ޔޫރަޕްގައި ކޮވިޑް، ޑިޖިޓަލް ސެޓިފިކެޓް ރަސްމީކޮށް ބޭނުން ކުރަން ފަށައިފި އެވެ. މި ސެޓިފިކެޓް އޮންނަ މީހުންނަށް ޔޫރަޕް ގައުމުތަކުގައި މިނިވަންކަމާއެކު އެއްގައުމުން އަނެއް ގައުމަށް އަރައި ފޭބެ އެވެ.
ޔޫރަޕް ގައުމުތަކުގެ ކޮންމެ މީހަކަށް ވެސް ކޮވިޑް ސެޓިފިކެޓަކަށް އެދެވެ އެވެ. އެ ގައުމެއްގައި ސެޓިފިކެޓް ދޫކުރަން ހަމަޖައްސާފައި ހުންނަ އިދާރާއަކުން ނުވަތަ ސެންޓަރަކުން ސެޓިފިކެޓް ހަދައިދެ އެވެ.
ކޮވިޑް ޑިޖިޓަލް ސެޓިފިކެޓް ސްމާޓް ޑިވައިސްތަކަށް ބޭނުންވާ މީހުންނަށް އެގޮތަށް އަދި ކަރުދާހަށް ނަގަން ބޭނުން ނަމަވެސް އެކަން ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
ކޮވިޑް ސެޓިފިކެޓްގައި ހިމެނެނީ ކިޔުއާރު ކޯޑެކެވެ. ސެޓިފިކެޓް ގޭންގުޅޭ މީހާއާ ގުޅުން ހުރި ކޮވިޑް މައުލޫމާތު ރައްކާކޮށްފައި ހުންނަނީ އޭގަ އެވެ. ސްމާޓް ފޯން ކެމެރާއިން ނުވަތަ ކިޔުއާރު ކޯޑް ސްކޭނާއަކުން ކޯޑަށް ބަލާލުމުން އެމީހެއްގެ ކޮވިޑް ހާލަތު ފާޅުވެދެ އެވެ.
ކިޔުއާރު ކޯޑުން އެނގެން ހުންނަ މައުލޫމާތުގެ ތެރޭގައި އެއީ ވެކްސިން ޖަހާފައި ހުރި މީހެއްކަން އެނގެ އެވެ. އަދި އެމީހަކު ޖަހާފައި ހުރީ ޔޫރަޕިއަން މެޑިސިން އޭޖެންސީ ހުއްދަކޮށްފައި ހުރި ވެކްސިނެއްކަން ވެސް އެނގެ އެވެ. އެއީ ކޮވިޑް ޖެހިފައި ހުރި މީހެއްކަން ނުވަތަ ޕީސީއާރު ޓެސްޓް ހެދިފަހުން ވީ މުއްދަތު ވެސް އެނގެ އެވެ.
ކޮވިޑް ސެޓްފިކެޓަށް ބަލައި އެމީހަކު ވަކި ގައުމަކަށް އެރުވުމާއި ނޭރުވުން އޮޮންނަނީ އެ ގައުމެއްގެ އިދާރީ ހިންގުމަށް ދޫކޮށްލާފަ އެވެ. ޔޫރަޕް ނޫން ގައުމަކުން ވެކްސިން ޖެހި ނަމަވެސް އެއީ ކޮން ވެކްސިނެއްކަން ވެސް ޑިޖިޓަލް ސެޓިފިކެޓުން އެނގެ އެވެ. މިސާލަކަށް ރަޝިއާގެ ސްޕުޓްނިކް ވެކްސިން އަދި ޗައިނާގެ ސިނޮފާމް ވެކްސިންގެ ތަފުސީލު ވެސް އަންގައިދެ އެވެ.
ޔޫރަޕް ގައުމުތަކުގައި ނޫނަސް ކޮވިޑް ސެޓްފިކެޓް ބޭނުންކުރުމާ މެދު އަންނަނީ ސައްލާކުރެވެމުންނެވެ. ކޮންމެ ގައުމަކުން ވަކި ސެޓްފިކެޓެއް ހެދުމުގެ ބަދަލުގައި ދުނިޔެ ބަލައިގަންނަ ސެޓްފިކެޓަކަށް އެއްބަސްވުން ރަނގަޅު ކަމަށް ގައުމުތަކުން ބުނެ އެވެ.