ފޮރިން ސާވިސް

ފޮރިން ސާވިސް ބިލުން ކަންބޮޑުވުންތަކެއް ފާހަގަކޮށްފި

ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާ ކުރަން "ދިވެހި ރާއްޖޭގެ ފޮރިން ސާވިސް" ގެ ނަމުގައި ހުށަހެޅި ބިލުގެ ބައެއް މާއްދާތަކާ މެދު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) މަޖިިލީހަށް ހުށަހެޅުއްވި ބިލްގެ ބަހުސް މިއަދު މަޖީލީހުގައި ވަނީ ފަށާފަ އެވެ.

ބިިލުގެ ބޭނުމަކީ ރާއްޖެގެ ސިޔާސަތު ހަރުދަނާކޮށް ބައިނަލްއަގުވާމީ ގޮތުން ފެންވަރު ރަނގަޅު މިންގަނޑަކަށް ފައްތަން ބޭނުންވާ ތަމްރީނާއި ހުނަރާއި ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލް ފޮރިން ސާވިސްއެއް ބިނާ ކުރަން ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމް ކުރުމެވެ.

ބިލަށް ބަހުސް ކުރެއްވި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ ބިލުގައި ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމަށް އޮތުމުން ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އެގޮތަށް ބިލުގައި ހިމަނައިފައި އޮތުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަކީ އެއްވެސް ޝައްކެއް ނެތި ގަބޫލު ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

"މިހާރު ހާއްސަކޮށް މި ސަރަަހައްދުގައި މި އޮތް ޖިއޯ ޕޮލިޓިކްސްގެ ތެރޭގައި ބަޔަކަށް ގާތުގައި އޮންނަ މަނަވަރަަކަށް އަތް ގާތްކޮށް ދޭން ޖަހާ ފައްތިއާތައް ޖަހާދޭ ބަޔަކަށް [ރާއްޖެ] ވެގެން ނުވާނެ. އަޅުގަނޑުމެންނަކީ އަމިއްލަ ބައެއް. އަޅުގަނޑުމެންނަށް ވެސް ބައިނަލްއަގުވާމީ ޗާޓުން ލިބިފައި އޮންނަ ސަރަހައްދެއްގައި މި އުޅެނީ. އެހެންވީމާ އެހެން ބައެއްގެ ސަރަހައްދީ ރައްކާތެރިކަމެއްގެ ތެރޭ އެހެން ބައެއްގެ ޕްރަޔޯރިޓީސްތަކަށް ނޫން އަޅުގަނޑުމެން ކޭޓާ ކުރަން ޖެހޭނީއަކީ" ސައީދު ވިދާޅުވި އެވެ.

ސައީދު ވާހަކަ ކުރިއަށް ގެންދަވަނިކޮށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ނިޒާމީ ނުކުތާ ނަންގަވައި ސައީދު އިތުރުފުޅު ހައްދަވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމަށް ބިލުގައި ބުނެފައި ވަނީ ރާއްޖޭގެ ސަރަހައްދުތައް ރައްކާތެރި ކުރުމަށް ކަމަށް ވިދާޅުވި އެވެ.

ބިލަށް ބަހުސް ކުރެއްވި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ހާރިޖީ ކަންކަމާ ގުޅޭ މުވައްޒަފުންގެ ދަތިކަން ކުރިމަތިވެފައިވާއިރު ބިލުގައި ސަފީރުންގެ މުއްދަތުގެ ގޮތުގައި ގިނަވެގެން ހަަތަރު އަހަރު އޮންނަ ގޮތަށް އޮތުމުން އެކަން ތަންފީޒު ކުރަން ދަތިވާނެ ކަމަށެވެ. ހަމަ އެހެންމެ މިނިސްޓަރަށް ފެނިވަޑައިގަންނަވާނަމަ އިތުރު މުވައްޒަފުން ނެގުމުގެ ބާރު އޮތުމުން މާލީ ގޮތުން ބޮޑު ބުރައަކަށް އެކަން ވެގެން ހިނގައިދާނެ ކަމަށެވެ.

