ހަބަރު

ނައިބު ރައީސްގެ ކުރީގެ އަނބިކަނބަލުންގެ އާދޭސް!

Jan 15, 2015
5

ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އަމިއްލަ ހަޔާތްޕުޅާ ގުޅޭ ވާހަކަތަކަކީ މިހާތަނަށް އާންމުންގެ ސަމާލުކަން ދަމައިގަންނަ ވާހަކަ ތަކަކަށް ނުވެ އެވެ. އެއަށް ވުރެ އެމަނިކުފާނުގެ ސިޔާސީ ހަޔާތް މާ ޝައުގުވެރި އެވެ. އިލްމުވެރިކަމުގައި އެމަނިކުފާނަކީ "ދެކަނޑު އެއްކޮށްލައްވައިގެން" ހުންނެވި ބޭފުޅަކަށް ވުމުން އެ ވާހަކަތައް މާ ޝައުގުވެރި އެވެ. ސިޔާސީ މައިދާނުގައި އެމަނިކުފާނު ވަޑައިގަންވަނީ މަޑު ކަނޑެއްގައިތޯ، ގަދަ ކަނޑެއްގައިތޯ ބަލައިލަން އެންމެން ވެސް ތިބީ ޝައުގުވެރިވެގެނެވެ. ހާއްސަކޮށް މިހާރުގެ މަންޒަރު ދައްކާ ގޮތުންނެވެ.

އެމަނިކުފާނާ ގުޅުން ހުރި އާ ވާހަކައަކަށް ދަމާ ހެއްޔެވެ؟ އާންމުންނާ ހަމައަށް ޑރ. ޖަމީލާއި އަނބިކަބަލުން ހައުލަތު ފަހީމް ފެންނަ އިރު އެ ދެމަފިރިން ފެންނަނީ ވަރަށް ލޯބިންނެވެ. އެކަަމަކު ނައިބު ރައީސްގެ ޒަވާޖީ ހަޔާތްޕުޅާ ގުޅޭ އެހެން ފަރާތެއް އެބައޮތެވެ. ހައުލަތު ފަހީމް ނޫން ބޭކަނބަލަކާ ޖަމީލު ކައިވެނި ބައްލަވައިގަތެ! އެ ކައިވެނި ވަނީ ރޫޅިގެން ވެސް ގޮސްފަ އެވެ.

ނައިބު ރައީސް ޖަމީލްގެ ވިކިޕީޑީއާ ޕޭޖް.

ފޭސްބުކްގައި އެކަމަނާ ލިޔުއްވާފައިވެއެވެ: "ސެކަންޑް ލޭޑީ ހައުލަތު ފަހީމަށް! އަހަރެން ވަރަށް އަދަބުވެރިކަމާ އެކު އެދެނީ (ދަރިފުޅުގެ ނަން)، ނައިބު ރައީސްގެ އެންމެ ހަގު އަންހެން ދަރިފުޅުގެ ގޮތުގައި ބަލައިގަތުމަށް. އެ ދަރިފުޅަށް ލޯބިދީ އޯގާތެރިވެ އަޅައިލުމަށް އެދެން. ކޮންމެވެސް ދުވަހަކުން ހައުލަތު އޭނާގެ ދޮން ދަރިފުޅާ މެދު ކަންތައް ކުރި ގޮތަށް އެ ދަރިފުޅު ވެސް ކަންތައްތައް ކޮށްފާނެ. އެ ދަރިފުޅަކީ މައުސޫމް ކުއްޖެއް. އޭނާއާ މެދު ރުޅިވެރިކަން ނުބޭއްވުމަށް އެދެން، އަދި ކޮންމެ ދުވަހަކުން ތިޔައީ ގައުމުގެ ފަސްޓްލޭޑީއަށްވެސް ވެ ވަޑައިގެންފާނެ!"

ޖަމީލްގެ ރަސްމީ ވިކިޕީޑިއާ ޕޭޖްގައި ލިޔެފައިވާ ގޮތުގައި އެމަނިކުފާނު ކައިވެނި ބައްލަވައިގަތީ ހައުލަތު ފަހީމްއާއެވެ. އަދި އެ ކައިވެންޏަށް ތިން ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ. އަދި އިތުރު ކައިވެންޏެއް ބައްލަވައިގަތް ކަމެއް ވެސް އަދި އެ ކައިވެންޏަށް ބޭފުޅަކު ލިބިވަޑައިގެންފައިވާ ވާހަކައެއް ނެތެވެ. ޖަމީލްގެ ދެވަނަ ކައިވެންޏާއި އެ ކައިވެންޏަށް ލިބިވަޑައިގަތް ދަރިކަބަލުންގެ ވާހަކަ ނައިބު ރައީސް ސިއްރު ކުރައްވަން ބޭނުން ވަނީ ހެއްޔެވެ؟ ނުވަތަ މީހަކު އެބައި އެޑިޓްކޮށް އުނިކޮށްލީހެއްޔެވެ؟