ރައްޓެއްސަކާ ދިމާވުމުން އޭނާ އަހާލީ މިހެންނެވެ. ކީ އެއްޗެއް ނޭނގުނުހެން ހީވެގެން އޭނާ އަނެއްކާވެސް ހަމަ އެ ސުވާލުން މޫނު މަތީގައި ޖަހައިފި އެވެ.
ދެން ވެސް އެކުވެރިޔާ މިކިޔާ އެއްޗެއް ފަހުމްވާ ގޮތެއް ނުވި އެވެ.
އެންމެފަހުން މި ރާއްޖޭގައި ތަށްޓަކަށް ކުޅުނު ވާދަވެރި މުބާރާތުން ދިވެހިންގެ ގައުމީ ޓީމު ބަލިވީ އެވެ. ތަށި ނެގީ ފަލަސްތީނެވެ. އެހެންވީމަ އަޅުގަނޑު ޓީމް ފަލަސްތީނެވެ.
ނަމަވެސް އެކުވެރިޔާ ދެއްކީ މިހާރު ކުރިއަށް ދާ އޭޝިއަން ކަޕުގެ ވާހަކައެއް ނޫނެވެ. ޓްވިޓަރާއި ފޭސްބުކްގައި މި އުޅޭ ސިޔާސީ ދިވެހި "ޓީމުތަކުގެ" ވާހަކަ އެވެ.
އެކަމަކު އެ ވާހަކަ ފެށުމުގެ ހަމަ އަހާލަން ބޭނުމެވެ.
އެންމެ މަޝްހޫރު ޓީމަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެއީ "ޓީމް އެމްޓީސީސީ" އެވެ. ބަރަވެލި ދުވެލީގައި 100 އަހަރު ވަންދެން އެ ބޭފުޅުން ފެރީ ދުއްވިޔަސް މި ޓީމުހާ މޮޅު "ޓީމެއް" މި ރާއްޖެއަކު ނެތެވެ. ބެލެވޭ ގޮތުގައި މިހާރު މި އުޅޭ ހުރިހާ "ޓީމުތަކެއް" ގެ ހަގީގީ ފެށުމަކީ ވެސް މިއީ އެވެ.
ދެން މި އަންނަނީ އެހެން ޓީމުތަކުގެ ވާހަކަ އެވެ. ސޯޝަލް މީޑިއާ އަށް ބޯކޮށްޕާލައިފި ނަމަ މިއަދު މި ފެންނަ މަންޒަރުގައި، ދެ މީހަކާއި ފަޅިއެއް ވެސް މި އުޅެނީ "ޓީމެއް" ހަދައިގެން ސިޔާސީ އަނގަތެޅުމުގަ އެވެ.
މިއަދަކު މި ރާއްޖެ އަށް ސިޔާސީ ޕާޓީއެއް ބޭނުމެއް ނުވެ އެވެ. ސިޔާސީ ޕާޓީތަކުގެ ވާދަވެރި ރޯގާއެއް ފެތުރުނު ދުވަސްވަރެއް ވެސް ދިޔަ އެވެ. އެކަމަކު މިހާރު މި އޮތީ "ޓީމު" ގެ ދުވަސްވަރެކެވެ. ޕާޓީ ސިސްޓަމް ތައާރަފްވެ އަޅުގަނޑުމެން ދިވެހިން ސިޔާސީ ޕާޓީތަކާ އެކު ފައްކާވީ ތޯއްޗެވެ؟
އެހެންވީމަ ދެ މީހަކާއި ފަޅި ވެސް މިއަދު އެއީ ސިޔާސީ ޓީމެކެވެ. އަދި ބަޔަކު މީހުން މާ ޓީމުވެގަނެގެން އުޅެނީ ހަމައެކަނި ސިޔާސީ ކަންކަމެއްގައެއް އެކަންޏެއް ވެސް ނޫނެވެ.
"ޓީމް ޕްރިޔާންކާ" ނުވަތަ "ޓީމް ސުނިޔާންކާ" އާއި މި ޓީމާ ވާދަވެރި "ޓީމް ނިއުމާ" އަކީ ވެސް މަޝްހޫރު ޓްރެންޑެކެވެ. ދެން މި ދެ ޓީމުގެ ފޯރި ގަދަވީ ކިހިނެތްތޯ ކިޔައިދޭން ވެއްޖެ ނަމަ ހަޔާތް ނުގޮވައި އެ ވާހަކައެއް ކުރިއަށް ނުގެންދެވޭނެތީ އެ ވާހަކަ ބާއްވާފައި ސިޔާސީ ޓީމުތަކަށް ޖެހިލަމާ ހިނގާށެވެ.