ބިލުގައި ފޮރިން މިނިސްޓަރަށް ބޮޑެތި ބާރުތަކެއް ދީފައިވާތީ ވެސް އާދަމް ޝަރީފް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެގޮތުން ބިލު މިހާރު އޮތް ގޮތަށް ފާސްވެއްޖެނަމަ މިނިސްޓަރުގެ ނުފޫޒު މާބޮޑަށް ބޮޑުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފޮރިން ސާވިސްގެ މަގާމުތަކަށް މީހުން އައްޔަން ކުރުމުގައި ވެސް މިއޮތީ ފޮރިން ސެކެޓްރީ ފިޔަވައި ދެން ހުރި މަގާމުތަކަށް ވެސް ހާއްސަކޮށް އެގްޒެކިއުޓިވް ގިންތީގެ މަގާމުތަކަށް ވެސް މިނިސްޓަރު އައްޔަން ކުރައްވާ ގޮތަށް. މަގާމުގެ ކުރިއެރިން ދިނުމުގައި ވެސް ދެން އެގްޒެކިޓިވް މަގާމުން ފެށިގެން އެޑްވައިޒަރީ ބޯޑެއް އެބަ އޮވޭ. އެ ބޯޑުގައި ވެސް މިތިބީ މުޅިންވެސް މިނިސްޓަރު އައްޔަން ކުރައްވާ ބައެއް" އޭނާ ވިދާޅުވި އެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ފޮރިން ސާވިސް އެކުލަވައިލުމާއެކު ރާއްޖޭގެ ހާރިޖީ ސިސާސަތު ތަންފީޒު ކުރުމުގައި މިހާރު ދިމާވާ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އެހެން ނަމަވެސް އިސްލާހު ކުރަން ޖެހޭ މުހިންމު ބައެއް ކަންތައްތައް އޭނާ ވެސް ބިލުން ފާހަގަ ކުރެއްވި އެވެ.

އެގޮތުން ބޭރުގައި ޑިޕްލޮމެޓިކް މިޝަންތައް އެކުލަވާލުމުގެ ގަވައިދުތައް ހަދަން ޖެހޭނެ ކަމަށް ބުނެފައިވާ އިރު އެ މިޝަންތައް އުފައްދަން ޖެހޭ މަގުސަދުތައް ކަށަވަރު ކުރެވޭ ގޮތަށް ބިލު އިސްލާހުކުރުމަށް އޭނާ ހުށަހެޅުއްވި އެވެ. މީގެ ކުރިންވެސް މިޝަންތައް ހަދައިގެން އެ ތަންތަނުގެ ހަރަދުތައް ބެލުމުން އެތަންތައް އުފެއްދުމުގެ މަގްސަދު ހާސިލްވި ކަމާމެދު ވެސް ޗއޭނާ ސުވާލު އުފެއްދެވި އެވެ.

"ހާރިޖީ ކަންކަމުގައި މާލީ ކަންތައްތައް ބަލަހައްޓާނެ އުސޫލުގެ ވާހަކައެއް މި ބިލުގައި ފާހަގަ ކޮށްފައެއް ނެތް.
ބޭރުގެ މިޝަންތަކުގައި ރާއްޖޭގެ ގާނޫނުތަކާ ގަވައިދުތަކާ އެއްގޮތަށް މާލިއްޔަތުގެ ކަންކަން ގެންދިއުން ވާނީ ދަތިކަކަމަށް. އެހެންވީމާ އަޅުގަނޑު ދެކެނީ ހައްލެއް މިބިލުގެ ތެރެއިން ނެރެވިދާނެ ކަމަށް." ސަލީމް ވިދާޅުވި އެވެ.

އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވެސް މިއަދު ބިލަށް އިސްލާހުތަކެއް ހުށަހެޅުއްވި އެވެ. ހާއްސަކޮށް ސިވިލް ސާވިސްއިން ވަކިކޮށް ފޮރިން ސާވިސްއެއް ގާއިމް ކުރާއިރު ކުރިން ސިވިލް ސާވިސްއިން ލިބުނު ރައްކާތެރިކަން އާ މުއައްސަސާގައި ވެސް މުވައްޒަފުންނަށް ލިބޭ ގޮތަށް ހަމަޖެއްސުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

އޭގެ އިތުރުން ފޮރިން ސެކެޓްރީ އައްޔަން ކުރުމުގައި މަޖިލީހުގެ ދައުރެއް ނޯންނާތީ ވެސް ޝަރީފް ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. ވިދާޅުވީ ފޮރިން ސެކެޓްރީ އައްޔަން ކުރަން ވާނީ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

ބިލުގައި މިހާރު އޮންނަ ގޮތުން ފޮރިން ސާވިސްގެ އެންމެހާ ކަންކަން ދުވަހުން ދުވަހަށް ހިންގުމަށް މިނިސްޓަރަށް އެހީތެރިވުމަށް ފޮރިން ސާވިސްގެ އެންމެ އިސް މުވައްޒަފެއްގެ ގޮތުގައި ފޮރިން ސެކެޓްރީ އެއް ހުންނަަން ޖެހޭނެ އެވެ. އޭނާ އެ މަގާމަށް އައްޔަނު ކުރާނީ މިނިސްޓަރުގެ ލަފާޔާއެކު ރައީސުލްޖުމްހޫރިއްޔާ އެވެ