ރައީސް މުހައްމަދު ނަޝީދު

ރިޔާސީ އިންތިހާބުގައި ނަޝީދު ވާދަކުރައްވާނެ: އީވާ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެ ކަމަށް އެމަނިކުފާނުގެ ކޮއްކޮ އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އީވާ މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީގެ ކެމްޕެއިން ބައްދަލްވުމެއްގައި ކުޅުދުއްފުށި ސިޓީގައި މިރޭ ވާހަކަ ދައްކަވަމުންނެވެ. އީވާ ވިދާޅުވީ 2023 ގައި ބޭނުންވަނީ އެމްޑީޕީގެ ވެރިކަމެއް އޮތުމަށް ކަމަށެވެ. އީވާ މިހެން ވިދާޅުވީ އިމްތިޔާޒްގެ ކެމްޕެއިން ޓީމުން މަސައްކަތް ކުރަނީ 2023 ގެ އިންތިހާބު އެމްޑީޕީއަށް ގެއްލޭ ގޮތަށް ކަމަށް ސަރުކާރުގެ ބައެއް އިސްވެރިން ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވައެވެ.

އޭގެ ފަހުން އޭނާ ވިދާޅުވީ 2023 ގެ އިންތިހާބަށް ނަޝީދު ކުރިމަތިލައްވާނެ ކަމަށެވެ. އަދި 2023 ގެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ނަޝީދު ކުރިމަތިލައްވާނެ ކަމަށެވެ.

"2023 އަޅުގަނޑުމެން ބޭނުމީ އެމްޑީޕީގެ ވެރިކަމެއް. 2023 އަށް އަޅުގަނޑުމެން އެންމެންވެސް ބޭނުމީ ހަމަ އެމްޑީޕީގެ ވެރިކަމެއް. 2023 ގެ އިންތިހާބަށް އިރާދަކުރެއްވިއްޔާ ރައީސް ނަޝީދު ކުރިމަތިލައްވާނެ. 2023ގެ އިންތިހާބުގައި އެމްޑީޕީ ޕްރައިމަރީއަށް ރައީސް ނަޝީދު ކުރިމަތިލައްވާނެ،" އީވާ ވިދާޅުވިއެވެ.

2023 އަޅުގަނޑުމެން ބޭނުމީ އެމްޑީޕީގެ ވެރިކަމެއް. 2023 އަށް އަޅުގަނޑުމެން އެންމެންވެސް ބޭނުމީ ހަމަ އެމްޑީޕީގެ ވެރިކަމެއް. 2023 ގެ އިންތިހާބަށް އިރާދަކުރެއްވިއްޔާ ރައީސް ނަޝީދު ކުރިމަތިލައްވާނެ. 2023 ގެ އިންތިހާބުގައި އެމްޑީޕީ ޕްރައިމަރީއަށް ރައީސް ނަޝީދު ކުރިމަތިލައްވާނެ
އީވާ އަބްދުﷲ | މަޖިލީހުގެ ނާއިބު ރައީސް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ނަޝީދު ވާދަކުރައްވާނެ ކަމަށް އީވާ ވިދާޅުވިއިރު އެމްޑީޕީގެ އެއްވެސް އިންތިހާބެއްގައި ވޯޓުން ބަލި ނުކުރެވޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ސެޕްޓެންބަރު 5، 2021 ގައި އޮތް ނޫސްވެރިންގެ ބައްދަލްވުމެއްގައި ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި އެމަނިކުފާނު ބަލި ނުކުރެވޭނެ ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕްރައިމަރީން ބަލިވެވަޑައިގެންފިނަމަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާނަންތޯ ނޫސްވެރިޔަކު ކުރެއްވި ސުވާލަކާއި ގުޅިގެންނެވެ. ސީދާ ސުވާލުގެ ޖަވާބެއް އެމަނިކުފާނު ދެއްވާފައެއް ނުވެ އެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ ޕްރައިމަރީން ބަލި ނުވާނެ ކަމަށެވެ.