ރިޕޯޓް

އެމްޑީޕީއަށް ދަގަނޑޭއެއް، ޕީޕީއެމަށް ޕީއާރެއް ބޭނުންވޭ!

އާންމު އިއުލާން: ޕްރޮގްގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް މިދަންނަވާ ދެ މަގަމާގަށް ބޭފުޅުން ބޭނުންވެއެއެވެ. މި މަގާމުތަކަށް ޝަރުތު ހަމަވާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ޝައުގުވެރިކަން ފާޅު ކުރައްވައި މިކަންކަން ނިމަންޖެހޭނެ އެވެ.

މަގާމު: ދަގަނޑޭ، ބޭނުންވާ އަދަދު 1 (އެމްޑީޕީ)
މަގާމު: ޕީއާރް މެނޭޖަރު، ބޭނުންވާ އަދަދު 1 (ޕީޕީއެމް)


މި އިއުލާނުގެ މާނަ އަކީ ކޮބައިކަން އެންމެނަށް އެނގޭނެ އެވެ. "ދަގަނޑޭ" އަށް ރަތް ކާޑު ދައްކައި 13 އަހަރުގެ ދިގު ސަސްޕެންޝަނެއްގައި އަނދަގޮނޑި ޖަހައިލީމަ "މިންޖުވަހަރޭ" ކިޔާފައި ގޯޅިގޯޅިތަކުން އަޅައިގެން ގޮސް ކިތަންމެ ބުރެއް ޖެހިޔަސް ހާސިލުވާނެ އެއްވެސް އެއްޗެއް އެމްޑީޕީގެ 12 ވަނަ ކުޅުންތެރިޔާއަކަށް ނެތެވެ. އެމްޑީޕީ 2018 އިގެ "އެލްކްލެސިކޯ" އަށް ނުކުންނަވާއިރަށް ދަނގަޑޭގެ ސަންޕެންޑް ހަމައެއް ނުވާނެ އެވެ. ދެއްކި ރަތްކާޑް މާފެއްވެސް ނުކޮށްދޭނެ އެވެ. ވީމާ އެމްޑީޕީއަށް ދަގަނޑޭއެއް އެބަ ބޭނުންވެ އެވެ.

ސަރުބީކޮޅެއް އަނދައި ސިއްހީގޮތުން ހެޔޮ އަސަރުތަކެއް އެމްޑީޕީގެ 12 ވަނަ ކުޅުންތެރިޔާއަށް ނުކުރާނެއެކޭއެއް ނޫނެވެ. ކަންކަމުގައި އަބަދު ރަތަށް އަރާނީ އެމްޑީޕގެ 12 ވަނަ ކުޅުންތެރިޔާ އެވެ. ބާރަވަނަ ކުޅުންތެރިޔާ ޖޯޒީ އަޅައިގެން މާލެ ވަށައި ބުރުޖެހުމަކީ ސިޔާސީ ގޮތުން ލޭ ހިނގާ ޕާޓީއަކަށް އެމްޑީޕީ އަލުން ހަދައިލަފާނެ ވެސް ކަމެކެވެ.

ހަގީގަތަކީ ޓެރަރިޒަމްގެ ކުށް ސާބިތުވެ، ޕާޓީ އަށް ނިސްބަތްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވުނު ހިސާބުން އެމްޑީޕީގެ ބައެއް އާންމު މެމްބަރުންގެ ކަރުއެލި، ބޯ ވެއްޓި، ސިޔާސީ އެހެން ވާދަވެރިން އެމްޑީޕީގެ ގޯލަށް ބޯޅަ ޖަހައި ސްކޯބޯޑެއްގައި އޮތް އަދަދު "މެގަ ޕްރޮޖެކްޓަކަށް" ބަދަލުކޮށް ކުރި ކަމެވެ.

