ވާހަކަ

ވޭހަނދާން މާޒީ އަލުން

ބޮޑުބެ މިހުރިހާ ވާހަކައެއް މަންމައާއި ދެއްކި އިރު، އަހަރެން ހުރީ ބިތްގަނޑުގައި ކަންފަތް ޖަހައިގެން އަޑު އަހާށެވެ. ހިނގާށޭ ބުނި އަޑަށް އެތަނުން ދުރަށް ޖެހިލީމެވެ. އިސްކޮޅުން ކިތަންމެ ކުޑަޔަސް އަހަރެންގެ ވިސްނުން ބޮޑު މީހަކަށް ދޫނުކުރާހާ ތޫނެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން އަތުލަފި ކޮށްގެން ކަހަލަ ގޮތަކަށް ބޮޑުބެ މަންމަ ގޮވައިގެން ނުކުތެވެ. އެކަނިގޭގައި ނޯންނާށޭ ކިޔާފައި އަހަރެމެން ދެމައިން ބޮޑުބެ ގެންދިޔައެވެ.

ރަށުތެރޭގައި ކާރުބާރު ބޮޑުވެފައިވެއެވެ. ޢީދުގެ ތައްޔާރީ ތަކުގައެވެ. އާރުސް ހިލުމާ ހެދިކާ ހެދުމެވެ. މީގެ އިތުރުން ނަކަތްގެ ލެއްވުމަށް ހެދިފައިވާ ޢީދުގެ ތަކުން ރަށުތެރޭގެ ޒީނަތްތެރިކަން އިތުރަށް ފުރިހަމަ ކޮށްދީފައި ވެއެވެ. ޢީދު އުފާ ފާހަގަކުރުމަށް ރަށުގެ ކުދިބޮޑު އެންމެ ތަފާތު ކުޅިވަރުތަކަށް ތައްޔާރު ވަމުން ދިޔައެވެ. ގޯތިތަކަށް ދޮންވެލި ލައި އާބާތުރަ ފިލުވަމުން ދިއައީ އެމީހެއްގެ ފެންވަރުންނެވެ. ރަށަށް އަރާ މެހްމާނުނަށް ކަމޭހިތުމުގެ ގޮތުންނާއި އީދަށްޓަކައެވެ. ހައްޖުދުވަހަށް އަލިވިލުނު އިރު ރަށަށް މީހުން އަރާ ފުރިއްޖެއެވެ. އަހަރެން ނަކަތްގެ ލެއްވުމަށް ހަމަޖެހިފައިވަނީ ޢީދުދުވަހުގެ ޢީދު ނަމާދަށް ފަހުގައެވެ.

ބޮޑުބެ އަހަރެމެން ގޮވައިގެން މޫދަށްދާން ދިޔައެވެ. ދިޔަ މަގުމަތިން އީދު މޫދު އެރުމަށް ހިރުދު އޮށާއި އާމަނަކަ އޮށާއި އީޓުން ޢީދު ގުޅަ ހަދައިގެން މޫދު އެރެން ދިޔަ ގުރޫޕެއްވެސް ފެނުނެވެ. އެ މީހުންގެ ފަހަތުން އަހަރެންވެސް އަޅުވާލީމެވެ. މޫދު އެރެން ދިޔައިރު ޢީދު ދޯނި ޖެހުމަށް ފަޅުގައި ހައެއްކަ ދޯނި ދިދަފަތި ދަމާ ތައްޔާރު ކޮށްފައި އޮތެވެ. އަދި ކުރުފަލި ޖެހުމަށްޓަކައި އޮޑި ތައްޔާރު ކުރާ ޒުވާން ގުރޫޕެއްވެސް ތިއްބެވެ. ޢީދު ގުޅަ ގިރުވައިގެން މޫދުގައި ބަކަ ތަޅަތަޅާ ތިއްބާ ބޮޑުބެ ގޮވާލީއެވެ.

"އަވަހަށް މޫދުން އަރާ. ޢީދު ނަމާދަށް ދާގަޑި ޖެހެނީ" އެހެން ބުނުމާ އެކު މޫދުން އަރައިގެން ބޮޑުބެއާއި އެކު ގެއަށް ދާން ހިނގައި ގަތީމެވެ. އެހިނދު ބޮޑުބެ ބުންޏެވެ.

