ބޭރު ކުޅިވަރު

އަޔަލޭންޑް ޔޫރޯ އަށް ކޮލިފައިވެއްޖެ

ރިޕަބްލިކް އޮފް އަޔަލޭންޑް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވެއްޖެ އެވެ.

އެ ގައުމު ކޮލިފައިވީ ރޭ ބޮސްނިއާއާ ވާދަކުރި ޕްލޭއޯފް މެޗު 2-0އިން ކާމިޔާބުކޮށްގެންނެވެ. މި ދެ ޓީމު ކުޅުނު ފުރަތަމަ ޕްލޭއޯފް މެޗު ނިމުނީ 1-1އިން އެއްވަރުވެގެންނެވެ.

މެޗުގެ ދެ ލަނޑު ވެސް ޖެހީ ޖޮނަތަން ވޯލްޓާސް އެވެ. ފުރަތަމަ ލަނޑު އޭނާ ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.

އަޔަލޭންޑް ކޮލިފައިވުމުން ޔުނައިޓެޑް ކިންގްޑަމްގެ ދިދައިގެ ދަށުގައިވާ ހަތަރު ގައުމު އަންނަ އަހަރު ފްރާންސްގައި ބާއްވާ ޔޫރަޕުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުން ފެނިގެންދާނެ އެވެ. އެއީ އަޔަލޭންޑާއި އުތުރު އަޔަލޭންޑް އަދި ވޭލްސް އާއި އިނގިރޭސިވިލާތެވެ.

މެޗަށް ފަހު އަޔަލޭންޑްގެ ކޯޗު މާޓީން އޯނީލް ބުނީ ކޮލިފައިން ފެށިއިރު އޭނާގެ ޓީމު ކޮލިފައިވާނެ ކަމަށް ކުޑަކޮށް ވެސް ހީނުކުރާ ކަމަށެވެ.
"އެންމެ ފުރަތަމަ ފްރާންސަށް މުބާރާތަށް ދެވިދާނެ ކަމާމެދު ވިސްނަން ވެސް އުނދަގޫވި. ސަބަބަކީ އަހަރުމެން އޮތް ގްރޫޕުގެ ސަބަބުން. އެހެންވީމަ މިއީ ވަރަށް ހާއްސަ ކާމިޔާބީއެއް. ރެފްރީގެ އެންމެ ފަހު ކަށިގަނޑާއެކު ފްރާންސަށް އަހަރުމެންގެ ޓީމު ދާނެކަން ކަށަވަރުވުމުން އެއީ ވަރަށް، ވަރަށް ހާއްސަ ވަގުތުކޮޅަކަށްވި،" ކޯޗު ބުންޏެވެ.

އޭނާ ބުނީ މިއީ މުޅި ގައުމުގެ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށެވެ.

މެޗަށް ފަހު ބޮސްނިއާގެ ކޯޗު ބުނީ އޭނާ ދެރަވެފައި ހުރިވަރުން ވާހަކަ ދައްކަން ވެސް އުނދަގޫ ކަމަށާއި މެޗުން މޮޅުވާން ކުރެވެން ހުރި ހުރިހާ ކަމެއް ކުރި ކަމަށެވެ.

ޕްލޭއޯފް މެޗުތަކުން މިހާތަނަށް މުބާރާތުން ޖާގަ ހޯދާފައިވަނީ އަޔަލޭންޑާއި ހަންގޭރީ އެވެ. ހަންގޭރީ ކޮލިފައިވީ ޕްލޭއޯފްގައި ނޯވޭ ބަލިކޮށްގެންނެވެ.