ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރެއްވުމަށް ކުރައްވާ މަސައްކަތްތަކާއިމެދު ކަންބޮޑުވުމެއް ނެތް ކަަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އޮފީހުގައި އޮތް ނޫސްވެރީންގެ ބައްދަލްވުމެއްގައި މަގާމުން ވަކިކުރެއްވުމަށް ކުރައްވާ މަސައްކަތްތަކާއި މެދު ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ އެއީ މާބޮޑު ކަންބޮޑުވުމެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގައި އެމަނިކުފާނު ކުރައްވާ މަސައްކަތް ގިނަ މެންބަރުން ބަލައިގަންނާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.
އިތުބާރު ނެތް ކަމުގެ ވޯޓް ނެގުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ތަފްސީލުކޮށް ވާހަކަ ދައްކަވަން ބޭނުންފުޅު ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ސޯލިހަށް ވަފާތެރި އެމްޑީޕީގެ މަޖިލީސް މެންބަރުން ގެންދަވަނީ މަޖިލީހުގެ ރައީސް ކަމުން ރައީސް ނަޝީދު އަދި ނާއިބު ރައީސް ކަމުން އީވާ އަބްދުﷲ ވަކި ކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. އެކަމާއި ގުޅޭ ގަރާރު ތައްޔާރު ކޮށް އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ބޭނުންވާ އަދަދަށް މެންބަރުންގެ ސޮއިވެސް ވަނީ ހަމަކޮށްފައެވެ. އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވައްދަން ބޭނުން ވަނީ 22 މެންބަރުންގެ ސޮޔެވެ. ބައެއް މެންބަރުން ވިދާޅުވާ ގޮތުގައި ސާޅީހާ ގާތް ކުރާ އަދަދަކަށް މެންބަރުންގެ ސޮއި ވަނީ ހޯދާފައެވެ.
އަދި ނަޝީދު އާއި އީވާ މަގާމުން ދުރުކުރުމަށް ފަށާފައިވާ މަަސައްކަތް ހުއްޓާ ނުލާނެ ކަމަށް އެ މެންބަރުން ވިދާޅުވެއެވެ. މި ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް ގޮވާލައި އޮންލައިން ޕެޓިޝަނެއްގައިވެސް ބަޔަކު ދަނީ ސޮއިކުރަމުންނެވެ.
ގަރާރު ހުށަހެޅުމުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކުރެވޭނެ އެވެ. އެއީ ހިނގަމުންދާ މަޖިލީހުގައި ތިއްބެވި 87 މެންބަރުންގެ ތެރެއިން 43 މެންބަރުންގެ ތާއީދާ އެކު އެވެ.