"އަތުގައި އޮތް އެންމެ ނަލަ ހެދުން ބުރުވާލަން ވާނެ.ހުވަދު އަތަރުން ވަސްމީރު ކޮށްލާތި " އެހެން ބުނިއިރު ބަލައި އައިސް މަންމަ ހުއްޓެވެ. މަންމަ އަރާ ހަމަވުމުން މަންމަޔާއި އެކުގައި ގެއަށް ދިޔައީމެވެ. އީދު ނަމާދަށް ދެވޭތި އަހަރެން ހުރީ އުފަލުން ވަރެއް ނެތިފައެވެ.

ޢީދު ނަމާދަށް ދާން ތައްޔާރު ވެގެން ބޮޑުބެ އާދޭތޯ ދޮރު މައްޗަށް ނުކުތީމެވެ. އޭރު ބޮޑުބެ އާދެއެވެ. އަތްދިގު ހުދު ގަމީހަކާ ތާކިހަލެއް އަޅައި ބޮޑުގޮޅި ޖެހި މުންޑުގައި ބޮޑުބެ ފެންނަނި ރަސްމަތި ފުށު ބޭކަލެއް ހެންނެވެ. އެހެންޏާ ނާށި ބަރަވެއްޔެއް ހެން ހުންނަ ދަތް ޕިލަ ހުރީ ތެޔޮލައި އޮފް ކޮށް ލައިފައެވެ. ބޮޑުބެގެ ނަލަކަން މިފެނުނީ އީދު ހެދިލުމުންނެވެ.

ޢީދު ނަމާދަށް ފަހު ސަލާމް ގަލާމްކޮށް އަތޮޅުވެރިން އަރިހަށް ޢީދު ވެދުމާ ދިޔަ މީހުންގެ ފަހަތުން ބޮޑުބެ ނައްޓާލިއެވެ. ފަނުންވިޔެފައިވާ ވަށި ތަކުގައި ވަނީހަދިޔާ ތަކެވެ. ރަށުގައި ހުންނައެންމެ އިސްވެރިއެއްގެ ގާތަށް ޢީދު ވެދުމާ ދިއުމަކީ ޒަމާނުންސުރެ ހިނގަމުން އަންނަ ކަމަކަށްވާތި އެކަން ކުރިއެވެ. އަތޮޅުގޭ ތެރެއަށް ވެދުމާ ދިޔަ މީހުން އެތެރެއަށް ވަދެގެން ދިޔައިރު ބޮޑުބެ ހުރީ އަހަރެން އުރައި ގެންނެވެ. ބޮޑުބެ އަހަރެން ލައްވާ ސަލާމް ކުރުވިއެވެ. އެތަނުން ނުކުތް އިރު ދެލި މާލި ހެދިގެން ބެރު ދުންމާރި ތާޅަފިލި ފުމެމުން އަންނަތަން ފެނުނެވެ. އަހަރެން ބިރުގަންނަ ގޮތް ވިއެވެ. އެހެންވެ ބޮޑުބެ އެހެންމަގަކުން އަޅުވާލިއެވެ. މީހުންގަނޑު ސައިބޯން އައުމަށް ގޮވަމުން ދިޔައެވެ. ދެތިން ގެއަކަށް ވަދެ ކުޑަގޮތެ ހަދާލުމަށްފަހު ގެއަށް ދިއުމަށް ދަތުރު ފެށިއެވެ.

ޖެހިގެން އޮތް ގޯޅިން އެނުކުތީ ފަހަރި ދައިތައެވެ. ގޭގެއަށް ސައިބޯން ދުވާއިރު ކުރަން ހުރި ކަންތައްތައް އެހުރީ ނުނިމިއޭކިޔާ ދަތްކުނޑި ވިކައިގަތެވެ. ގަޑިޖެހޭ ވާހަކަ ބުނެ ލައިނުގަނެ ހިނގައި ގަތެވެ. އެނބުރި ގެއަށް ދިއުމާއެކު މަންމަ ނަޞޭހަތްތެރިވާން ފެށިއެވެ. "ކޮންމެ ފިރިހެން ކުއްޖަކުވެސް ނަކަތްގެ ލައްވާއިރު ހިއްވަރު ކުރަން ވާނެއޭ ބަސް އަހަންވާނެ." މަންމަ އެހެން ބުނިއިރު ވެސް އިނީ ފެންކަޅި ވެފައެވެ.

