އަލީ ވަހީދު

އަލީ ޝަރީއަތުގައި ބައިވެރިވީ ހައިކޮމިޝަނުގައި އިންނަވައިގެން

Jun 28, 2021
1

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިންސީ ގޯނާއާ ގުޅޭ ދައުވާތަކާ ގުޅިގެން ކުރިއަށްދާ ޝަރީއަތުގެ އަޑުއެހުމެއްގައި އޮންލައިންކޮށް ބައިވެރިވުމަށްޓަކައި އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް އަލީ ވަހީދު ހާޒިރުވި ކަން ފޮރިން މިނިސްޓްރީން ޕީޖީ އޮފީހަށް ޔަގީންކޮށްދީފި އެވެ.

ކޯޓުގައި ހިނގަމުންދާ މައްސަލަ އަކަށް ވާތީ ފޮރިން މިނިސްޓްރީން މިމައްސަލާގައި އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނުވި އެވެ. އަދި ޕީޖީ އޮފީހުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ނަމަވެސް އަވަސް އަށް އެނގިފައިވާ ގޮތުގައި އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ފަހުން ބޭއްވި އަޑުއެހުންތަކުގެ ތެރެއިން އަލީ ވަހީދު ބައިވެރިވެވަޑައިގެން މިހާތަނަށް ބޭއްވި ހަމައެކަނި އަޑުއެހުން އޮތީ މިމަހުގެ 21 ވަނަ ދުވަހު އެވެ. އެދުވަހުގެ އަޑުއެހުން ވަނީ ސިއްރުކޮށްފަ އެވެ. އެކަމަކު އެ ދުވަހުގެ އަޑުއެހުމުގައި އަލީ ވަހީދު ބައިވެރިވެވަޑައިގެންނެވީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަންގައި އިންނަވައިގެން ކަން އަވަސް އަށް ވަނީ ޔަގީންކުރެވިފަ އެވެ.

ވީޑިއޯ ކޯލެއް މެދުވެރިކޮށް އަލީ ވަހީދު ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވުމަށް ހުށަހެޅުއްވުމުން އެއީ ކްރިމިނަލް ކޯޓުން އަމަލުކުރާ އާންމު އުސޫލެއް ނޫން ކަމަށާއި އަދި އެއީ ޖިނާއީ އިޖުރައާތުގެ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށް ބުނެ އެގޮތަށް އެ ޝަރީއަތް ކުރިއަށް ގެންދަން ދައުލަތުން މީގެކުރިން ދެކޮޅު ހަދާފައިވެ އެވެ. ދައުލަތުން އެކަމަށް ދެކޮޅު ހެދި އިތުރު ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ އަލީ ވަހީދު ހުންނެވީ ދިވެހި ދައުލަތުގެ އިހްތިސާސް ހިނގާ ސަރަހައްދެއްގައި ކަން ސާފުވެފައި ނެތުން ކަމަށެވެ.

ދައުލަތުން ވަނީ އޮންލައިންކޮށް އަލީ ވަހީދުގެ މައްސަލަ ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ވެސް ކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ އަދި ހައިކޯޓަށް ބަލައިގެންފައި ނުވާ ކަމަށް ޕީޖީ ހުސައިން ޝަމީމް ރޭ ވަނީ ވިދާޅުވެފަ އެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވި މައްސަލައާއި ގުޅިގެން ސުޕްރީމް ކޯޓާއި ހައިކޯޓުގެ ނިންމުމެއްގައި ދައުވާ ލިބޭ މީހާގެ ޣައިރު ހާޒިރުގައި ޖިނާއީ މައްސަލަތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

އަލީ ވަހީދަށް އުފުލާފައިވާ ދައުވާތައް

ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ
ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ
ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ކުށުގެ ދައުވާ
ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ
ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ބޮޑެތި ދައުވާތަކެއް އުފުލާފައި ވަނިކޮށް ބޭސް ފަރުވާއަށް ރާއްޖޭން ވަޑައިގަތުމަށް ދިން ހަތަރު މަހުގެ މުއްދަތު ޖޫން ނުވަ ވަނަ ދުވަހަށް ވަނީ ހަމަވެފަ އެވެ.

އަލީ ވަހީދު ބޭރަށް ވަޑައިގަތީ އޭނާގެ ގާތް ރަހްމަތްތެރިއެއް ކަމަށްވާ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ އެ މައްސަލަ އަށް ޖާމިނުކުރުވާފަ އެވެ.