"ގެދޮރުވެރިޔާ ލޯނު ސްކީމް" އިން އެންމެ ބޮޑުކޮށް ޕްރޮޖެކްޓަކަށް ދޫކުރާ އަދަދު 700,000 އަށްވުރެ އިތުރު ކުރެއްވުމަށް ވިސްނަވާނެ ކަމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު ބޭއްވެވި އޮންލައިން ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ހިންގަން ހަމަޖައްސާފައިވާ 1.5 ބިލިޔަން ރުފިޔާގެ ހައުސިން މަޝްރޫއުގެ ތެރެއިން ވެސް ކުޅުދުއްފުށި ސިޓީފަދަ ބޯހިޔާވަހި ކަމަށް ބޮޑަށް ބޭނުން ޖެހިފައިވާ ރަށްތަކަށް އިސްކަން ދެއްވާނެ ކަމަށެވެ. އަދި ގެދޮރުވެރިޔާ ލޯނު ސްކީމަށް މިހާރު ކަނޑައަޅާފައިވާ އަދަދު އިތުރުކުރުމާއި މިހާރު އެންމެ ބޮޑުކޮށް ޕްރޮޖެކްޓަކަށް ދޫކުރާ އަދަދު 700,000 އަށްވުރެ އިތުރު ކުރެއްވުމަށް ވިސްނަވާކަމަށެވެ.
މި ބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މޭޔަރު ވަނީ މިހާރުވެސް އެސިޓީގައި ގެދޮރުގެ ދަތިކަން ކުރިމަތިވެ 1200 އެއްހާ މީހުން ބޯހިޔާވަހަކަމަށް ބޭނުންވެފައި ތިބިކަން ފާހަގަކުރައްވާފައެވެ.
ކުޅުދުއްފުށީ ސިޓީގައި މީގެ ކުރިން މަސައްކަތް ހުއްޓިފައި ހުރި 105 ހައުސިން އެއްގެ މަސައްކަތް މި ސަރުކާރުން އަލުން ފަށައިގެން މިހާރު ދަނީ ކުރިޔަށް ގެންދާ ކަމަށާ އަދި ކުރިން ނުނިމި ހުރި 40 ހައުސިންގެ އެއްގެ ފިނިޝިންގެ މަސައްކަތްތައް މި ސަރުކާރުން ނިންމާ ކުޅުދުއްފުށީގެ ބޯހިޔާވަހިކަމަށް ލުއިކަމެއް ގެނެސްދީފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައު ހިދުމަތްތައް ތައާރަފްކުރުމާއި ހިދުމަތްތަކުގެ ފެންވަރުގެ މަތިކުރުމުގެ ގޮތުން މިހާރު ކުރިޔަށްދާ އެކްސްޕޭންޝަންގެ މަސައްކަތްތަކާއެކު ސިއްގީ ދާއިރާއަށް އަންނަމުންދާ ހެޔޮ ބަދަލުތައް ސިޓީ ކައުންސިލުގެ މެންބަރުން ފާހަގަކުރިއެވެ. އަދި ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތާބެހޭ ގޮތުންވެސް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޅުދުއްފުށީ ޓާޝަރީ ހޮސްޕިޓަލުގެ ޕްރޮޖެކްޓާ ގުޅޭ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެކްސްޕޭންޝަންގެ ގިނަ ޕްރޮޖެކްޓްތަކެއް މިހާރު ކުރިޔަށްދާއިރު ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް މިހާރު އޮތީ ޓެންޑާ އަށް ހުޅުވާލުމުގެ މަރުހަލާގައެވެ.
މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތްތައް ކުރިޔަށްދާތީ އެކަން ފާހަގަ ކުރައްވާފައެވެ. އަދި މަގުހެދުމުގެ ޕްރޮޖެކްޓްގެ ތެރޭގައި ފަޔާ ހައިޑްރަންޓް އަދި ޑީވޯޓަރިން ހިމަނައިދިނުމަށާއި ބައެއް މަގުތައް ގުޅުވާލުމަށް ސިޓީ ކައުންސިލުން އެދުނެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ސިޓީ ކައުންސިލުން އެދޭ ބަދަލުތައް ގެންނެވުމަށް ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. ސަރުކާރުން މިހާރު މަގުހެދުމުގެ މަޝްރޫއުތައް ކުރިޔަށްގެންދަވަނީ މަގުތަކަށް އަވަސް އަވަހަށް ބަދަލު ގެންނަން ނުޖެހޭގޮތަށް ޑްރެއިނޭޖް ސިސްޓަމާއި އެނޫންވެސް މަގާ ގުޅިފައިވާ ކަންކަން ހިމެނޭ ގޮތަށެވެ.