އަނެއްކާވެސް ބުންޏެވެ. "ނަމަ! ނަމަ! ބޮޑާ ނުދައް ކައްޗެ. އެއީ ދަރިފުޅުގެ މުޅި ދިރިއުޅުމާ ގުޅިފައިވާ ކަމެއް."

އެވަގުތު ބޮޑުބެ އަހަރެން ބަލައި އަންނަތަން ފެނުމުން މޭގަނޑު އަނގަޔަށް އަންނަހެން ހީވިއެވެ. ބޮޑުބެ އަހަރެން ގެންދާން ފެށުމުން މަންމަ އަހަރެންގެ ބޮލުގައި ފިރުމާލަމުން އަހަރެންނަށް ބަލައްޗޭ ބުންޏެވެ. ނަކަތްގެ ލައްވާ މޭޒުމަތީގައި އަހަރެން ބޭއްވުމާ އެކު ލޯމެރީމެވެ. އެމީހުން ކުރާކަމެއް ނުބަލާ މަންމަގެ ބަސްއަހައިގެން އޮއްވާ އެ ކުރިކަމެއް ކޮށް ނިމުމުން ޢީދުގެއަށް އަހަރެން ގެންދިޔައެވެ. އެލުވާފައިވާ ފޮތިގަނޑުމަތިން އަޅާ ނިވައި ކޮށްލުމުން ލޯހުޅުވާ ބަލާލީމެވެ. މަންމަ ރޮވިފައި ހުރެގެން އައިސް އަހަރެންގެ ނިންކުރީގައި ފިރުމަން ފެށިއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި މީހުންތައް ޖަމާވެ، ޢީދުގެ ފުރާލިއެވެ. މެދު ނުކެނޑި ރަށުގެ އެކި ހިސާބު ތަކުން މީހުން ޒިޔާރަތް ކުރަމުން ދިޔައެވެ. ޢީދުގޭގައި ކެއުމާއި ސައި، އަދި ދުފުން އަޑިވުމެއް ނެތި ލިބެން ހުއްޓެވެ.

ޢީދުގެއަށް އަންނަ ކޮންމެ މީހަކުވެސް އަންނަނީ ހަދިޔާ ގޮނަކާ އެކުގައެވެ. ދަމަށް ތިބޭ މީހުން ފޫހި ފިލުވަން ވާހަކަ ކިޔުމާއި، ބުރުނީ ރައިވަރު ކިޔުން އޮތެވެ. ނުދަންނަ ބަޔަކު ޢީދުގެއަށް ވަދެގެން އަންނަތަން ފެނުމާއެކު މަންމަ ތެޅިގަތެވެ. އެތަނުން އެކަކު އަހަރެން ނާއި ގާތަށް ހުއްޓެމުން ވަރަށް ހައިރާންވެ ހުރެ މަންމަގެ މޫނަށް ބަލާލިއެވެ. ސަމީނާ ހެއްޔޭ ކިޔާ ސުވާލު ކުރިއެވެ. މިއީ ސަމީނާގެ ދަރިފުޅުހޭ ވެސް އެހިއެވެ. ދެބުމަ ގޮށްޖަހާލުމަށް ފަހު މޫނު ކުނިކޮށްލިއެވެ. "މިއީ ޒާހިދުގެ ވެސް ދަރިއެކެ." އެއަޑަށް އެންމެން ހައިރާން ވެގެން މަންމައާއި ދިމަ ބަލަން ތިއްބެވެ. އަހަރެންގެ ކުރިމަތީގައި އެހުރީ އަހަރެންގެ ބައްޕަ ކަން އެނގުމުން ވީ އުފާ ބުނެދޭން ނޭނގުނެވެ. ބައްޕަ ހަދާންވާ ކޮންމެ ފަހަރަކު އަހަރެންގެ ހިތުގައި ކުރެހުން އެޅުނު ތަސްވީރާ ކުޑަވެސް ޚިލާފެއް ނެތެވެ. މަންމަގެ ހިތުގައި އުފެދިފައިވާ އުދާސްތައް ނަފުރަތާ އެކު ފާޅު ކުރަމުން ދިޔައެވެ.

