެއް ލިބިގެން ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

އީރާނުން އޮތީ އިޒުރޭލަށް ހަމަލާދޭނެ ކަމަށް ބުނެފަ އެވެ. އިރާން ދެކޭ ގޮތުގައި މެދުއިރުމަތީގައި އޮތް އެންމެ ބޮޑު ނުރައްކަލަކީ އިޒުރޭލެވެ.

ބޭރުގެ ބައެއް ގައުމުތަކުގައި -- ސީރިއާ އަދި އިރާގުގައި ހުންނަ އީރާންގެ މަސްލަހަތު އޮންނަ ކިތަންމެ ތަނަކަށް އިޒުރޭލުން ވަނީ ހަމަލާދީފަ އެވެ.

ސީރިއާގެ ވެރިރަށް ދިމިޝްގްގައި ހުންނަ އީރާންގެ އެމްބަސީއަށްވެސް އިޒުރޭލުން ހަމަލާދިނެވެ. އަދި މިފަހުން އީރާން އެންމެ ބޮޑަށް ރުޅިގަދަވާން ޖެހުނު ސަބަބަކީ، ހަމާސްގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އިރާންގެ ވެރިރަށް ތެހެރާންގައި ހުއްޓައި އިޒުރޭލުން ހަމަލާދީ މަރާލުމާ ގުޅިގެންނެވެ.

އީރާންގެ މެހެމާނުންނަށް އިޒުރޭލުން ހަމަލާދިނުމަކީ، އީރާންގެ ހަމަލާތަކަށް ދިން ދައުވަތެއް ކަމަށް އެ ގައުމުން ބުނެ އެވެ.

އިޒުރޭލު މިހާރު އޮތީ އީރާނުން ހަމަލާދޭންޖެހޭ ހުރިހާ ޝަރުތެއް ހަމަވެފައި ކަމަށް އެ ގައުމުން ދެކެ އެވެ.

އިޒުރޭލަށް ހަމަލާދޭނެ ކަމަށް އީރާނުން ބުނި ނަމަވެސް ހަމަލާދޭނެ ކަމަށް ބެލެވުނު ދުވަސްތައް މިހާރު ފާއިތުވެއްޖެ އެވެ.

އީރާނުން މިހާރުވެސް ބުނަނީ ދުޝްމަނުންނަށް އޮތީ އީރާންގެ ހަމަލާއަކަށް އިންތިޒާރުކުރުން ކަމަށެވެ.

އީރާނުން އިޒުރޭލަށް ހަމަލާދީފިނަމަ އީރާން އަންދާލާނެ ކަމަށް އެމެރިކާ އޮތީ ބުނެފަ އެެވެ.

އެމެރިކާ ބުނާ ގޮތުން އިޒުރޭލު ހިމާޔަތްކުރުން އެ މީހުންނަށް އޮތީ ވާޖިބުވެފަ އެވެ.

އިޒުރޭލަށް ގެއްލުމެއް ލިބޭ ގޮތަށް ކޮންމެ ބަޔަކު ކަމެއް ކުރި ނަމަވެސް ބަދަލުހިފާނެ ކަމަށް އެމެރިކާ ބުނެ އެވެ.