އަޅުގަނޑުމެންގެ ތެރެއިން އެއް ބަޔަކު ޝަކުވާކުރަނީ ސިޔާސީ ޕާޓީގެ ނިޒާމް މި ގައުމަށް ތައާރަފްކުރުމުންނެވެ. އެ ޝަކުވާގައި ރަނގަޅު ރާގެއް ވެސް އެބަ ކުޅެ އެވެ. އަޅުގަނޑުމެންގެ ކާބަފައިގެން ގައުމު ހަލާކުކޮށްލީ އެވެ. މި އޮތް އެކުވެރި ދިވެހި ދީބު ބައިބައިކޮށްލީ އެވެ.
ކޮންމެއަކަސް ދިވެހި މުޖުތަމައު މިއަދު މި އޮތީ ވަރަށް ވެސް ބޮޑަށް ބައިބައިވެފަ އެވެ. އެންމެ ފުރަތަމަ ސިޔާސީ ދެ ޕާޓީއަކަށެވެ. ޑީއާރްޕީ އާއި އެމްޑީޕީ އަށެވެ. މި ދައްކަނީ މި ޒަމާނުގެ ސިޔާސީ ފޯރީގެ ވާހަކަ އެވެ.
ދެން އައީ މި ދެ ޕާޓީގެ ތެރެއިން ނުކުމެގެން ދިޔަ އެހެން ބަޔަކު އުފެއްދި ޕާޓީތަކެކެވެ. ސިޔާސީ ޕާޓީތަކުގެ އަދަދު އިތުރުވެ ގައުމު ކުރިއަށް ވުރެ ބައިބައިވީ އެވެ.
ނަމަވެސް ބައެއް ފަރާތްތަކަށް އެމީހުން އުފެއްދި ސިޔާސީ ޕާޓީވީ އެހާ ކާމިޔާބު ސިޔާސީ ޕޯޑިއަމަކަށް ނޫނެވެ. "ޓީމު ސިޔާސީ" އުފެދިގެން އަންނަނީ މިހައި ހިސާބުންނެވެ.
މިއަދު އެންމެ މަޝްހޫރީ "ޓީމް އަދީބު" އާއި މި ޓީމާ ގުޅިފައިވާ މީހުން ޓްރެންޑްކުރަމުން އަންނަ "ޓީމް ޒުވާނުން" އެވެ. ކޮންމެއަކަސް ސިޔާސީ ޓީމުތަކުގެ މަންމައަކަށް ވެފައި އޮތްތަން ސޯޝަލް މީޑިއާ އިން ފެންނަނީ، ސަރުކާރު ހިންގާ ޕީޕީއެމް އެވެ.
"ޓީމް ޔަގީން" އަކާއި "ޓީމް އަދީބު" އަކާއި "ޓީމް ޒުވާނުން" ނަކީ ހައްތަހާ ވެސް ޕީޕީއެމްގެ އެކި ފެންވަރުގެ އެހެން ގޮފިތަކެވެ. ނުވަތަ ކުދި ޕާޓީ އެވެ.
ދެން މި އުޅެނީ "ޓީމް އަހަރުން" އެކެވެ. ފެންނަ ފެނުމަށް މިއީ ޕީޕީއެމާ ސިޔާސީ ގޮތުން ވާދަވެރި ފަރާތްތަކަކުން ނުރަސްމީ ސިފައެއްގައި ފަށާފައިވާ "ޖެއްސުމުގެ" ކެމްޕޭނެކެވެ. "ޓީމް އަހަރުން" އިން ބޮޑަށް ފާހަގަކޮށްލެވެނީ އިދިކޮޅު އެމްޑީޕީގެ ފިކުރާއި މޫނާއި ސެލްފީ އެވެ.
ކޮންމެއަކަސް މި ޓީމުތަކެއްގެ ވާހަކަ ދައްކާއިރު ފާހަގަކޮށް، ވިސްނާލަން ޖެހެނީ ސިޔާސީ ވަކިވަކި ޕާޓީތަކަކަށް ވުރެ މި "ޓީމުތަކެއް" ގެ ބާރު މިހާރު މާ ގަދަކޮށްފައިވާ ކަމެވެ. މިސާލަކަށް "ޓީމް އަދީބު"، ބައެއް ތަޖުރިބާކާރުން ސިފަކުރަނީ ވެރިކަން ކުރާ ޕީޕީއެމަށް ވުރެ ވެސް ބާރުގަދަ "ޓީމެއް" ގެ ގޮތުގަ އެވެ.
"ޓީމް ޔަގީނަކުން" ފެށުނު މި ސިލްސިލާ މިހާރު އެއްކޮށް ޑޮމިނޭޓްކުރަމުން ދަނީ "ޓީމް އަދީބު" އާ ގުޅިފައިވާ ފަރާތްތަކުންކަން ދެން މިއީ އެންމެނަށް ފެންނަ ބޮޑު މަންޒަރެއް ނޫންތޯ އެވެ؟ "ޓީމު އަދީބު" އަކީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބަށް ވަފާތެރި ފަހުލަވާނުންނެވެ.