އެމްޑީޕީ އަށް "މުހައްމަދު ނަޝީދެއް" ނުވަތަ "ދަގަނޑޭ" އަކާ އެއް ފެންވަރުގެ "ސިޔާސީ އިންޖީނެއް" ހޯދަން ކޮންމެހެން ވެސް އިއުލާނު ކުރަންޖެހެނީ މި ސަބަބާ ހެދި އެވެ. ކުރީގެ އިންޖީނަށް ސާވިސް ދެވޭނެ ގޮތެއް މިއަދުގެ ސިޔާސީ ކަނޑަކު ނެތެވެ. ސަސްޕެންޑްވެފައި ހުރި ދަގަނޑޭ ދޫކުރަން އެމްޑީޕީގެ 12 ވަނަ ކުޅުންތެރިޔާ ކިތަންމެ ހަޅޭކެއް ލެވިޔަސް އަދި މެނޭޖްމެންޓުން ރެފްރީއަށް ފާޑކިޔަސް ދަނޑޭގެ ސަސްޕެންޝަން ވީއްލާނެހެނެއް ހީއެއް ނުވެއެވެ.

ފުރާނަ އަތް މައްޗަށް ލައިގެން ނުކުމެ ވަޑައިގަތުމަށް ނަޝީދު އެ ބޭފުޅާގެ ސަޕޯޓަރުންނަށް ގޮވާލެއްވީ މި ހަގީގަތް އެ ބޭފުޅާ އަށް އެނގިވަޑައިގަންނަވާތީ އެވެ. އެ މަނިކުފާނު ހަ ކުޅި ކުރީގައި އުޅުއްވިޔަސް އެމްޑީޕީގެ ތެރެއިން އެ ފެންވަރުގެ އެހެން ފިޔަގަނޑެއް ފަޅައި އުދުއްސައިގެންފާނުގެ ކަމުގެ ޔަގީންކަމެއް ނެތީމަ އެވެ.

އެމްޑީޕީގެ ބެންޗުގައި ވަރެއް ނެތެވެ. ޓީމް ލީޑް ކުރަންޖެހުނު ވަގުތު ވައިސް ކެޕްޓަން ނައްޓާލީ އިނގިރޭސި ލީގަށެވެ. އެ ލީގުގައި ހުންނަވައިގެން ޖައްސަވަނީ މުޅިން ވެސް ދުރުންޖަހާ ބޯޅަ އެވެ. ފުރާނަފުޅު އަތްމައްޗަށް ލައިގެން ނުކުރުމަށް ނަޝީދު ގޮވާލެއްވުމުން މޭގަނޑު އަތަށް ނަންގަވައިގެން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު "ފިއްލެވީ" އެވެ.

އެއްވެސް މިސްރާބެއް ނެތެވެ. ޗައިނާގެ އެހީގައި ޕީޕީއެމްގެ ސަރުކާރުން ފަރިކުރަމު އެ ދާ ބްރިޖެއްގެ މެދަކާ ހަމަ އަށް ގޮސްފައި އޮތްވައި އެމްޑީޕީގެ މެމްބަރުންގެ ސިޔާސީ ޕެރޭޑް މި ބްރިޖެއްގެ މަތިން ގޮސް މާ ކަނޑަށް ވެސް ވެއްޓިދާނެއެއް ނޫން ހެއްޔެވެ؟

ދަގަނޑޭއެއް އެމްޑީޕީއަށް މުހިންމުވާ ސަބަބަކީ ކޮބާ؟

ރަތްކާޑު ހަމަވެ ވަރުގަދަ ސަސްޕެންޝަނެއް އައިސްފައިވާއިރު ވެސް އެމްޑީޕީ އިން މި އުޅެނީ އެމީހުންގެ ކުރީގެ އެންމެ މޮޅު ކުޅުންތެރިޔާ އަލުން ދަނޑަށް ނެރޭށެވެ. އެކަމަކު އެކަން ވާކަށް ނެތެވެ. ކަން މިހެން އޮތަސް ފީފާ ފަދަ ބާރުގަދަ ޖަމިއްޔާތަކުން ސިޓީ އާއި ޕްރެޝަރު ނުވަތަ ބޯޅަޖައިގެން ވެސް ރަތް ކާޑު ބާތިލުކޮށް ސަސްޕެންޝަން ވެސް އުވާލެވިދާނެ ކަމަށް އެމްޑީޕީގެ ސަޕޯޓަރުން އުއްމީދުކުރެ އެވެ.

