ގާނޫނުލްއުގޫބާތުގައި އިސްލާމީ އަގީދާއާ ގުޅުވައިގެން މުޖުތަމައުގައި މީހަކާ މެދު ނަފުތަރު އުފެއްދުން ކުށަކަށް ހަދަން ހުށަހެޅި ހުށަހެޅުން އުނިކޮށްފި އެވެ.
ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅި ބިލްގައި ނަފްރަތުގެ އަމަލު ހިންގުމުގެ ބަޔަށް އިތުރު ބައިތަކެއް ގެނައުމަށް އޮތީ ހުށަހަޅާފަ އެވެ. އެގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުން ކުށަކަށް ހަދަން ވަނީ ހުށަހަޅުއްވާފަ އެވެ.
ހަމައެހެންމެ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއް ކަމަށް ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކީ ކާފަރެއް ކަމަށް ތުހުމަތުކުރުން ވެސް ކުށަކަށް ހަދަން އޮތީ ހުށަހަޅާފަ އެވެ. ބިލްގައިވާ ގޮތުން މި ހުރިހާ ކުށަކީވެސް ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެެވެ.
އެ ބިލް އިތުރަށް ދިރާސާކުރުމަށް މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގައި މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ އިސްލާމީ އަގީދާއާ ގުޅުވައިގެން މުޖުތަމައުގައި މީހަކާ މެދު ނަފުތަރު އުފެއްދުން ކުށަކަށް ހެދުމުގެ ބައި އުނިކުރަން ފެންނަ ކަމަށެެވެ. އިސްލާމިކް މިނިސްޓްރީން ވެސް އޮތީ އެބައި އުނިކުރަން ހުށަހަޅާފައި ކަމުގައި ވިދާޅުވި އެވެ.
"އެއީ އަގީދާއާ ގުޅުވައިގެން މުޖުތަމައުގައި މީހަކާ މެދު ނަފްރަތު ފުޅާވެގެންދާ ދިއުމުން ގޮސް ވަރަށް ތަފްސީލުކޮށް ބިލުގައި ލިޔެފައި ނެތިއްޔާ އެބިއޫޒް ކުރުމުގެ ޗާންސް އޮވެދާނެކަމަށްޓަކައި އެބައި [އިސްލާމީ އަގީދާއާ ގުޅުވައިގެން މުޖުތަމައުގައި މީހަކާމެދު ނަފުތަރު އުފެއްދުން] މި އުނިކުރީ" އިމްތިޔާޒް ވިދާޅުވި އެެވެ.
ވަކި މައްސަލައަކާ މެދު ދީނީ އިލްމުވެރިންގެ މެދުގައި ދީނީ ރައުޔު ތަފާތުވެފައިވާ ކަން އެނގެން އޮއްވާ އޭގެތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން ނުވަތަ ކުރި އަމަލަކުން އެމީހެއްގެ އިސްލާމީ އަގީދާ އަށް ގެއްލުން ލިބިދާނެ ގޮތަށް އެމީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް އަދި އެފަދަ މާނައެއްގައި އާންމު ތަނެއްގައި ސިފަކުރުން ނުވަތަ ތުހުމަތުކުރުން ވެސް ކުށަކަށް ހަދަން އިމްތިޔާޒް ހުށަހެޅުއްވި އެވެ.
ނަމަވެސް ޑްރާފްޓް ކޮށްފައި އޮތް ގޮތުން މީހެއްގެ އިސްލާމީ ޝަހުސިއްޔަތަށް ގެއްލުން ލިބިދާނެ ގޮތަށް އޮތުމުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވީ އެ ލެވެލް އަށް ގެންގޮސް ކުށަކަަށް ހެދުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް އަރައިގަތުން ކަމަށެވެ. އަދި އޭގެ ސަބަބުން ހަމަޖެހުން ގެއްލޭ ފަދަ އެތައް ކަމެއް ހިނގައިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އެހެންވެ އިސްލާމީ ޝަހުސިއްޔަތަށް ގެއްލުން ލިބިދާނެ ގޮތަށް އިމްތިޔާޒުގެ ހުށަހެޅުމުގައި އޮތް ބައި ވަކިކުރަން މެމްބަރުން ތާއިދު ކުރެއްވި އެވެ. އަދި ވަކި މައްސަލައަކާ މެދު ދީނީ އިލްމުވެރިންގެ މެދުގައި ދީނީ ރައުޔު ތަފާތުވެފައިވާ ކަން އެނގެން އޮއްވާ އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން ނުވަތަ ކުރި އަމަލަކުން އެމީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް އަދި އެފަދަ މާނައެއްގައި އާންމު ތަނެއްގައި ސިފަކުރުން ނުވަތަ ތުހުމަތުކުރުން ވެސް ކުށަކަށް ހަދަން މިއަދު ވަނީ ފާސްކޮށްފަ އެވެ.
ބިލަށް ހިޔާލު ދިނުމަށް ދީނީ އިލްމުވެރިން މަޖިލީހަށް ހާޒިރުކުރުުމަށް ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މިއަދު ހުށަހެޅުއްވި އެވެ. ނަމަވެސް ބައެއް މެމްބަރުން އެކަމަށް ތާއިދެއް ނުކުރެއްވި އެވެ. ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ވިދާޅުވީ އިލްމުވެރިންގެ ތެރޭގައި ތަފާތު ވައްތަރުގެ އިލްމުވެރިން އުޅޭ ކަމަށާއި ގެންނާނެ އިލްމުވެރިޔަކު ސީދާ ނޭނގޭ ކަމަށެވެ. އަދި ބިލަށް ހިޔާލު ފާޅުކުރުމަށް ފުރުސަތު ދެވިފައިވުމާއެކު އިލްމުވެރިން އިތުރަށް ހާޒިރުކުރަން ނުފެންނަ ކަމަށެވެ.
"ގޭންގްގެ ގޮތުގައި ބައެއް އިލްމުވެރިން އުޅޭ" ޝަހީމް ވިދާޅުވި އެވެ.
މުސްލިމަކު ކަނޑައެޅިގެން ކުފުުރުގެ އަމަލެއް ނުވަތަ ބަހެއް ގަސްދުގައި ފާޅުނުކުރާހާ ހިނދަކު ނުވަތަ ފާޅުގައި މުރުތައްދު ނުވާހާ ހިނދަކު އާންމު ތަނެއްގައި އެމީހަކީ ކާފަރެއް ނުވަތަ މުރުތައްދުވެފައިވާ މީހެއް ކަމަށް ސިފަކުރުން ނުވަތަ ތުހުމަތުކުރުން ނުވަތަ ސިފަކުރުމުގައި ނުވަތަ ތުހުމަތުކުރުމުގައި ބައިވެރިވުންވެސް ކުށަކަށް ހަދަން މިއަދު ފާސްކުރި އެވެ.
ހަމަ އެހެންމެ މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި ނުވަތަ ސިޔާސީ ވިސްނުމަށް ބަލައި މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުން، އެފަދަ ކަމެއް ރޭވުމަށް ގޮވާލުން އަދި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މީހަކަށް ޖިސްމާނީ އަނިޔާއެއް ދޭން އުޅުމާއި ނުވަތަ އެމީހަކަށް ތަފާތުުކުރުމަށް ގޮވާލައި ނުވަތަ އެ އަމަލަށް ހިތްވަރު ދިނުން ކުށަކަށް ހަދަން މިއަދު ފާސްކުރި އެެވެ.
ބިލުގައި ބުނެފައިވާ އާންމު ތަންތަނާއި އަދި ކުށުގެ އަދަބާ ގުޅޭ ގޮތުން ދެން އޮންނަ ޖުޑިޝަރީގެ ބައްދަލުުވުމެއްގައި މަޝްވަރާކުރާނެ ކަމަށްވެސް އިމްތިޔާޒް ވަނީ ވިދާޅުވެފަ އެވެ.