ރައީސް އޮފީސް

ދެ ބޭފުޅަކަށް ސްޓޭޓް މިނިސްޓަރުކަން

މިނިސްޓަރު އޮފް ސްޓޭޓް ފޯ އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމާއި މިނިސްޓަރު އޮފް ސްޓޭޓް ފޯ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މަގާމަށް ދެ ބޭފުޅަކު ހަމަޖައްސަވައިފި އެވެ.

މި ދެބޭފުޅުން މި ދެ މަގާމަށް އައްޔަންކުރައްވާފައި ވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރެއްވުމަށްޓަކައި ބޭނުންފުޅުވާ މަގާމުތަކަށް މީހުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ. މިގޮތުން މިނިސްޓަރު އޮފް ސްޓޭޓް ފޯ އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ހ. ސުނާރު ހަދީޖާ ނަސީމެވެ.

ހަދީޖާ ނަސީމް ވަނީ އެންވަޔަރަންމަންޓް ދާއިރާއިން އޮސްޓްރޭލިޔާގެ ޔުނިވާސިޓީ އޮފް މެލްބަން އިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި ހަދީޖާ ނަސީމް ވަނީ ބައިނަލް އަގްވާމީ އަދި ރާއްޖޭގެ ބައެއް ޖަމިއްޔާ ޖަމާއަތްތަކާއި ސަރުކާރުގެ އެކި އިދާރާތަކުގެ އެކިފަންތީގެ މަގާމުތަކުގައި ދިގު މުއްދަތެއްގައި މަސައްކަތް ކުރައްވާ ތަޖުރިބާ ހޯއްދަވާފައެވެ. ހަދީޖާ މިނިސްޓަރު އޮފް ސްޓޭޓް ފޯ އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ކުރިން އަދާކުރައްވަމުން ގެންދެވި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ސްޕެޝަލިސްޓުގެ މަގާމުން ވަކިކުރައްވާފައެވެ. --ހަދީޖާ ނަސީމްއަކީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގުމާއި ޒިންމާތައް އޮތް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓަޖިސްޓް އިބްރާހީމް ހޫދުގެ އަނބިކަނބަލުންނެވެ.--

މިނިސްޓަރު އޮފް ސްޓޭޓް ފޯ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ މިއަދު އައްޔަން ކުރެއްވީ ގ.ކަނޑުވައިގެ އަހްމަދު އަފްޒަލް އިބްރާހީމެވެ. އަހްމަދު އަފްޒަލް ވަނީ ކޮމްޕިއުޓަރު ސައިންސް ދާއިރާއިން މެލޭޝިޔާގެ ލިމްކޮކްވިންގް ޔުނިވާސިޓީ އޮފް ކުރިއޭޓިވް ޓެކްނޮލޮޖީއިން ބެޗްލާ އޮފް ކޮމްޕިއުޓަރ ސައިންސް (އޮނާސް) އިން މޮބައިލް ކޮމްޕިއުޓިން ހާސިލުކުރައްވާފައެވެ. އަފްޒަލް އިބްރާހީމް މީގެ ކުރިން ވަނީ ސަރުކާރުގެ އިދާރާތަކާ އަމިއްލަ ކުންފުނިތަކުގައިވެސް ހިދުމަތް ކުރައްވާފައެވެ. އަދި މިނިސްޓަރު އޮފް ސްޓޭޓް ފޯ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ މިނިސްޓަރު އޮފް ސްޓޭޓް ފޯ އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމުގައެވެ.

އަފްޒަލަކީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމްގެ ފަރާތުން ސްޓޭޓް މިނިސްޓަރުގެ މަގާމަށް ވަޑައިގެންނެވި ބޭފުޅެކެވެ. ނިމިދިޔަ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގައި ވެސް އޭނާ މަސައްކަތް ކުރެއްވިއެވެ. ޖެންޑާ މިނިސްޓްރީގެ ތެރެއިން 1.5 މިލިއަން ރުފިޔާގެ ހިޔާނާތެއް އަފްޒަލް ހިންގާފައިވާ ކަމަށް ސޯޝަލް މީޑިއާގައި މީހުން ތުހުމަތު ކުރެ އެވެ. ނަމަވެސް އެފަދަ މައްސަލައެއް އެއްވެސް އިދާރާއަކުން މިހާތަނަށް ފާހަގައެއް ނުކުރެ އެވެ.