އެކަމަކު އެއީ ހަމަ ކުށްހީއެއްކަން ސާބިތުކޮށް ދެނީ މި ގައުމެއްގައި އިހަކަށް ދުވަހު ވެސް ހިނގައި އެ ދިޔަ ހާދިސާ އެެވެ. ބާރުގަދަ ފީފާ އަކަށް ވެސް ޕީޕީއެމްގެ ސަރުކާރުގެ ކުރިމަތީގައި ޖެއްސުނު ވައްތަރެއް ނެތެވެ.

ކޮންމެއަކަސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ޑިސިޕްލިނަރީ ކޮމިޓީތަކަށް ރަތްކާޑުގެ މައްސަލަ ވެއްދިޔަސް އަދި "ހުދުވަލުގެ ކޯޓަކަށް" މި މައްސަލައެއް ވެއްދިޔަސް މިއީކީ ބަދަލުކުރަން ފަސޭހަ ގޮތަކަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމެވެ.

އެމްޑީޕީގައި ތިބި ސިޔާސީ ބުއްދިވެރިން އެހެން "ދަގަނޑޭ" އެއް އުފަންކުރުވުމުގެ މަސައްކަތަށް އަވަސްވެގަންނަން ޖެހޭ ސަބަބަކީ މިއީ އެވެ. މިއީ އެއްގޮތަކަށް ވެސް ވަކި ބޭފުޅަކަށް ގަޑިއަށް ވަޑައިގެންނެވޭ ގޮތެއް ނެތިގެން މަޑުކޮށްގެން އޮންނަން ޖެހޭ ފެންވަރުގެ ސިޔާސީ ޕާޓީއެއް ނޫނެވެ. އެއަށް ވުރެ ހިންގުންތެރި އަދި ހަލުވި ދުވެއްޔެއްގައި ދަތުރުކުރަމުން އައި އަޒުމް ވެސް އެހާމެ ވަރުގަދަ ޕާޓީއެކެވެ.

ސިޔާސީ ދަނޑަށް އަލުން ނުނިކުމެވޭނެ ވަރުގެ އަދަބެއް ނަޝީދަށް ލިބިވަޑައިގެންނެވި ހިސާބުން އެމްޑީޕީގެ އެ ހިތްވަރު ބުރައިގެންގޮސްފައިވާ ކަމެވެ. "އެމްޑީޕީއެއް ނުފެތޭނެ. އެމްޑީޕީ، އެނބުރި އަންނާނެ" އޭ ބުނި ދުވަސް އަދި އެހެން ކިޔައި ލެއްވި ހަޅޭކުގެ އަޑު ވެސް މިއަދު ވަރަށް ފަނޑުވެއްޖެ އެވެ. އެމްޑީޕީ މިއަދު، ހަމައެކަނި ހުކުރު ދުވަސްތަކުގައި ކަސްރަތުކޮށް ދުއާކޮށްލާ ސިޔާސީ ޕާޓީއަކަށް ބަދަލުވެގެން ގޮސްފައި އޮތް އޮތުމަކީ ރަނގަޅު ހެއްކެކެވެ.

އެކަމަކު އަސްލަށް ވިސްނާއިރު އެމީހުންގެ އަތުގައި މަދީ ހަމައެކަނި ދަގަނޑޭއެވެ. ދެން މިވަރަށް މާޔޫސްވެ އަމިއްލަ އަށް ވެއްޓިގަތުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ދަނގަޑޭއާ ނުލައިވެސް 2018 އިގެ ދިވެހި ލީގަށް ތައްޔާރުވާން ޖެހޭނެ އެެ.

