ބޭރު ކުޅިވަރު

ހަމަލާ ދީފާނެތީވެ ބެލްޖިއަމް – ސްޕޭން މެޗު ކެންސަލްކޮށްފި

ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމަށް ލަފާކުރެވުމުން ބެލްޖިއަމް އާއި ސްޕޭން ރޭ ބައްދަލުކުރަން އޮތް ރަހުމަތްތެރިކަމުގެ މެޗު ކެންސަލްކޮށްފި އެވެ.

ބެލްޖިއަމްގެ ބްރަސެލްސްގައި ކުޅެން މެޗު ކެންސަލްކުރީ މީގެ ތިން ދުވްސް ކުރިން ފްރާންސްގައި ބޮންގޮއްވި މީހުން ދަނޑަށް ވެސް ވަންނަން މަސައްކަރް ކޮށްފައިވާތީވެ، ސަލާމަތީ ސަބަބުތަކަށްޓަކައެވެ. ފްރާންސްގެ ހާދިސާގައި 129 މީހުން ވަނީ މަރުވެފަ އެވެ.

މި މެޗުގެ ކުރިން ބެލްޖިއަމްގެ ސަރުކާރުންވަނީ ޓެރަރިސްޓް ހަމަލާއެއްގެ ނުރައްކާ އޮތް މިންވަރު ތިން ވަނަ ލެވެލަށް މަތިކޮށްފަ އެވެ.

"ދިމާވެދާނެ ކުއްލި ނުރައްކަލެއްގެ ސަބަބުން ކުޅުންތެރިންނާއި ސަޕޯޓަރުންގެ ހިމާޔަތަށް ފިޔަވަޅު އަޅަންޖެހޭ. މިހެންވެ މެޗު ނުކުޅެން ނިންމީ. މިކަމާ އަހަރުމެން ހިތާމަކުރަން،" ބެލްޖިއަމްގެ އެފްއޭއިން މެޗު ކެންސަލްކުރުމަށްފަހު ބުނެފައިވެ އެވެ.

ބެލްޖިއަމްގެ ފުލުހުން ވަނީ ހަމަލާދޭން އުޅޭ ކަމަށް ލަފާކުރެވޭ އެކަކުގެ ނަން އިއުލާނުކޮށްފަ އެވެ. އެއީ ބްރަސެލްސްގައި ދިރިއުޅޭ 26 އަހަރުގެ އަބުދުއްސަލާމް ކިޔާ މީހެކެވެ.