ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކުރުމުގެ އަމުރެއް ކޯޓުން ނެރެދީފިނަމަ ރެޑް ނޯޓިސް ނެރެގެން ރާއްޖެ ގެނެވިދާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ. ސީޕީ މިފަދައިން ވިދާޅުވީ މިއަދު ހޯމް ސެކްޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންވެ.
ސީޕީ ވިދާޅުވީ އަލީ ވަހީދު ޝަރީއަތަށް ހާޒިރުކުރުމަށްޓަކަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތްތަކެއް މިހާރު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް ރެޑް ނޯޓިސް ނެރެފައި ނުވާނެ ކަމަށާއި އެފަދަ މަސައްކަތެއް ވެސް ނުކުރާ ކަމަށެވެ.
އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން އަދި އަލީ ވަހީދު ހައްޔަރުކޮށްގެން ރާއްޖެ ނުގެނެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އެކި ގައުމުތަކުގައި ޖުރިސްޑިކްޝަން ހިނގަނީ އެކި ގޮތްގޮތަށް ކަމަށާއި އެކަން ކުރުމަށް ހާއްސަ ޕްރޮސެސްތަކެއް އޮންނަ ކަމަށް ވިދާޅުވި އެވެ.
ދެ ގައުމެއްގެ ދެމެދު ވަކި ގޮތަކަށް މުއާމަލާތްތަކެއް ހިންގަންޖެހޭނެ ކަމަށާއި އެކަމަށް ހާއްސަ މަސައްކަތްތަކެއް ކުރަން ޖެހޭކަން ވެސް ހަމީދު ފާހަގަކުރެއްވި އެވެ.
"އިންޓަޕޯލް ރެޑް ނޯޓިސް ނެރޭ ހިސާބަކުން މީހަކު ހައްޔަރުކޮށްގެންނެއް އަޅުގަނޑުމެންގެ ޖުރިސްޓިކް ތެރެއަކަށް ނުގެނެވޭނެ. ގެނައުމަށް ޕްރޮސެސްތަކެއް ހުންނާނެ،" ސީޕީ ވިދާޅުވި އެވެ.
ނަމަވެސް އަލީގެ މައްޗަށް ޖިންސީ ގޯނާގެ ސީރިއަސް ދައުވާތަކެއް އުފުލާފައިވާއިރު، އެ ދައުވާތަކާ ގުޅިގެން އޭނާ ހައްޔަރުކުރުމުގެ އަމުރެއް ކޯޓުން ނެރެފިނަމަ މި މެކޭނިޒަމް އެކްޓިވޭޓް ކުރެވިދާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.
އަލީ ވަހީދު ރާއްޖެ ގެނައުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ސީޕީ ވިދާޅުވި ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.
ސީޕީ މިފަދައިން ވިދާޅުވިއިރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިހާތަނަށް މަސައްކަތްކޮށްފައި ވަނީ އަލީގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ހޯދުމަށެވެ. އެކަމަކު އެ އަމުރު އެއްވެސް ކޯޓަކުން ނެރެދީފައެއް ނުވެ އެވެ.
އަލީގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ސުޕްރީމް ކޯޓުގައި ހިނގާ މައްސަލައަށް ވަޑައިނުގަނެގެން އެންމެ ފަހުން ބޭއްވި އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ. އޭގެ ކުރިން ކޯޓަށް ވަޑައިނުގަންނަވައި ކޯޓުގެ ހުރުމަތް ކެނޑުމުން ދެ މަހާ 12 ދުވަހަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް ހުކުމް ތަންފީޒު ނުކުރުރައްވައި ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.