ރާއްޖޭގެ ސިޔާސީ މައިދާނަށް ބަލާއިރު އެމްޑީޕީހާ ހަރަކާތްތައް ވަރުގަދަކޮށްލައިގެން އުޅުނު ބަޔަކު ދިވެހިންގެ ސިޔާސީ ހަޔާތަކު ވެސް ނުފެނެ އެވެ. ޖަލްސާއެއް ބޭއްވިޔަސް ކަންމަތީ ބައްދަލުވުމެއް ބޭއްވިޔަސް ވޯޓެއް ލިޔަސް އަދި ލަވައެއް ކިޔައި ކުއްލިއަކަށް ބޮނޑިބަތް ކެޔަސް އެންމެ ކުރީގައި އޮތީ އެމްޑީޕީ އެވެ. އެމީހުން ދެއްކީ ހިނިތުންވުމާއި ހިތްވަރާއި ބުންވަރާއި ފެންވަރަށް އެމީހުންގެ ވާދަވެރިންނާއި ޒާތީ ދުޝްމަނުންގެ ޝައުގުވެރިކަން ވެސް ދަމައިގެންދިޔަ އެވެ.

ޗައިނާ އިން ވިޔަސް ޕީޕީއެމްއަށް ޕީއާރް މެނޭޖަރެއް އެތެރެކުރާށެވެ!

ކުރީގެ ރައީސް ނަޝީދަކީ ކެރިޒްމެޓިކް ލީޑަރެއް ކަމަށް ވަރަށް ގިނަ ބަޔަކު ބުނެ އެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އެއީ އެމްޑީޕީ އިން ބުރަކޮށް މަސައްކަތްކޮށް އެ ބޭފުޅާ އެފަދަ ލީޑަރަކަށް ހެދީމަ އެވެ. އެއްވެސް ބޭފުޅަކީ ހުރިހާ ކަމެއް ފުރިހަމަވެގެން އަންނަ ބޭފުޅެއް ނޫނެވެ. ބައެއް ކަންކަމަކީ މީހުން އަދި ވަކިން ހާއްސަކޮށް ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދައި ރަނގަޅުކުރަން ޖެހޭ ކަންކަމެވެ.

އެގޮތުން ނަޝީދު 2008 ވަނަ އަހަރު ރައީސް ކަމަށް ވާދަކުރެއްވިއިރު އެ ބޭފުޅާގެ ކެމްޕޭން ތެރެއިން އެ ބޭފުޅާގެ "ޝަހުސިއްޔަތު" އިތުރަށް ވަރުގަދަކުރުމަށް ތަޖުރިބާކާރުން ގެނެސްގެން އާންމުންގެ ހިޔާލު ހޯދުމަކީ ނަޝީދުގެ ސިފަ އާއި ބައެއް އާންމު އަމަލުތައް ކަމުނުދާ ފަރާތްތަކުން ފާހަގަކުރި މުހިންމު ކަންކަމެއް އިސްލާހުކުރުމަށް އެމްޑީޕީ އަށް ފުރުސަތު ލިބި އޭގެ ފައިދާ އެމީހުންނަށް ކުރި ކަމެކެވެ.

ހަމަމިގޮތަށް އެ ޕާޓީ އަކީ ޕަބްލިކް ރިލޭޝަން ކެމްޕޭންތަކުގައި ވެސް އަދި މި ނޫން އެހެން ކެމްޕޭންތަކާއި އާދައިގެ ކަންމަތީ ބައްދަލުވުންތަކުގައި ވެސް އެހެން ސިޔާސީ ޕާޓީތަކަށް ވުރެ އެތައް ފިއްޔެއް ކުރީގައި އުޅުނު ޕާޓީއެކެވެ. އެމްޑީޕީ ވެރިކަމަށް އައިއިރު އެމީހުންނަކީ މުޅިން އެހެން ލީގެއްގެ ބައެކެވެ.

އެ ޕާޓީގެ ޖަލްސާއަކަށް ގޮނޑިތައް ޖަހާލާފައި ނުވަތަ ބެކްޑްރޮޕް ހަދާލާފައި ހުންނަ ގޮތަކުން ވެސް އެ ތަފާތު ފާހަގަކުރެވޭނެ އެވެ.

