އިސްލާމިކް މިނިސްޓްރީ

ވަގުފް ފަންޑު ފުޅާކުރަން ހުޅުމާލޭން ބިމެއް ހޯދަނީ

ވަގުފް ފަންޑު ފުޅާ ކުރަން ހުޅުމާލޭގައި އިމާރާތެއް އަޅަން ބިމެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ އެ މިނިސްޓްރީގެ ދަށުގައި އޮތް ވަގުފް ފަންޑު ފުޅާކުރަން މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ހުޅުމާލޭގައި ވަގުފް އިމާރާތެއް އަޅަން ބިމެއް ހޯދަން އެޗްޑީސީއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ޒާހިރު ވިދާޅުވީ ވަގުފް ބިމުގެ ގޮތުގައި އއ. ތޮއްޑޫގައި ވެސް ބިންތަކެއް އެބަހުރި ކަމަށާއި އެ ބިންތަށް އަވަސް މުސްތަގުބަލެއްގައި ބޭނުން ކުރަން ފަށާނެ ކަމަށެވެ. ވިދާޅުވީ ކޮވިޑްގެ ހާލަތު ރަނގަޅުވެ، އާންމު ހާލަތަކަށް ދެވުމުން ކުރާން ރާވާފައިވާ ކަމަށެވެ.

ވަގުފް ފަންޑު ފުޅާ ކުރަން ކުރީން ވަނީ މާފަންނު މަދަރުސާ އާއި ކުރީގެ ރާވެރިޔާ ރެސްޓޯރެންޓާ ދެމެދުގައި އޮތް ބިމުގައި 10 ބުރީގެ އިމާރާތެއް ވެސް އަޅާފަ އެވެ. ދާރުލްއީމާންގެ ނަން ދީފައިވާ އެ ބިލްޑިން ވަގުފް ކޮށްފައި ވަނީ ރާއްޖޭގެ މިސްކިތްތައް އިތުރަށް ތަރައްގީކޮށް، މިސްކިތްތަކުގެ ދައުރު ފުޅާކޮށް މިސްކިތްތަކަށް ކުރަންޖެހޭ ހަރަދުތައް ކުރަން ބޭނުންވާ ފައިސާ ދެމެހެއްޓެނިވި ގޮތެއްގައި ހޯދާށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި ދާރުލްއީމާން ކުއްޔަށް ދީގެން އަހަރެއްގެ މައްޗަށް ވަގުފު ފަންޑަށް 5.2 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ. ދާރުލްއީމާން އިމާރާތަކީ ވަގްފު ފަންޑުން ހެދި ފުރަތަމަ އިމާރާތެވެ.

ރާއްޖޭގެ ފަސް އަތޮޅެއްގައި މިފަދަ އިމާރާތްތަކެއް އަޅަން ކުރީގެ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީ އާއި ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ދެމެދު މާޗް 26، 2014 ގައި އެއްބަސްވުމެއްގައި ސޮއިކޮށްފައި ވެއެވެ. ނަމަވެސް ދާރުލްއީމާނަށް ފަހު މިހާތަނަށް ވަގުފް އިމާރާތެއް އަޅާފައެއް ނުވެއެވެ.

ދާރުލް އީމާން އިމާރާތް އަޅާފައިވަނީ އިސްލާމީ ގައުމުތަކުން ލިބުނު އެހީ އާއި ރާއްޖޭގެ ވިޔަފާރިވެރިންނާއި ފީސަބީލިﷲ ފަންޑުގެ އެހީތެރިކަމާއެކު އެވެ. އަދި ކުވެއިތު ސަރުކާރުން ހަތަރު ލައްކަ ޑޮލަރާއި އަލްޖީރިއާގެ ވިޔަފާރިވެރިއެެއް ކަމުގައިވާ ޖިލިބީ މަހުރީ ވެސް ދެ ލައްކަ ޑޮލަރު ދިނެވެ.