އެމެރިކާ

"ޓޭންކަރު މަތިންދާބޯޓުތައް އަވަހެއް ނުކުރެވޭނެ"

އިޒްރޭލުގެ ދިފާއީ ވަޒީރު ބެނީ ގަންޒް މިދިއަ ހަފުތާގައި ވިދާޅުވި ގޮތުގައި، އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ކުރިއަށްދާ އީރާން ނިއުކްލިއާ މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނުނިކުމެއްޖެ ނަމަ އީރާނަށް ހަމަލާދޭން އިޒްރޭލް އަވަސްވެގަންނާނެ އެވެ.

އީރާނަށް ހަމަލާދޭން ތައްޔާރުވުމަށް ބަޖެޓް ފާސްކޮށް ބޭނުންވާނެ އާލާތްތައް ހޯދުން އަވަސްކުރާނެ ކަމަށް ވެސް އިޒްރޭލުން އޮތީ ބުނެފަ އެވެ.

އެހެން ނަމަވެސް، އިޒްރޭލަށް ބޭނުންވާ ޓޭންކަރު މަތިންދާ ހޯދުމަށް އެމެރިކާގެ ކިބައިން އެދުނު އެދުމަށް އެދެވޭ ޖަވާބެއް ދީފައި ނުވާ ކަމަށް ޚަބަރުތައް ބުނެ އެވެ. އެމެރިކާ ބުނި ކަމަށް ވަނީ އިޒްރޭލު އެދޭހާ އަވަސްކޮށްދެވެން ނެތް ކަމަށެވެ.

އިޒްރޭލުން ޓޭންކަރު މަތިންދާބޯޓް ހޯދަނީ ވައިގެ ތެރޭގައި ފައިޓަރު ޖެޓްތަކަށް ތެޔޮއަޅާށެވެ. ޓޭންކަރު މަތިންދާބޯޓް ތައްޔާރުކޮށްފައި ހުންނަނީ ވަކިވަކި ތެޔޮ ޓޭންކްތަކެއް، އެކަތިގަނޑަކަށް ހަދައި ވައިގެ ތެރޭގައި އުދެހެމުން ޖެޓްތަކަށް ތެޔޮއަޅާ ގޮތަށެވެ.

އިޒްރޭލުން ކުރިން ބުނެފައި އޮތީ އީރާނަށް ހަމަލަދޭނީ އެމެރިކާއާ ގުޅިގެން ކަމަށެވެ. އެހެން ނަމަވެސް، އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމާ މެދު އެމެރިކާ އާއި އިޒްރޭލާ ދެމެދު އޮތް ނުތަނަވަސްކަން ވަރަށް ބޮޑެވެ.

ނިއުޔޯކް ޓައިމްސް ބުނާ ގޮތުން އެމެރިކާ އަތުގައި ވެސް ފުދޭ ވަރަށް ޓޭންކަރު މަތިންދާބޯޓެއް ނެތެވެ. އަދި އާބޯޓުތައް 2024 ނިމެން ވާއިރު ވެސް މުޅިން ފައްކާ ނުކުރެވޭނެ ކަމަށް ވެއެވެ.

އެމެރިކާގައި އުފައްދާ ބާރުގަދަ ހަތިޔާރު އަބަދުވެސް އިޒްރޭލަށް ސަޕްލައިކޮށްދެ އެވެ. އަދި ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި ނެތްވަރުގެ ހަތިޔާރު އުފައްދައި އިޒްރޭލުން ގުދަންކޮށްފައި އެބަ ހުއްޓެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މިއަހަރު މާޗްގައި އިޒްރޭލަށް 2.4 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ވިއްކަން އެއްބަސްވި އެވެ. އޭގެ ތެރޭގައި ޓޭންކަރު މަތިންދާބޯޓުގެ ހަތަރު އުޅަނދު ވެސް ހިމެނެ އެވެ. އެހެން ނަމަވެސް ފުރަތަމަ ފިޔަވަހީގައި އެމެރިކާއިން ސަޕްލައިކޮށްދޭނީ ދެބޯޓެވެ.