ޕީޕީއެމް ފަދަ ޕާޓީއަކަށް ބަލާއިރު އެމީހުންގެ މަދުވާ ސިފައަކީ މިއީ އެވެ. ޕީޕީއެމް އަކީ އެ ޕާޓީއެއްގައި އެއް ފެންވަރެއްގެ ނުވަތަ ލީޑަޝީޕް ހިފަހައްޓަވާލައްވައިގެން ކުރިއަށް ވަޑައިގެންނެވޭ ވަރުގެ އެތައް ލީޑަރުންނެއް ނިސްބަތްވާ ޕާޓީއެކެވެ. ތިރީސް އަހަރު ވަންދެން ޔަންމާ އިންޖީނާއެކު ރާއްޖޭގެ ސިޔާސީ ކަނޑުގައި ދުއްވީ ވެސް ތެލެއް ވެސް ބަދަލުކުރުމެއް ނެތިކަން ފާހަގަކޮށްލަން ޖެހެ އެވެ.

އެއަށް ފަހު އާންމުންނާ ގުޅުން ބޮޑުކުރަން ޖެހޭ ޒަމާނަކާ އަދި ބައިނަލްއަގުވާމީ މުޖުތަމައަށް ހުޅުވިގެން ގޮސް ގުޅުން ބަދަހިކުރަން ޖެހޭ ޒަމާނެއް ބޯމަތިވެފައިވާއިރު ޕީޕީއެމް މި ފެންނަކީ އެ ދިމާލުން ވަރަށް ދަށްކޮށް ހާ އަޅާފައި އޮއްވަ އެވެ. ޕީޕީއެމް ކޮށި އަރުވާލާފައި އިދިކޮޅުން ވަންނަނީ އެދިމާ އިންނެވެ. ވަކިން ހާއްސަކޮށް ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅުން ވަރުގަދަކުރުމުގަ އާއި ސަރުކާރުން ގެނެސްދެމުންދާ ކުރިއެރުންތަކުގެ ވާހަކަ އާންމު ރައްޔިތުންނަށް ވިސްނޭނެ ބަހުރުވައަކުން ދެއްކުމުގަ އެވެ.

"އަސުރުމާ" ކިޔާ ފޭސްބުކު ޕޭޖެއް ހިންގައިގެން "ރުމާލު 2" ލައިގެން "ޓީމް އަދީބާ" އާއި "ޓީމް ޒުވާނުން" ހަދައި އަދި ކޮންމެ މީހަކު ވަކި ދިދައެއްގައި ވަކި ޖުމްހޫރިއްޔާއެއް ހަދައިގެެން 2018 އިގެ ލީގް ތައްޓެއް ނުލިބޭނެ އެވެ. ޕީޕީއެމްގެ އިމޭޖު އާންމުންގެ މެދުގައި ވަކިން ހާއްސަކޮށް ޒުވާނުންގެ މެދުގައި މައްޗަށް ގެންގޮސް އެކި ފަންނުތަކުގެ ޒުވާނުން ދަމައިގަތުމަށް އެމީހުންގެ މޫނުމަތި މިއަށް ވުރެ ވަރުގަދަކުރަންޖެހެ އެވެ. ޕޯސްޓަރާ ހަމައަށް ދިޔައިމާ ޗިލިޔާ މޫސާމަނިކު ހޯދައިގެން ތިކަން ކުރަން ކުރަންޏާ ހުއްޓާލާށެވެ.

ރައީސް ޔާމީންގެ ސަރުކާރަށް ދެ އަހަރުވީ އެވެ. ވަރަށް ގިނަ ގޯލް ޖައްސަވައި ވަރަށް ގިނަ ޓީމް ބަލި ކުރައްވައި ވަރަށް ގިނަ ޓީމްތައް ރެލިގޭޝަނަށް ދުއްވާލައިފި އެވެ. އެކަމަކު މިކަން ޕީޕީއެމްގެ 12 ވަނަ ކުޅުންތެރިޔާއަކށް ނޭނގެ އެވެ. އެކަން އަންގައިދޭނެ ކްރިއޭޓިވިޓީގެ ބޭނުމެއް ނުހިފަ އެވެ. ހިފާކަށް ނުވެސް އެނގެ އެވެ.

