ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއަކީ ގާތް ރައްޓެއްސެއް ކަމަށް އެމެރިކާގެ ކުރީގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. އެމަނިކުފާން ވިދާޅުވީ އެމެރިކާއަށް ކަމުނުދާ ބައެއް ކަންތައްތައް ރަޝިއާއިން ކުރާ ކަމަށާއި އެމަނިފާނުގެ ވެރިކަމުގައި ހުންނެވިއިރު ނޯޑް ސްޓްރީމް 2 އާ ވެސް ދެކޮޅު ހެއްދެވި ކަމަށެވެ.
ނޯޑް ސްޓްރީމް 2 އަކީ ރަޝިއާއިން ޖަރުމަނަށް ގޭސް ފޯރު ކޮށްދޭ ނިޒާމެކެވެ. ޖަރުމަނަށް ގޭސް ސަޕްލައިކޮށް ދިނުމަށްޓަކައި ރަޝިއާއިން ގޭސް ހޮޅި އަޅާފައި އޮންނަނީ ބަލްޓިކް ކަނޑު އަޑިންނެވެ. ހޮޅިތައް ދަތުރު ކޮށްފައި ވަނީ ޑެންމާކާއި ފިންލޭންޑާއި އަދި ސްވިޑްންގެ ސަރަހައްދީ އިމުންނެވެ. މި މަސައްކަތްތަކުގެ 90 ޕަސެންޓް މުޅިން ނިމިފައި ވާއިރު އަމާޒަކީ 745 މޭލަށް ދެހޮޅި އެޅުމެވެ.
ޓްރަމްޕް ވިދާޅުވީ ނޯޑް ސްޓްރީމް 2 ގެ މަސައްކަތްތައް އެމަނިކުފާން ހުއްޓުވައި ރަޝިއާއަށް ދަތި ކުރުމުގެ ފިޔަވަޅު އެޅި ކަމަށާއި އެއީ ގޯސްކޮށް ކުރެއްވި ކަމެއް ނޫން ކަމަށެވެ.
"އެމަސައްކަތްތައް ހުއްޓުވުމަކީ އެމެރިކާ ސަރުކާރަށް ކުރަން ޖެހިފައި އޮތް ކަމެއް،" ޓްރަމްޕް ވިދާޅުވި އެވެ. "އެކަމަކު ވެސް ޕޫޓިންއާއެކު އޮތް ގުޅުމަށް ހީނަރު ކަމެއް ނާދޭ" ޓްރަމްޕް ވިދާޅުވީ މައްސަލައަކީ ކޮބައިކަން ޕޫޓިންއަށް އަދި އެމަނިކުފާނަށް ވެސް އެނގި ވަޑައިގަންނަވާ ކަމަށެވެ.
![](https://images-01.avas.mv/post/big_dprNZCvwiqtsDDMRAnhBjheZn.jpg)
ރަޝިއާއިން އަބަދު ވެސް ބުނަނީ ނޯޑް ސްޓްރީން 2 އަކީ ގައުމުގެ އިގުތިސޯދު ހަރުދަނާ ކުރަން ކުރާ މަސައްކަތެއް ކަމަށާއި ސިޔާސީ މަންފާއެއް ނެތް ކަމަށެވެ. އެމެރިކާއަށް އޮތް ނުތަނަވަސް ކަމަކީ އެވަރުގެ ބިޔަ ޕްރޮޖެކްޓަކުން ރަޝިއާއަށް ލިބިދާނެ މާލީ ތަނަވަސް ކަމެވެ. އެމެރިކާގެ ވިސްނުމަކީ އެމެރިކާއަށް ވުރެ ގިނައިން އެހެން ގައުމަކުން "ލިކުއިޑް ނެޗުްރަސް ގޭސް" (އެލްއެންޖީ) ދުނިޔެއަށް ސަޕްލައި ކުރިއަ ނުދިނުމެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން މަގާމާ ހަވާލުވެ ވަޑައިގެން ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ޕޫޓިންއާ ބައްދަލު ކުރެއްވި އެވެ. ބައިޑަން ދަތުރަށް ފެއްޓެވުމުގެ ކުރިން ޓްރަމްޕް ވަނީ ޕޫޓިއަށް ސަލާމް ރައްދު ކޮށްދެއްވުމަށް ބައިޑަންގެ ކިބައިން އެދިވަޑައިގެންފަ އެވެ.