" ޒާހިދުގެ މަންމަމެން ހީކުރަނީ ފަޤީރުންނަކީ އެއްވެސް ބައެއް ނޫންކަމަށް ހެއްޔެ؟ ޒާހިދު ދަތުރު ކުރަން ދިޔުމުން އަހަރެން ގޭން ނެރެ އެއްލާލީ މިންވަރަށް އީމާން ނުވާ އަޅުންގެ ގޮތުގައި މަރުވެދާނެ ކަމަށް ހެއްޔެ؟ޒާހިދު އަހަރެން ވަރިކޮށްފައި، ފޮނުވި ސީޓީ ލިބުނު އިރު އަހަރެން އިނީ މިދަރިއަށް ބަލިވެ. އަހަރެންގެ ބޭނުން ނެތްއިރު ރާއްޖެތެރޭ މީހަކަށް ލިބޭ ދަރިއެއް ވަކިން ބޭނުން ވާނެހެއްޔެ؟ " ހިތަށް އައިހާ އެއްޗެއް ކިޔަން ފެށުމުން ބޮޑުބެ އެތަނަށް އައިސް މަންމަ ސުލްޙަ ކުރެވޭތޯ ބެލިއެވެ.

އެވަގުތު ބައްޕަ ވާހަކަ ދައްކަން ފެށިއެވެ.

"ސަމީނާ! އަހަރެން، ސަމީނާ ވަރިކޮށްފައި ސީޓީ އެއް ނުފޮނުވަން. އަހަރެން ދަތުރު ކުރަން ދިޔަތާ ދެމަސްފަހުން މަންމަމެންގެ ސިޓީ އެއް ލިބުނު. އެސިޓީ ގައި އޮތީ ސަމީނާ ކުއްލި ގޮތަކަށް ނިޔާވި ވާހަކަ. ސަމީނާގެ ހަނދާނުގައި ދިރިހުރުމާ ހަނގުރާމަ ކުރިން. އަހަރެންގެ އާއިލާއާއި ދެކޮޅަށް ސަމީނާއާއި ކައިވެނި ކުރީ ލޯބިވާތީ. ދަތުރު ކުރަން ދިޔައީ މައިންބަފައިންގެ ނުފޫޒާއި ނުލާ އަމިއްލަ ފައިމައްޗަށް ތެދުވެ ދިރިއުޅުމެއް ބިނާކުރަން ބޭނުންވާތީ. ނަމަވެސް ސަމީނާގެ މަރުގެ ޚަބަރު އަހަރެންގެ ހުރިހާ ހުވަފެނެއް ވިއްސި ވިހާލި ކުރުވި. ވަރިކޮށްފައި ކަމަށް ލިޔެ ތިޔަ ފޮނުވި ސިޓީއަކީ ކާކު ފޮނުވި ސިޓީއެއް ކަމެއް ނުދެނަ ހުރީން. މަރު މަތީގައި މަންމަ ކަމަކަށް މާޢާފަށް އެދުނު. ސިޓީއެއްގެ ވާހަކަވެސް ދެއްކި. ނަމަވެސް މަންމަގެ ދުލުގެ ވާގިގޮސްފައި ވާތީ ކީއެއްޗެއް އެހާ ސާފެއް ނުވި. އަދި އެކަމަކަށް މާބޮޑު ސަމާލު ކަމެއް ނުދެވުނު. މަންމަ ކުރި ނަމަވެސް އެކުރީ ވަރަށް ބޮޑު ކުށެއް. އެއީ އަހަރެންގެ މައިންބަފައިން ކަމަށް ވާތީ އެމީހުން އެކުރި ކުށަށް އަހަރެންނަށް ޓަކައި މާޢާފް ދީ! ސަމީނާ ތިޔައީ އަހަރެންގެ އަނތްބެއް. އެދުވަހު ސަމީނާ ނިކަމެތި ކަމާއެކު އެއްލާލި ގެއަށް އިއްޒަތާ ޝަރަފާއި އެކު އަލުން ގެންދަން އަހަރެން ބޭނުން. އަހަރެންނަށް މިރަށަށް މިއާދެވުނީ ތަޤުދީރުގެ ގަލަމުން މިކަން މިހެން ހިނގުމަށް ލިޔެވިފައި ވާތީ. މިންވަރު ފުޅުން ހިނގާ ކޮންމެ ކަމެއްގައި ވެސް ފޮރުވިފައިވާ ކޮންމެސް ޙިކުމަތެއްވާނެ. الله ނިންމެވުމަށް ޙަމްދާ ޝުކުރު ކުރަން."