މިސާލަކަށް އެމްޑީޕީ އިން ނަޝީދު ބައިނަލްއަގުވާމީ މުޖުތަމައަށް ވިއްކި ގޮތް ނުވަތަ ބައިނަލްއަގުވާމީ ސްޓޭޖުގައި ތަރިއަކަށް ވެވަޑައިގަތުމަށް ޚުދު އެ ބޭފުޅާ އަމިއްލަ އަށް އިސްނަންގަވައިގެން ޖެއްސެވި ކެމްޕޭންތައް ބައްލަވާލައްވާށެވެ. ކަނޑުއަޑީގައި ކެބިނެޓް ބައްދަލުވުން ބޭއްވުމާއި ފުރާޅަށް އަރާވަޑައިގެން ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަތުމާއި "އައިލެންޑް ޕްރެސިޑެންޓެއް" ގެ ނަން ދީފައި އޮތް ފިލްމަކަށް ދިން އެއްބާރުލުން ވެސް ފާހަގަކޮށްލެވެ އެވެ. މިއީފަހަރުގައި ރައީސް އަބްދުﷲ ޔާމީން އެހާ ލައިކްވެ ވަޑައިގަންނަވާ ކަންކަމަށް ނުވެދާނެ އެވެ. މިނޫން ގޮތްގޮތަށް ވެސް ކުރެވޭނެ ކަންކަން ހުންނާނެ އެވެ. ޓީމެއް ރާވާއިރު ޓެކްޓިކްސް ބޭނުންވާނެ އެވެ.

ފާހަގަކޮށްލަން ޖެހެނީ އެމްޑީޕީ އާއި ނަޝީދު މިފަދަ ހަރަކާތްތަކެއްގައި އުޅުއްވިއިރު އެހެން ވާދަވެރި ޕާޓީތަކުގެ ބޭފުޅުން ވަގުތު ހޭދަކުރެއްވީ ޕޯޑިއަމްތަކަށް އަރައި އެކަންތައް ސަމާސާއަކަށް ހެއްދެވުމަށް ކަމަށެވެ. އެކަމަކު ނަތީޖާ އެނގޭ ހެއްޔެވެ؟ އެމްޑީޕީ އާއި އެހެން ޕާޓީތަކާ ދެމެދު އޮތް ތަފާތަކީ އެއީ އެވެ.

ހުރިހާ ކަމެއްގައި އެ ޕާޓީ އަރައިގެންދާހެން ހީވަނީ މި ފެންވަރަށް ފުށްޖަހައި ދޮންކޮށްފައިވާ މޫނުމައްޗެއް އެހެން ސިޔާސީ ޕާޓީއެއްގައި ނެތީމަ އެވެ.

ވާހަކަ ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ވާހަކަ ދައްކާ ގޮތާއި ރާގު ނިކަން މުހިންމު ރޯލެއް ކުޅެ އެވެ. އެމްޑީޕީ އަކީ އެކަންކުރަން އެނގޭ ބައެކެވެ. ކްރިއޭޓިވިޓީގެ ބޭނުން ހިފާބައެކެވެ. އެކަމަކު މިހުރިހާ ކަމަކަށް ވެސް އެމީހުން ފުއްޖަހައި ފަރިކުރީ ހަމައެކަނި މުހައްމަދު ނަޝީދަށް ދައްކަން ކަމަށްވާތީ އެވެ. އޭގެ ހިތި އެ ޕާޓީ އިން މިއަދު އެ ގެންދަނީ ތަޖުރިބާކުރަމުންނެވެ.

އެހެންވީމަ މިފަދަ ދުވަސްތަކެއްގެ ތެރެއަށް ވެއްޓުމުގެ ކުރިން ޕީޕީއެމަށް ގެންނަން ޖެހެނީ ގަދަފަދަ ޕީއާރު މެނޭޖަރެކެވެ. ސްޓައިލިސްޓެއް ވެސް މި ޕާޓީއަށް ބޭނުންވާހެން އެބަހީވެ އެވެ. ސަބަބަކީ ކުލައެއް އިހްތިޔާރުކުރިއިރު ވެސް ފިޔާތޮށި ނޫން އެހެން ކުލައެއް އިހްތިޔާރުކުރަން ނޭނގުނީތީ އެވެ.