އިންޑިޔާގެ ޖަރްކަންޑްގެ ޖަމްޝީދުޕޫރުގެ އަންހެންކުއްޖެއް ކަމަށްވާ ތުލްސީ ކުމާރުގެ ހުވަފެން ހީވެސް ނުކުރާ ކަހަލަ ގޮތަކަށް ހަގީގަތަކަށް ވެއްޖެ އެވެ. އުމުރުން އެންމެ 11 އަހަރުގެ ތުލްސީއަކީ ޖަމްޝީދޫޕޫރުގެ މަގެއްމަތީ އަނބު ވިއްކަން އިންނަ ކުއްޖެކެވެ. އޭނާ އަނބު ވިއްކަނީ އޮންލައިން ކްލާހުގައި ކިޔަވަން ސްމާޓް ފޯނެއް ގަނެވޭ ވަރަށް ފައިސާ އެއްކުރަން ވެގެންނެވެ.
އެގޮތަށް އެއް ދުވަހު ތުލްސީ އަނބު ވިއްކަން އިންދާ އަމޭޔާ ކިޔާ ވިޔަފާރިވެރިއަކު އެތަނަށް ދިޔައެވެ. އެމީހާ ތުލްސީ އަތުން 12 އަނބު ގަތެވެ. އަނބެއް 10،000 ރުޕީސް އަށް މަގުން 120،000 ރުޕީސް އަށެވެ. މި ފައިސާ ތުލުސީ އަތަށް ނުދޭން ވެގެން އެ ވިޔަފާރިވެރިޔާ ވަނީ މިދިޔަ ބުދަ ދުވަހު މި ފައިސާ ތުލްސީގެ ބައްޕަގެ އެކައުންޓަށް ޓްރާންސްފާ ކޮށްދީފަ އެވެ.
އަމޭޔާ އަކީ ބޮޑު ކުންފުންޏެއްގެ މެނެޖިން ޑައިރެކްޓަރެކެވެ. ލޯކަލް މީޑިއާއަކަށް ވަރަށް ފަހުން ތުލްސީ ދިން އިންޓަވިއުއެއް އަމޭޔާއަށް ފެނިގެން އޭނާއަށް އެހީތެރިވާން ނިންމީ އެވެ.
ތުލުސީގެ އިންޓަވިއުގައި ބުނެފައިވަނީ އޭނާގެ އާއިލާގައި މާލީ ތަނަވަސްކަން ނެތުމުން ސްމާޓް ފޯނެއް ގަނެވޭނެ ގޮތެއް ނެތިގެން އޮންލައިން ކްލާހަށް ނުވަދެވި ކިޔެވުން ހުއްޓިފައިވާ ކަމަށެވެ. އެހެންވެ އަނބު ވިއްކައިގެން ލިބޭ ފައިސާއިން ބައެއް ފޯނެއް ގަންނަން ރައްކާ ކުރާ ކަމަށް ތުލުސީ ބުންޏެވެ.
ތުލްސީއަކީ ފަސް ވަނަ ކުލާހުގައި ކިޔަވާ ދަރިވަރެކެވެ. ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ސަބަބުން އޭނާ ކިޔަވަމުންދިޔަ ސަރުކާރު ސްކޫލްވެސް ވަނީ ބަންދު ކޮށްފަ އެވެ.
ތުލްސީ ބުނި ގޮތުގައި އަމޭޔާގެ އެހީތެރިކަމާއެކު އޭނާއަށް މިހާރު ފޯނެއް ގަނެވޭ ވަރަށް ފައިސާ ލިބިއްޖެ އެވެ. އަދި ދެން އޮންލައިން ކުލާހަށް ވަދެ ކިޔަވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ތުލްސީ ފަދަ އެތައް ހާސް ކުދިންނެއް މިހާރު އިންޑިޔާގެ ކުދި އަވަށްތަކުގައި އެބަތިއްބެވެ. އެ ކުދިންނަށް ސްމާޓްފޯނު ނުވަތަ ލެޕްޓޮޕް ފަދަ ތަކެތި ނުލިބުމުގެ ސަބަބުން ކިޔެވުމުން ވަނީ މަހްރޫމް ވެފަ އެވެ.