އެހެން ބުނުމަށްފަހު ބައްޕަ އަހަރެންގެ ގައިގައި އޮޅުލައިގަތެވެ. މޫނުގައި ބޮސްދިނެވެ. ބައްޕަގެ އެބީހުން ދުވަހަކުވެސް އަހަރެން ހަދާނުން ފިލާ ނުދާނެއެވެ.

ބައްޕަގެ ވާހަކަތައް އަޑު އިވުމާއެކު މަންމަގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބާ ގަތެވެ. އިސްޖަހައިގެން ހުރެ ބައްޕަގާތު މަޢާފް ކުރާށޭ ބުންޏެވެ. ކުރެވުނު ކުށްހީތަކާ ކިޔުނު އެއްޗެއްސަށް މާޢާފް ކުރާށޭ ބުންޏެވެ. ބައްޕަ އައުމުން މަންމަ އުފަލެއް ނުވޭ ހެއްޔޭ އަހަރެން ބުނީމެވެ. ބައްޕައަކި ކުށްވެރިއެއް ނޫނެވެ. އެހެން ބުނިތަނާ ބޮޑުބެ ބުންޏެވެ. "ކުށެއް އެކަކުވެސް ނުކުރެއެ. މީ އުފާކުރަންވީ ވަގުތެ. ފުސް މޫނު ހަދައިގެން މާޒީއާއި މެދު ޝަކުވާ ކޮށްގެން އެކަކުވެސް ނުވާނެއެ". ބޮޑުބެ އެހެން ބުނުމުން އަހަރެންގެ އަތް މަންމަޔާއި ބައްޕަގެ އަތާއެކު

ގުޅުވާ ލަމުން މާޒީ ހަދާން ނައްތާލާށޭ ބުނީމެވެ.

ބައްޕަގެ ހުރިހާ ވަގުތެއް އަހަރެންނަށް ޓަކައި އޭގެ ފަހުން ހުސްކުރިއެވެ. ފަސްދުވަސް ފަހުން އަހަރެން ތަންމަތިން ނަގާ 7ދުވަސް ވުމުން ފެނުއެޅި ބަތް ކައްކާ އެދުރު މީހާގެ ހިތް ޚަލާސް ހޯދިއެވެ. އީދު ބަންދަށް އައި މީހުން ރަށުން ފުރި އޮޑިއަކުން މަންމައާއި ބައްޕަ އަދި އަހަރެން މާލެ ބަދަލުވީމެވެ. އޭރުން ސުރެ މިއުޅެނީ މާލޭގައެވެ.

އުފަން ރަށަށް އާދެވުމުން ކުރީގެ ހުރިހާ ހަނދާންތަކެއް އާކޮށްދީފިއެވެ. މަންމައާއި ބައްޕަ މިފަހަރު ހައްޖުން އެނބުރި އައިސް ބޮޑުބެ ބަލިވެ އުޅޭތި ބޭރަށް ގެންދަން ބަލައި އަންނާނެ ވާހަކަ މަންމަ ބުނިވާހަކަ ބުނަމުން ސަލްވާއާ ދެމީހުން އަވަށަށް ދިއުމަށް ހިނގައި ގަތީމެވެ. ޢިދު ކުޅިވަރު ތަކާއެކު ރަށުތެރޭން ފެންނަ ކޮންމެ މަންޒަރަކުން މާޒީ ހަދާންވެ އާލާވަމުން ދިޔައެވެ.(ނިމުނީ)

ފުރަތަމަ ބައި:

ދެ ވަނަ ބައި: