ހުޅުމާލެ

ދެވަނަ ފޭސްގައި ޖޫންގެ ކުރިން ދެ މިސްކިތް އަޅަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފަށާފައިވާއިރު ޖޫން މަހުގެ ކުރިން އެ ސަރަހައްދުގައި ދެ މިސްކިތް އިމާރާތް ކުރާނެ ކަަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ އިއުލާނު ކޮށްފަ އެވެ. ނަމަވެސް އެ މަަސައްކަތް ކުރަން އަދި ބަޔަކާ ހަވާލުކޮށްފައެއް ނުވެ އެވެ.

ކުރީ ސަރުކާރުން އިމާރާތް ކުރި 7،000 ފްލެޓަށް މީހުން ވަންނަން ތައްޔާރުވެފައިވާއިރު އެ ފްލެޓްތަކަށް މީހުން ބަދަލުވާން ފެށުމުން ވަރަށް ބޮޑު އާބާދީއެއް އެއް ފަހަރާ ދެވަނަ ފިޔަވަހީގައި ދިރިއުޅެން ފަށާނެ އެވެ. އެހެންކަމުން ދެވަނަ ފިޔަވަހީގައި ވަސީލަތްތަކާއި ހިދުމަތްދޭނެ ތަންތަން ގާއިމު ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

އަވަސްއާ ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގަައި ވަގުތީ މިސްކިތެއް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކުރި ނަމަވެސް އެކަމަށް ކުރިމަތިލީ ކުންފުނިތަކުން ހުށަހަޅާފައިވަނީ ވަރަށް ބޮޑު އަގެއް ކަމަށެވެ. އެގޮތުން އެންމެ ކުޑަކޮށް ހުށައެޅި ކުންފުނިން ވެސް 3.8 މިލިއަން ރުފިޔާ ހުށަހެޅި އެވެ.

"އެއީ ވަގުތީ މިސްކިތަކަށް ބަލާއިރު ވަރަށް ބޮޑު އަދަދެއް. އެހެންވީމަ އަލުން އެ ފުރުސަތު ހުޅުވާލަން ވަނީ ނިންމާފައި. އަދި ވަގުތީ މިސްކިތުގެ ކުރެހުން ނިންމާ ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި ބަޔަކާ ހަވާލު ކުރެވޭނެ ކަމަށް އުއްމީދު ކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޒާހިރު އިތުރަށް ވިދާޅުވީ ދެވަނަ ފިޔަވަހީގައި ޖޫންގެ ކުރިން ދެ މިސްކިތް އިމާރާތް ކުރަން ނިންމަވާފައިވާ ކަމަށެވެ.