ބެލެވޭ ގޮތުގައި މިއީ މިވަގުތު ރާއްޖޭގައި އޮތް ޒުވާނުންގެ އެންމެ ގަދަފަދަ ގްރޫޕެވެ. ހައްދުފަހަނަޅައި ގޮސްފައިވާ ހަރުކަށި ދިވެހިންގެ މައްޗަށް "ޓީމް އަދީބު" އާއި "ޓީމް ޒުވާނުން" ހޯދި ކާމިޔާބީ އަކީ ވެސް ފާހަގަނުކޮށް ދޫކޮށްލާ ވަރުގެ ކާމިޔާބީއެއް ނޫނެވެ. މި ދެ ޓީމުގެ އިސް ނެގުމާ އެކު ގަލޮޅު ދަނޑުގައި އިހަކަށް ދުވަހު ބޭއްވި ދެ މިއުޒިކް ޝޯ އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ދެ ފިކުރު ވެސް އެކައްޗަކަށް ހަދާލި ވަރުގަދަ ކެމްޕޭނެކެވެ.
ޓީމުތަކުގެ ރޭހުގައި އެންމެ ބާރަށް ކުރިއަށް ދަނީ "ޓީމް އަދީބު" އާއި "ޓީމް ޒުވާނުން" ކަން މިއިން ވެސް ސާބިތުކޮށްދެ އެވެ. މޭ ފުއްޕާލާފައި އުޅުނު އެންމެ ބޮޑު އިދިކޮޅު ޕާޓީ ވެސް ނަގައިގެން ގޮސް ޕީޕީއެމާ އެއް ގަލަކަށް އެރުވީ އެވެ.
ކޮންމެއަކަސް ސިޔާސީ ޓީމުތައް، ސިޔާސީ ޕާޓީތަކުގެ މައްޗަށް ގަދަވެގަނެ ސިޔާސީ މައިދާން ފަތަހަކުރަމުން ގެންދާއިރު "ޓީމް ސްޕޫފްތަކެއް" އުފެދި ސިޔާސީ މި ރިހަގަނޑުގެ ރަހަ ހެޔޮވަރުކުރަމުންދާކަން ފާހަގަކޮށްލެވެ އެވެ. "ޓީމް ލައިލާ" އަކާއި "ޓީމް ނަޝީދަކާއި" "ޓީމް ފަސްޓް ލޭޑީއެއް" ވެސް އުޅެ އެވެ.
އަދި "ޓީމް ބުރޯ" އެއް ވެސް އުޅެ އެވެ.
ރާއްޖޭގެ ސޯޝަލް މީޑިއާގެ ތަހުތު މި އޮތްހާ ދުވަހު އޮތީ އެމްޑީޕީގެ އެކްޓިވިސްޓުންގެ އަތުގައިކަން ޔަގީނެވެ. "ކޭކޭބީކޭ" ފަދަ މަޝްހޫރު ހޭޝްޓެގްތަކާ އެކު އެމްޑީޕީގެ ސޯޝަލް މީޑިއާ ކެމްޕޭން އޮތީ ވާދަވެރި ޕީޕީއެމްގެ ލޮލަށް ފެންނަ ހިސާބެއްގައެއް ވެސް ނޫނެވެ. ނަމަވެސް އަދީބު އިސްކޮށް ހުންނަވައިގެން އެންމެފަހުން މި ވަނީ ރާއްޖޭގެ ސޯޝަލް މީޑިއާ އެ ބޭފުޅާގެ ޓީމު ޖަހާ ކޮންމެ ބެރަކަށް ނަށާ ސްޓޭޖަކަށް ބަދަލުކޮށްފަ އެވެ.
ހަގީގަތަކީ ވެސް "ޓީމް އަދީބު" ނުކުމެ ސޯޝަލް މީޑިއާ ހައިޖެކްކޮށްފި ކަމެވެ. އެމްޑީޕީގެ ކުޅަދާނަކަން ސޯޝަލް މީޑިއާގައި ގެއްލި، އެހެން ބަޔަކު ޖަހާ ބެރަކަށް އެމީހުންނަށް ވެސް ނަށަން މަޖުބޫރުވެއްޖެ ކަމެވެ.
ޖެއްސުމަކަށް ވިޔަސް، "ޓީމް އަހަރުން" ނޭކިޔާފައި އެމްޑީޕީ ނުކުތީ ފަހަރެއްގައި އެމީހުންގެ ނުފޫޒު ކުޑަވެފައިވާކަން އަމިއްލަ އަށް ފާހަގަކުރެވިގެންނެވެ. ނަމަވެސް އެމްޑީޕީ އަކީ ކުރިން މި ފެންވަރުގެ ޕާޓީއެއް ނޫނެވެ.
އެމްޑީޕީ ފަހަތުން ކުރިން ދުވީ އެހެން ޕާޓީތަކެވެ. "ޓީމް ބްރޯ" އާއެކު އެ މަންޒަރު ބަދަލުވީތޯއްޗެވެ؟