އެމްއާރުއެމް

ކަމާލުއްދީން އެމްއާރްއެމް އިން ވަކިވެއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގިނަ ދުވަސްތަކެއްވަންދެން ކެބިނެޓްގައި މަސައްކަތް ކުރެއްވި އަބްދުﷲ ކަމާލުއްދީން މައުމޫންގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ވަކިވެވަޑައިގެންފި އެވެ. އެމްއާރްއެމް ސިޔާސީ ހަރަކާތެއްގެ އޮތްއިރުވެސް ކަމާލުއްދީން ހަރަކާތްތެރިވެވަޑައިގެންނެވިއެވެ.

ކަމާލުއްދީން އަވަސްއަށް ވިދާޅުވީ އެމްއާރްއެމް އިން ވަކިވެވަޑައިގަތުމަށް މިއަދު ސިޓީ ފޮނުއްވާފައިވާނެ ކަމަށެވެ. ކަމާލުއްދީން ވިދާޅުވީ ރާއްޖޭގައި ވަރަށް ގިނަ މައްސަލަތައް އުފެދި ބޮޑުވަމުން އަަންނައިރު އެއިން އެއްވެސް މައްސަލައެއް ހައްލު ކުރުމަށް އެކަށީގެންވާ އިޖާބައެއް ދޭ ތަނެއް ނުފެންނަ ކަމަށެވެ. އަދި މިވަގުތު ބޭނުންފުޅުވަނީ ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ މިނިވަން ރައްޔިތެއްގެ ގޮތުގައި ހުންނެވުމަށް ކަމަށެވެ.

"މިހާރު ހުރި މައްސަލަތަކަށް އިޖާބަދޭ ތަނެއް އެއްވެސް ސިޔާސީ ޕާޓީއަކުން ނުފެންނާތީ އެއްވެސް ސިޔާސީ ޕާޓީއެއްގައި މިވަގުތު ހުންނަން ބޭނުން ނުވަނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މައްސަލަތަކަށް ހައްލު ހޯދުމަށް އެއްގޮތަށް ވިސްނާ ބަޔަކާއެކު ކުރިއަށް ދެވޭތޯ ބަލަންޖެހޭ. އެކަން ކުރެވޭނީ މިނިވަން ރައްޔިތެެއްގެ ގޮތުގައި ހުރެގެން،" ކަމާލުއްދީން ވިދާޅުވިއެވެ.

އަދި ވިދާޅުވީ އެމްއާރްއެމްއިން ވަކިވުމުގައި އިތުރު ސަބަބެއް ނެތް ކަަމަށެވެ.

"އަޅުގަނޑު އެންމެ އިހްތިރާމްކުރާ ސިޔާސީ ލީޑަރަކީ ރައީސް މައުމޫން. އެއީ ޝައްކެއް ހުރި ކަމެއް ނޫން. އެމްއާރްއެމްއިން ވަކިވުމުގައި އެފަދަ އެއްވެސް ސަބަބެއް ނެތް،" 

ކަމާލުއްދީން ވަނީ ޑީއާރުޕީ އާއި ޖުމްހޫރީ ޕާޓީގައިވެސް ކުރީން މަސައްކަތް ކުރައްވާފައެވެ. ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރުކަންވެސް ކުރައްވާފައިވެއެވެ. ކަމާލުއްދީނަކީ ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ ސިޔާސީ ގޮތުން ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ.