ފިނިޕޭޖް

ފިލްމު ކުޅެން ބޭނުމިއްޔާ ބަރުދަން ލުއިކުރަން މަޖްބޫރު: ޝެހެނާޒް

އެކްޓަރު އަދި ލަވަކިޔުންތެރިޔާ ޝެހެނާޒް ގިލް އިންޑިޔާގައި އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ 2019 ގައި ދެއްކި ރިއަލިޓީ ޝޯ "ބިގް ބޮސް 13" ގައި ބައިވެރިވުމުންނެވެ. ބިގް ބޮސްގެ ގޭގައި ޝެހެނާޒް ހުރި ދުވަސްވަރު އޭނާ ފެނުނީ ތަންކޮޅެއް ހަށިގަނޑު ވަރުގަދަކޮށް ހުއްޓާ ނަމަވެސް މިހާރު އޭނާ ވަނީ ހުރިހާ ސަރުބީ ވިރުވާލައި ލޫޅާފަތި ވެފަ އެވެ. ޝެހެނާޒްގެ ފަހުގެ މިއުޒިކް ވީޑިއޯތަކުގައި އޭނާ ފެންނަނީ ފާހަގަ ކުރެވޭ ވަރަށް ހިކިފައި ހުއްޓަ އެވެ.

އަންގާރަ ދުވަހު ޔޫޓިއުބު ލައިވް ސެޝަން އެއްގައި ޝެހެނާޒް ވަނީ ހިކެން ކުރި މަސައްކަތް ތަކާބެހޭ ގޮތުންނާއި ޑައެޓްކުރުމުގެ މުހިއްމުކަމާ ގުޅޭ ގޮތުން އޭނާ ދެކޭ ގޮތް ކިޔައިދީފަ އެވެ. އިން ފިލްމު އިންޑަސްޓްރީއަށް ވަންނަން ބޭނުންނަމަ ކޮންމެހެން ވެސް ހިކެން މަޖުބޫރު ކަމަށް އޭނާ ބުންޏެވެ.

"ބިގް ބޮސް"ގެ ގޭގައި ހުރިއިރު ތަންކޮޅެއް ހަށިގަނޑުގެ ބަރުދަން އިތުރުވެފައި ހުރުމުން މާ ރީތިކަމަށް ފޭނަށް މި ސެޝަންގައި ޝެހެނާޒް ކައިރީގައި ބުންޏެވެ.

ފޭނުގެ ވާހަކައަށް ޖަވާބުދެމުން ޝެހެނާޒް ބުނީ އޭނާއަށް ވެސް އޭރު ހުރި ސިފަ ރީތި ކަމަށެވެ. ނަމަވެސް އެ ސިފައިގައި ހުރުމުން ފިލްމުތަކުން ފުރުސަތު ނުލިބޭކަމަށް އޭނާ ބުންޏެވެ.

"އިންޑަސްޓްރީގައި ހިކި ކުދިންނަށް ޑިމާންޑް އޮތީ،" ޝެހެނާޒް ބުންޏެވެ.

ޝެހެނާޒްގެ ފުރަތަމަ ބޮލިވުޑް ފިލްމު ރިލިޒްކުރުމަށް ދަނީ ތައްޔާރުވަމުންނެވެ. މި ފިލްމުގެ ބަތަލަކީ ދިލްޖީތު ދޮސާންޖް އެވެ. ޝެހެނާޒް ބުނީ ފިލްމު ރިލީޒްކުރުމުގެ ކުރިން އިންޑިޔާގައި މިހާރު އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތައް މުޅިން އުވާލަން އޭނާ ބޭނުންވެ އެވެ. އެއީ ގިނަ ބަޔަކަށް ތިއޭޓަރު ތަކަށް ގޮސް ހިތްހަމަޖެހިލައިގެން ފިލްމު ބަލާލެވޭނީ އޭރުން ކަމަށް ވާތީ އެވެ.